މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ހައުސިން މިނިސްޓްރީއާއި އިންފްރާސްޓަރަކްޗާ މިނިސްޓްރީގެ އިތުރުން އެންވާރަމެންޓް މިނިސްޓްރީއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި, އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓުމަކަށް އަތުވެއްޖެއެވެ.
މި ހާދިސާގައި ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗަރު މިނިސްޓްރީ ހިންގާ އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. ހައުސިން މިނިސްޓްރީގެ އިމާރާތުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާއެއް ވެސް ދިޔައީ ހިންގަމުންނެވެ.
އަދި އަލިފާނުގެ އަސަރު ވަރަށް ބޮޑަށްކޮށް, އެންވާރަމެންޓް މިނިސްޓްރީއަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.
މި ކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާގައި އެ މިނިސްޓްރީގެ މުވައްޒަފަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ލިޔެކިޔުމާއި މައުލޫމާތަކީ އެ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށެވެ.
އެހެންކަމުން މި ހާދިސާގެ ސަބަބުން އެ މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ނަމަވެސް މިނިސްޓްރީގެ މަސައްކަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ އޮފީސް ހިންގަމުން ދިޔަ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އަދި މަސައްކަތް ފެށޭނެ ތާރީހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ބުންޏެވެ.
އެންވާރަމެންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މިނިސްޓްރީއަށް ވެސް އަލިފާނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ވާތީ މި ވަގުތަށް މަސައްކަތްތައް ހުއްޓިފައިވާ ކަމަށެވެ.
އަލިފާންގަނޑު ވަރަށް ބޮޑަށް މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް އެ ސަރަހައްދުގައި ދުމުގެ އަސަރު ވަރަށް ބޮޑެވެ.