މާލޭ ސިޓީ ކައުންސިލުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ތަނުގައި އަލިފާނުގެ ހާދިސާއެއް ދިމާވި ނަމަވެސް ލިޔެކިޔުންތަކަށް ގެއްލުން ނުވާނެ ގޮތަކަށް ކަންތައްތައް ބައްޓަންކުރުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ އެ އިމާރާތުގައި ހިންގާ ހައުސިން މިނިސްޓްރީއާއި، އިންފްރާންސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި އިމާރަތުގައި ސިޓީ ކައުންސިލުގެ އޮފީހެއް ވެސް ހިންގައެވެ.
މި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ބަޔަކީ އެ އިމާރާތުގައި ހިންގަމުންދިޔަ މާލެ ސިޓީ ކައުންސިލްގެ އޮފީހެވެ. މާލޭ ރައްޔިތުންގެ ރަށްވެހިކަމާއި، އަލަށް މާލެ ސަރަހައްދަށް އުފަންވާ ކުދިންގެ ލިޔެކިޔުންތައް ބެލެހެއްޓުމުގެ އިތުރުން، އިމާރާތްތަކުގެ ރެޖިސްޓްރޭޝަން ފަދަ މުހިންމު ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ހިނގަމުންދާ އެ އޮފީހުގެ ލިޔެކިޔުންތަކަށް ވަނީ ގެއްލުންވެފައެވެ.
ނަމަވެސް އެ ކައުންސިލްގެ މުވައްޒަފުން މިހާރު ގެންދަނީ އެ ހާދިސާއިން ސަލާމަތްކުރެވުނު ލިޔެކިޔުންތައް، ގަލޮޅު މަދަރުސާގެ ހޯލަކަށް އެއްކުރުމަށްފަހު ތަރުތީބުކުރުމުގެ މަސައްކަތްކުރަމުންނެވެ.
"ސަން" އާ ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލަށާއި ތިން މިނިސްޓްރީއަކަށް ބޮޑެތި ގެއްލުންތަކެއް ވެގެން ދިޔައީ "ޕްރޯ އެކްޓިވް"ކޮށް ރާއްޖޭގައި ކަންކަން ނުކުރެވި ހުރުމުގެ ސަބަބުން ކަމަށެވެ. ދުނިޔެ ކުރިއަރަމުންދާ ވަރާ އަޅާ ބަލާއިރު، މިހާތަނަށް ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ނުކުރެވި ހުރި ހުރުން އާޒިމް ފާހަގަކުރެއްވިއެެވެ.
އާޒިމް ވިދާޅުވީ ގާތްގަނޑަކަށް ވިއްސަށް ވުރެ ގިނަ އަހަރު އެގޮތަށް އެ ލިޔެކިޔުންތައް ބަހައްޓާފައި ހުރި ކަމަށެވެ.
"މިހާރު މިގޮތަށް މާލެ ސިޓީ ކައުންސިލްގަ އެއްޗިސް ހުންނަތާ، މުނިސިޕަލްޓީ ދައުރުން ފެށިގެން ކަންކަން މިއޮންނަނީ މިގޮތަށް. އަޅުގަނޑުމެން ޑިޖިޓަލައިޒްކުރުމުގެ ޕްރޮގްރާމް ފަށައިފިން،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިހާރު މަސައްކަތްކުރަނީ ވީހާ ވެސް އަވަހަށް ލިޔެކިޔުންތައް ތަރުތީބުކުރެވޭތޯ ކަމަށެވެ. އަދި އެއަށްފަހު ލިބުނު ގެއްލުމުގެ އެސެސްމަންޓެއް ހަދާނެ ކަމަށާއި ގެއްލުނީ ކޮންކޮން ލިޔެކިޔުންތަކެއްތޯ ބެލުމަށްފަހު، އެ ލިޔެކިޔުންތައް ރިކަވާ ކުރުމުގެ މަސައްކަތް އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އޭގެ ތެރޭގައި މީގެ އެތައް އަހަރެއްވެފަވާ ލިޔެކިޔުންތައް ވެސް ރައްކާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އެންމެ ބޮޑަށް ކަންބޮޑުވީ ގޯތިގެދޮރުގެ ލިޔެކިޔުން ގެއްލިދާނެތީ. އެހެންނަމަވެސް ގޮތިގެދޮރުގެ ގިނަ ޑޮކިއުމަންޓްސް އަޅުގަނޑުމެންނަށް ސަލާމަތްކުރެވުނު. ދެން ހުންނާނީ ވައިޓަލްސްގެ ޑޮކިއުމަންޓްތައް. ވިހާ މަރުވާ ޑޮކިއުމަންޓްސްތައް. އެއެއްޗިހި އަޅުގަނޑުމެންނަށް ރިކަވާކުރުމުގެ މަސައްކަތް ކުރަމުން އެބަދޭ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ޑޮކިއުމަންޓްތައް ޑީއެންއާރު ނުވަތަ ކޯޓުތައް މެދުވެރިކޮށް ރިކަވާކުރެވޭނެ ކަމަށެވެ. އަދި ކައުންސިލްގެ މަގުސަދަކީ ވީހާވެސް އަވަހަށް އެ ލިޔެކިޔުންތައް ރިކަވާކުރުން ކަަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ތަނުގައި މިކަހަލަ ކަމެއް ދިމާވިޔަސް މި ޑޮކިއުމަންޓްސް ސަލާމަތްކުރެވޭނެ ގޮތަކަށް ކަންތައްތައް ބައްޓަންކުރުން. އެއީ އަޅުގަނޑު މޭޔަރަކާ ހަވާލުވެފަ ވެސް އެންމެ ބާރަށް ފެށި ކަންތައްތައް،" އާޒިމް ވިދާޅުވިއެވެ.
