އަލިފާން ރޯވި ހައުސިން މިނިސްޓްރީގެ އިމާރާތުގައި މާލޭ ސިޓީ ކައުންސިލުން ހިންގަމުން ދިޔަ އޮފީހަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާތީ, މާލޭ ރަށްވެހިންގެ އުފަންދުވަހުގެ ސެޓްފިކެޓާއި، ގޯތީގެ ރަޖިސްޓްރީފަދަ މުހިންމު ލިޔެކިޔުންތަކެއް ގެއްލިދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.
ހައުސިން މިނިސްޓްރީގެ އިމާރާތުގައި ހިންގަމުން އައީ ސިޓީ ކައުންސިލުގެ ވައިޓަލް ސެކްޝަނާއި ލޭންޑް ސެކްޝަނުގެ އިތުރުން ބިލްޑިން ސެކްޝަނެވެ. މުޅި އެ އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.
މި ހާދިސާއާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން މާލޭ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު މުޙައްމަދު ސައިފް ފާތިހު ވިދާޅުވީ އަލިފާނުގެ އަސަރު ކުރި އިމާރާތުގައި ހުރީ ކައުންސިލުން ބަލަހައްޓާ މާލޭ ރައްޔިތުންގެ އުފަން ރިކޯޑާއި ރަށްވެހިކަމުގެ އެކި ބާވަތުގެ ސެޓްފިކެޓާއި ގޯތި ގެދޮރުގެ ރަޖިސްޓްރީއާއި ރަށްވެހިންގެ ރަޖިސްޓްރީއާއި އިމާރާތުގެ ހުއްދަތައް ފަދަ ލިޔެކިޔުންތައް ކަމަށެވެ.
"ބައެއް އެއްޗިއްސައް ގެއްލުންވެ ބައެއް އެއްޗިސް ހަމަ އެއްކޮށް އަނދައިގެން ގޮސްފައި އެބަހުރި. އެހެން ނަމަވެސް މިވަގުތު އަޅުގަނޑުމެންނަށް ދަންނަވަން ދަތި މިވެނި އެވެނި އެއްޗެކޭ ގެއްލުނީ މިވެނި ވަރެކޭ ސަލާމަތް ކުރެވުނީ،" ސައިފް ވިދާޅުވިއެވެ.
މި ލިޔެކިޔުންތަކުގެ ތެރެއިން ބައެއް ތަކެއްޗަކީ އިޔާދަ ކުރެވޭނެ ތަކެތި ނަމަވެސް، ބައެއް ލިޔެކިޔުންތައް އިޔާދަ ނުކުރެވޭނެކަން ސައިފް ވަނީ ފާހަގަކުރައްވާފައެވެ.
"ހުރިހާ އެއްޗެއް ހުންނާނީ ސްކޭން ކޮއްފައެއް ނޫން. އަޅުގަނޑުމެން ޑިޖިޓަލައިޒޭޝަން މަސައްކަތްތަކެއް ކުރަމުން މިދަނީ. ކުރީ ޒަމާނުގެ ބާ ރިކޯޑާ އެއްޗިހި ހުންނާނެ. ރިކަވާ ނުކުރެވޭ އެއްޗެހި ވެސް ހުންނާނެ އެތަނުގެ ތެރޭގައި،" ސައިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިޔާދަ ކުރެވޭނެ އެއްޗެހީގެ ތެރޭގައި ފަހުގެ އުފަން ދުވަހުގެ ސެޓިފިކެޓްތައް ހިމެނޭ ކަމަށެވެ. އެތަކެތި ހައްދާފައި ވާނީ ޑީއެންއާރު މެދުވެރިކޮށް ކަމަށް ސައިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާރު ކުރަނީ ލިޔެކިޔުންތައް އެ އިމާރާތުން ނެރުމުގެ މަސައްކަތް ކަމަށެވެ. އަދި ގެއްލުން ލިބުނީ ކޮންކޮން ލިޔެކިޔުންތަކަކަށް ކަން އެނގޭނީ އޭގެ ފަހުން ކަމަށް ސައިފް ވިދާޅުވިއެވެ.
"ބުނެވިދާނެ އަދި އެތަނުގައި ހުރި 40 ޕަސަންޓު ލިޔެކިޔުމޭ ނެރެވިފައި ވަނީ. ހުރިހާ އެއްޗެއް ނެރެވުނީމައި ގެއްލުން ލިބުނީ ކޮން ލިޔެކިޔުމަކަށް ކަން ބުނަން އެނގޭނީ،" ސައިފް ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ބަލަހައްޓާ ލިޔެކިޔުންތަކަށް ކޮށްފައި ވަނީ ހަމައެކަނި އަލިފާނުގެ އަސަރު ނޫންކަން ފާހަގަކުރައްވާ ސައިފް ވިދާޅުވީ އަލިފާން ނިއްވަން ފެން ޖެހުމުން ފެނުގެ އަސަރު ވެސް ލިޔެކިޔުންތަކަށް ވަރަށް ބޮޑަށް ކޮށްފައި ވާކަމަށެވެ.
"ބައެއް ލިޔެކިޔުންތައް ހުރީ ފެން ޖެހިގެން ޗަސްވާގޮތް ވެފައި،" އޭނާ ވިދާޅުވިއެވެ.
މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީއާއި އިންފްރާސްޓަރަކްޗާ މިނިސްޓްރީގެ އިތުރުން އެންވާރަމެންޓް މިނިސްޓްރީއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި, އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަނީ ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.