ސްރީ ލަންކާގެ ރައީސް އަނޫރާގެ ފުރަތަމަ ދަތުރުފުޅު އިންޑިއާއަށް

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރު ދިސެނަޔަކާ އިންޑިއާއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އިންޑިއާގެ އިސް އޮފިޝަލުންނާއެކު، ފޮޓޯ/އެމްއީއޭ އިންޑިއާ

ސެޕްޓެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެން ސްރީ ލަންކާގެ އާ ރައީސް އަނޫރާ ކުމާރު ދިސެނަޔަކާ ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިއްޔެ އިންޑިއާ އަށް ވަޑައިގަންނަވައިފިއެވެ.

ތިން ދުވަހުގެ މުއްދަތަށް އިންޑިއާއަށް ކުރެއްވާ މި ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ގައުމުން ބޭރަށް ކުރެއްވެވި ފުރަތަމަ ދަތުރުފުޅެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރުޕަދީ މުރްމޫ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް، އެކިއެކި ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަނޫރާގެ މި ދަތުރުފުޅުގެ ބޭނުމަކީ އިންޑިއާ އާއި ލަންކާއާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމެވެ.

އޭގެއިތުރުން އަނޫރާގެ މި ދަތުރުފުޅުގައި ކަނޑުގެ ސަލާމަތީ ކަންކަމަށް އެއްބާރުލުން ދިނުމާ ގުޅޭ ކަންކަމާ ގުޅިގެން ވެސް މަޝްވަރާތައް ކުރައްވާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިންބުނެއެވެ.

އިންޑިއާގެ އެންމެ ގާތް އަވަށްޓެރި ގައުމެއްގެ ގޮތުގައި އޮތް ލަންކާއަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ ސާގަރު (ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން) ނުވަތަ ސަރަހައްދީ ރައްކާތެރިކަމާއި ތަރައްޤީ އަދި އަވަށްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް އިންޑިއާއިން ގެންގުޅޭ ސިޔާސަތުގައި މުހިންމު ރޯލެއް އަދާކުރާ ގައުމެކެވެ.

އަނޫރާ އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖަޔަޝަންކަރު ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ސެޕްޓެމްބަރު މަހު ލަންކާގެ ރައީސް ކަމަށް އަނޫރާ ވަޑައިގެންނެވުމުން ޖަޔަޝަންކަރު ވެސް ވަނީ ލަންކާއަށް ދަތުރުފުޅެއް ކުރައްވާފައެވެ.

އަނޫރާ ވެރިކަމަށް ވަޑައިގަތީ ލަންކާ ބަނގުރޫޓުވެ އިގްތިސާދީ ކާރިސާއެއް ކުރިމަތިވުމުން އުފެދުނު ހަމަނުޖެހުންތަކުގައި އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވިތާ ދެ އަހަރު ފަހުން ބޭއްވި އިންތިޚާބުގައެވެ.

comment ކޮމެންޓް