"ސަން" އާ ވާހަކަދައްކަވަމުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ސަލާމަތްތެރިކަމާއެކު މިހާރު ގަލޮޅު މަދަރުސާއަށް ގެނެސްފައިވާ ލިޔެކިޔުންތަކަކީ 1950ގެ އަހަރުތަކުން ފެށިގެން މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީތަކާއި، އުފަންދުވަހުގެ ސެޓްފިކެޓްތަކާއި، އިމާރާތްތަކުގެ ކުރެހުންތަކާއި، އިމާރާތްތަކުގެ ރަޖިސްޓްރީގެ އިތުރުން އިމާރާތްތަކަށް ގެންނަ އެންމެހާ ބަދަލުތައް ފެންނަން ހުރި ލިޔެކިޔުންތައް ކަމަށެވެ.
"ވަރަށް ބައިވަރު އެއްޗިސްގެ ވާހަކަ މިދައްކަނީ. އޭގެ ތެރެއިން ބައެއް އަނދައިގެން ގޮސްފަ ވަނީ. އެއްކޮށް ތަރުތީބުކޮށް ނިންމުމުން ގެއްލުނީ ކޯންޗެއްތޯ ހުރީ ކޯންޗެއްތޯ އެނގޭނީ. އެއަށްފަހު ރިކަވަރީގެ މަސައްކަތް ކުރާނަން،" ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވީ މިއީ ފަސޭހަ މަސައްކަތެއް ނޫން ކަމަށެވެ. އެ ކައުންސިލްގެ މުވައްޒަފުން އެތައް ގުރުބާނީއެއް ވެގެން، ދުވާލާއި ރޭގަނޑު އެ މަސައްކަތުގައި އުޅެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ވެސް ވަނީ އެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުމުގެ ކަންބޮޑުވުންތައް "ސަން" އާ ހިއްސާކޮށްފައެވެ. އެގޮތުން ވައިޓަލް ރެޖިސްޓްރޭޝަންގައި މަސައްކަތްކުރާ މުވައްޒަފަކު ބުނި ގޮތުގައި ފޫޅުމާ ފޯމްތަކުގެ ތެރެއިން ގާތްގަނޑަކަށް 20 ޕަސެންޓް ވަނީ ގެއްލިފައެވެ. އަދި 80 ޕަސެންޓް ޑޭޓާއަށް އަސަރުކޮށްފައިވާއިރު އޭގެ ތަރޭގައި ފެން އެޅި ހަލާކުވެފައިވާ ލިޔެކިޔުންތަކާއި ދުމުގެ އަސަރު ކޮށްފަ ހުރި ލިޔެކިޔުންތައް ވެސް އެބަހުރި ކަމަށް އެނާ ބުންޏެވެ.
"ދެ ދުވަސް މިވަނީ އެ މަސައްކަތް ނުކުރެވޭތާ [ޚިދުމަތް ނުދެވޭތާ]. ދެ ދުވަހަށް ހުއްޓުނަސް މުޅި ތަން ޕްރެޝަރަށް ވެއްޓޭ. ވަރަށް ހިތާމަވެރި ހާދިސާއެއް މިއީ. ރައްޔިތުންނަށް މިހުރީ ޚިދުމަތްތަކެއް ނުދެވި. ހަގީގަތުގަ މިހާރުވެސް ގުޅަމުން އެބަ ގެންދޭ [މީހުން]،" މުވައްޒަފު ބުންޏެވެ.
އޭނާ ކިޔާދިން ގޮތުގައި ދުވާލެއްގެ މައްޗަށް 40ކަށް ނިއުބޯން ރަޖިސްޓްރޭޝަން ފޯމްގެ މަސައްކަތް ކުރަންޖެހެއެވެ. އަދި ދުވަސްވީ މީހުންގެ އުފަންދުވަހުގެ ސެޓްފިކެޓްތައް ހެއްދުމާއި އެނޫންވެސް މަސައްކަތް ކުރަންޖެހެއެވެ.
"ސަރުކާރަށް ދަންނަވަން އޮތީ ވީހާވެސް އަވަހަކަށް އަޅުގަނޑުމެންގެ 50 މުވައްޒަފުންނަށް ވޯކިން އެންވަޔަރަމަންޓެއް ހަމަޖައްސައިދެއްވުމަށް،" އޭނާ ބުންޏެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުންވި މިނިސްޓްރީތަކުގެ މަސައްކަތްތައް އިއްޔެ ވަނީ ދަރުބާރުގޭގައި ފަށައިފައެވެ. އަދި ސިޓީ ކައުންސިލްގެ ޚިދުމަތްތައް ވެސް މެދުނުކެނޑި މިހާރު ކުރިއަށްގެންދެއެވެ.