ޗެޓްރީ ޤައުމީ ޓީމަށް އަލުން ކުޅެން ނިންމައިފި

ސުނިލް ޗެޓްރީ--

އިންޑިއާ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސުނިލް ޗެޓްރީ އިންޑިއާގެ ޤައުމީ ޓީމަށް އަލުން ކުޅެން ނިންމައިފިއެވެ.

އިންޑިއާ ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ޗެޓްރީވަނީ މިދިޔަ އަހަރުގެ ޖޫން މަހު ކުވެއިތާ ދެކޮޅަށް ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗަށް ފަހު ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިޢުލާން ކޮށްފައެވެ.

އޭނާ އަލުން ޤައުމީ ޓީމަށް ކުޅެން ނިންމިކަންވަނީ އިންޑިއާގެ ފުޓްބޯޅަ އެސޯސިއޭޝަންއިން ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކޮށްފައެވެ.

އުމުރުން މިހާރު 40 އަހަރުވެފައިވާ ޗެޓްރީ ޤައުމީ ޓީމުގެ ރިޓަޔަމަންޓުން އެނބުރި މިއައީ އެ ޓީމަށް ފަހަކަށް އައިސް ދިމާވެފައިވާ އަޑިގަނޑުން ޓީމު އަރުވާދިނުމުގައި އެހީތެރިވެދިނުމަށެވެ. މިގޮތުން މި މަހުގެ ތެރޭގައި އިންޑިއާ ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް 2027ގެ ކޮލިފައިންގައި ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ހިމެނޭނެކަން އިންޑިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކޮށްފައިވެއެވެ. އަދި ކޯޗު މަނޯލޯ މާކުއޭޒް އެކުލަވާލި 26 ކުޅުންތެރިންގެ ޓީމުގައި ޗެޓްރީގެ ނަން ވަނީ ހިމަނާފައެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި އިންޑިއާ ހިމެނިފައިވަނީ ބަންގްލަދޭޝްގެ އިތުރުން ހޮންކޮންގާއި ސިންގަޕުރާއެކު އެއް ގްރޫޕެއްގައެވެ. އިންޑިއާއިން އެންމެ ފަހުން ކުޅުނު އޭޝިއަން ކަޕް ކޮލިފައިންގައި ގްރޫޕް ސްޓޭޖްގައި ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ.

ދެހާސް ފަސް ވަނަ އަހަރު ޤައުމީ ޓީމަށް ކުޅެން ފެށި ޗެޓްރީ އެންމެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ ޕާކިސްތާނާ ދެކޮޅަށެވެ. އޭނާއަށް އެންމެ ކާމިޔާބު އެއް މުބާރާތަކަށް ވެގެންދިޔައި 2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތެވެ. އެ މުބާރާތުގައި އޭނާ ވަނީ ހަތް ލަނޑު ކާމިޔާބު ކޮށް އެންމެ މުބާރާތެއްގައި އެންމެ ގިނަ ލަނޑު ޖެހި އިންޑިއާގެ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި އެއް މުބާރާތެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު އޮންނަނީ 2013 ވަނަ އަހަރު 10 ލަނޑު ކާމިޔާބުކުރި ރާއްޖޭގެ އަލީ އަޝްފާޤް އަތުގައެވެ. އަދި މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ދެކުޅުންތެރިންނަކީ 23 ލަނޑު ކާމިޔާބު ކޮށްފައިވާ ޗެޓްރީ އާއި އަޝްފާޤްއެވެ.

ޗެޓްރީ ވަނީ ޤައުމީ ޓީމާއި ކްލަބަށް މިހާތަނަށް ކުޅުނު 515 މެޗުގައި މުޅިއަކު 252 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ އިންޑިއާގެ ފުޓްބޯޅައަށް ކޮށްފައިވާ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ފީފާއިން ވަނީ 2022 ވަނަ އަހަރު ކެޕްޓަން ފެންޓާސްޓިކްގެ ނަމުގައި ޑޮކިއުމެންޓްރީއެއްވެސް ހަދާފައެވެ.

comment ކޮމެންޓް