ހައުސިން މިނިސްޓްރީއާއި އިންފްރާސްޓަރަކްޗާ މިނިސްޓްރީ ހިންގާ އިމާރާތުގައި ވަރަށް ބޮޑަށް ރޯވެއްޖެއެވެ.
އަމީނީ މަގުގައި ހުންނަ ގްރީން ބިލްޑިންގުގައި ވަރަށް ބޮޑަށް ރޯވެފައިވާއިރު މުޅި ސަރަަހައްދަށް ވަނީ ދުންގަނޑު ފެތުރިފައެވެ.
"ސަން"އަށް ލިބިފައިވާ ވީޑިއޯތަކުން އެނގޭ ގޮތުގައި އެ ދުންގަނޑު ހުޅުމާލެއިން ވެސް ފެެނެއެވެ.
އެމްއެންޑީއެފް ފަޔާ ސާވިސެސް މިހާރު އަންނަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންނެވެ.

ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑު: އެ ތަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި -- ސަން ފޮޓޯ
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ގެތަކުން މީހުން ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސަރަހައްދު މިހާރު އާންމު ޓްރެފިކަށް ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ސަރަހައްދުގެ ހާލަތު ބައްލައިވައިލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ.
މި ހާދިސާގައި ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗަރު މިނިސްޓްރީ ހިންގާ އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
އަލިފާން ނިއްވަން ސިފައިން އަންނަނީ މަސައްކަތްކުރަމުންނެވެ. މިހާތަނަށް އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް ސޯޝަލް ސެންޓަރުގައި ވަނީ ގާއިމުކޮށްފައެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އެހީތެރިކަން ބޭނުންވާ މީހުން 115 އަށް ގުޅަން އެދިފައެވެ.