ޕީޖީ ލީޑަރަކަށް ހުންނަވާ އަލީ އާޒިމް އުޅުއްވީ ފައްޔާޒް ބޭރުކޮށް، ވެރިކަން ބަދަލުކުރަން: އިކްރާމް

އަލީ އާޒިމާއި ފަައްޔާޒް: ދެ ބޭފުޅުން މިހާރު މަސައްކަތްކުރައްވަނީ އެކީގައި -- ސަން ފޮޓޯ/ އިބްރާހިމް މާހިލް މުހައްްމަދު

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރަކަށް މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުންނަވާ އަލީ އާޒިމް އުޅުއްވީ އޭރުގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ދުރުކޮށް، އެމްޑީޕީގެ ވެރިކަން ވެސް ބަދަލުކުރަން ކަމަށް އޭރުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ރޭ ތުހުމަތުކުރައްވައިފިއެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި މިހާރު ހުންނެވި މޭޔަރު އާދަމް އާޒިމާއި އަލީ އާޒިމް ވާދަކުރެއްވުމުން، ދެ ބޭފުޅުންގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.

އާދަމް އާޒިމް ކެމްޕޭނަށް ރޭ ހުޅުމާލޭގައި ބޭއްވި "ދެން ވެސް އެމްޑީޕީ އާދަމް ޢާޒިމް ހުޅުމާލެ" ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކްރާމް ވަނީ އަލީ އާޒިމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ދެ އާޒިމްކުރެން އިޚުލާސްތެރި ޚިދުމަތެއް ކޮށްދެއްވަނީ އާދަމް އާޒިމް ކަމަށެވެ.

"އަޅުގަނޑު ކައިރިއަށް ތި ބޭފުޅާ ފަޔާ ބޭރުކުރައްވަން، އެ ފޯމު ހިފައިގެން ސޮއިކުރައްވަން އައީމާ އަޅުގަނޑު ކީކޭތޯ ދެންނެވީ؟" ޖަލްސާގައި އޭނާ ސުވާލުކުރެއްވިއެވެ.

"އަޅުގަނޑު ދެންނެވިން ތިހެން ނުހައްދަވާށޭ، ތިއީ ޕީޖީ ލީޑަރޭ،"

އިކްރާމް: އޭނާ ވަނީ އަލީ އާޒިމަށް ފާޑުވިދާޅުވެފައި ---

އިކްރާމް ތުހުމަތުކުރެއްވި ގޮތުގައި ޕީޖީ ލީޑަރަކަށް ހުންނެވި އަލީއާއި އޭނާ ނިސްބަތްވެވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން މަސައްކަތްކުރީ އޭރުގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް މަގާމުން ދުރުކުރާށެވެ. އަދި، އޭރު އޮތް އެމްޑީޕީގެ ވެރިކަން ވެސް ބަދަލުކުރަން މަސައްކަތްކުރި ކަމަށް އޭނާ ވަނީ ތުހުމަތުކުރައްވާފައެވެ.

އެއީ، 19 ވަނަ މަޖިލީހުގައި ކަން ހިނގި ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކުރީގެ ރައީސް ނަޝީދާއި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދުނެވެ. އޭރު ނަޝީދު ނިސްބަތްވެވަޑައިގެން ފެކްޝަނުން އެންމެ ބޮޑަށް ފާޑުކިޔާ، ނުރުހުން އަމާޒުކުރި އެއް ބޭފުޅަކީ ފައްޔާޒެވެ. އެކަމަކު، މިހާރު ފައްޔާޒް މަސައްކަތްކުރައްވަނީ ނަޝީދާ އެކުގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދަށް ނާކާމިޔާބުވުމުން، އެ މަނިކުފާނާ އެކު އެ ފެކްޝަންގެ ބޭފުޅުން ޕާޓީ ދޫކޮށްލެއްވީ އެމްޑީޕީން އަލީ އާޒިމް ވަކިކުރުމުންނެވެ.

މީގެ އިތުރުން، އެއަށް ފަހު މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ދަ ޑިމޮކްރެޓްސްއިން ކެންޑިޑޭޓެއް ނެރެގެން އެ ބޭފުޅުން މަސައްކަތްކުރެއްވީ އެމްޑީޕީއާ ދެކޮޅަށްކަން އިކްރާމް ހަނދާންކޮށްދެއްވިއެވެ.

އެހެންވެ، އެމްޑީޕީގެ މެންބަރުން ނިންމަންޖެހޭ ނިންމުން ވަރަށް ސާފު ކަމަށް އިކްރާމް ވިދާޅުވިއެވެ.

"އެ ބޭފުޅުން ކަން ކުރެއްވީއަކީ ރަނގަޅަކަށް ނޫން. އަދިވެސް މާފަށް ވެސް ނޭދޭ،" އޭނާ ފާޑުވިދާޅުވިއެވެ.

https://sun.mv/215186

އޭނާ ވިދާޅުވީ، އެ ފަދަ ކަންތައްތަކެއް ކުރެއްވުމަށް ފަހުގައި އެންމެ ކުޑަމިނުން މާފަށް އެދެންޖެހޭނެ ކަމަށެވެ. އެކަމަކު، އެ ވަރު ވެސް އަލީ އާޒިމް ނުކުރައްވާ، ވޯޓު ހޯއްދަވަން ވަޑައިގަންނަވަނީ ކަމަށް ވިދާޅުވެ އިކްރާމް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް އެ ފަދަ ގޯސްތަކެއް ތަކުރާރުވާން ނޭދޭ ކަމަށެވެ.

އެކަމަކު، އަލީ އާޒިމާ ޚިލާފަށް އާދަމް އާޒިމަކީ ތެދުވެރި، އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް އިކްރާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިދިޔަ އެމްޑީޕީ ވެރިކަމުގައި މުޅި ރާއްޖެއަށް ގެނައި ތަރައްގީގެ ވެސް އެންމެ ބޮޑު އެއް މޭސްތެރިއަކީ އާދަމް އާޒިމް ކަމަށާއި މިހާރު މާލެއަށް ގެންނަ ބަދަލުގެ މޭސްތެރިއަކީ ވެސް އޭނާ ކަމަށެވެ.

"ދެ އަހަރު މިވީ. ފުރިހަމަ ފަސް އަހަރު ދެއްވާ. އަޅުގަނޑަށް ހަމަ ޔަގީން މާލޭ ސިޓީއަށް ބޮޑު ބަދަލެއް ގެންނަވާނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް