މޭޔަރުކަމުގައި އާޒިމްވީ ދޮޅު އަހަރު, ކިތަންމެ ކަމެއްކޮށް ތަފާތު ދައްކައިފި: ތޯރިގް

މޭޔަރުކަމުގެ ދެ ވަނަ ދައުރަކަށް ވާދަ ކުރައްވާކަން އިއުލާން ކުރެއްވުމަށް އާޒިމް ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ހައިރައިޒް އިއްސެ

މާލޭގެ މޭޔަރަކަށް މިހާރު ހުންނެވި, އެމްޑީޕީގެ އާދަމް އާޒިމް މަގާމުގައި ހޭދަކުރެއްވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި, މީގެ ކުރިން ނުކުރެވި އޮތް އެތައް ކަމެއް ކުރައްވައި, ތަފާތު ދައްކަވާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް ރޭ ވިދާޅުވެއްޖެއެވެ.

އާދަމް އާޒިމްގެ ކެމްޕެއިން ޓީމުން ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން, ކުރިން މަނަދޫ ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ތޯރިގް ވިދާޅުވީ, އެމްޑީޕީގެ ޓިކެޓުގައި ވެސް އެތައް ބޭފުޅަކު މާލޭގެ މޭޔަރުކަން މީގެ ކުރިން ކުރައްވާފައިވާ ކަމަށާއި ނަމަވެސް މާލޭގެ ބިންތައް ދީފައިވާ ގޮތުގެ ތަފުސީލު ހާމަކުރައްވަން ކެރިވަޑައިގަތީ އާޒިމަށް ކަމަށެވެ. އާޒިމް މަގާމުގައި މި ވީ ދޮޅު އަހަރެއްގެ ތެރޭގައި މީގެ ކުރިން ނުކޮށް އޮތް އެތައް ކަމެއް ކުރައްވައި ތަފާތު ދައްކަވާފައިވާ ކަމަށް ތޯރިގް ވިދާޅުވިއެވެ.

ބައެއް މިސާލުތައް ދައްކަވަމުން, ފެންބޮޑުވީމައި "ގަންބޫޓަށް" އަރައިގެން ސިޔާސީ މީހުން ގޭގެއަށް ގޮސް ކުރި ކެމްޕެއިންތައް ނިމުމަކަށް ގެންނެވީ އާޒިމް ކަމަށް ތޯރިގް ވިދާޅުވިއެވެ. އާޒިމް މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވިއިރު މާލޭގެ މިސްކިތްތައް އޮތް ނިކަމެތި ހާލަތު ވެސް މިހާރު ވަނީ ބަދަލު ކުރައްވާފައި ކަމަށް ތޯރިގް ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވާ ކަންކަން ކުރައްވަން އާޒިމަށް އެނގިވަޑައިގަންނަވާ ކަމަށާއި އާޒިމަކީ އެމްޓީސީސީގެ ސީއީއޯއަކަށް ހުންނެވިއިރު ރާއްޖޭގެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ބަލައި, އެ ތަނުގައި ހުންނަވައި އެ ކަންކަން ކުރެއްވި ބޭފުޅެއް ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ.

"ފަޅުހެދި ކަމަށްވިޔަސް, މަގު ހެދި ކަމުގައި ވިޔަސް, އަދި އެހެން ކަމެއް ކުރެއްވި ކަމުގައި ވިޔަސް އެފަދަ ތަޖުރިބާކާރު ބޭފުޅަކު އެބަހުއްޓޭ މާލޭ ސިޓީގެ މޭޔަރަކަށް ކުރިމަތިލައްވަން. އަދި މިހާރު އެކަން ތަޖުރިބާ ކުރައްވަމުން އެކަން އަޅުގަނޑުމެންގެ ލޯމައްޗަށް ދައްކަވަމުންނޭ އެ ގެންދަވަނީ. އެހެންވީމާ އަޅުގަނޑުމެން އެންމެން ވެސް މި ދަންނަވަނީ އަޅުގަނޑުމެން އެންމެން ވެސް ހިނގާށޭ މި ފަހަރު އާދަމް އާޒިމަށް ވޯޓް ދެމާ," ތޯރިގް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ކުރިން ދެމުން ދިޔައީ އެކިއެކި ތަންތަނުގައި ކަމަށާއި އޭގެ ސަބަބުން އާއްމުންނަށް އެތައް ތަކުލީފަކާ ކުރިމަތިވަމުން ދިޔަ ކަމަށެވެ. އެ މައްސަލަ ނިމުމަކަށް ގެނެސް, އެއްތަނުން ޚިދުމަތް ދެވޭ ގޮތަށް އާޒިމް މިހާރު ވަނީ ބަދަލު ކުރައްވާފައި ކަމަށް ތޯރިގު ވިދާޅުވިއެވެ.

"އެއީ ބޮޑު މަސައްކަތެއް. ބުރަ މަސައްކަތެއް. އެއީ ތަންދޮރުފިލާ ބޭފުޅަކު ކަންކަމާ ހަވާލުވެ ހުރީތީ ވި ކަންތައްތަކެއް. ކޮންމެ ކޮންމެ ޒާތެއްގެ މީހަކަށް ކުރެވޭ ޒާތުގެ ކަންތައްތަކެއް ނޫން އެ ހުންނަނީކީއެއް," ތޯރިގް ވިދާޅުވިއެވެ.

ގިނަ ގޮންޖެހުންތަކަކާ އެކު އާޒިމް, މާލޭގެ ކަންކަން މެނޭޖު ކުރައްވަމުން ގެންދަވަނީ ވަރަށް ރަނގަޅަށް ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ. ދެވަނަ ފުރުސަތެއް އާޒިމަށް ދޭން ޖެހޭ ސަބަބަކީ އެއީ ކަމަށް ތޯރިގް ވިދާޅުވިއެވެ.

އެމްޑީޕީ ބަދަހިކޮށް ބޭއްވުމަށްޓަކައި ވެސް އާދަމް އާޒިމް އިންތިޚާބު ކުރައްވަން ޖެހޭ ކަމަށާއި އާޒިމް މިހާތަނަށް އެމްޑީޕީގެ އިސްސަފުގައި ދައްކަވަމުން ގެންދަވަނީ ސާބިތުކަން ކަމަށް ތޯރިގް ވިދާޅުވިއެވެ. ނުސީދާކޮށް އަލީ އާޒިމަށް ފާޑުވިދާޅުވެ ތޯރިގް ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި މަގާމެއް ލިބުނީމަ އެމްޑީޕީ "ފުނޑާލަން" އާދަމް އާޒިމް ނުނިކުންނަވާ ކަމަށެވެ.

comment ކޮމެންޓް