މެންބަރުންނަށް ކުރެއްވި ރިޝްވަތުގެ ތުހުމަތާއެކު، މީކާއީލްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްލައިފި

މީކާއީލް ތަޅުމުން ބޭރުކުރަނީ --- ފޮޓޯ: ސްކްރީންޝޮޓް

ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ރޭ ރައްޔިތުންގެ މަޖިލީހަށް ގެންދެވި ކަޅު ދަބަހުގެ ވާހަކަ ދެއްކެވުމުންނާއި މެންބަރުންނަށް ކުރެއްވި ރިޝްވަތުގެ ތުހުމަތާއެކު، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބާރު މީކާއީލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.

މި ސަރުކާރުން ދުބާއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ކުރިއަށްގެންދާ ރެއަލް އެސްޓޭޓް މަޝްރޫއު ފަދަ މަޝްރޫއުތަކުގައި، ތަރައްގީކޮށްފައިވާ ޕްރޮޕަޓީއެއް ވިއްކޭނީ 99 އަހަރުގެ ދުވަހުގެ މުއްދަތަށް ކަމަށް، ސަރުކާރުން އެކުލަވައިލައި ހުށަހެޅި ރިއަލް އެސްޓޭޓް ބިލަށް ބަހުސްކުރައްވަމުން މީކާއީލް ވިދާޅުވީ އެ ބިލުގެ މަގުސަދަކީ ދިވެހީންގެ ބިމަށް ގާނޫނުއަސާސީން ފޯރުކޮށްދީފައިވާ ރައްކާތެރިކަމަށް ނިމުމެއް ގެނައުން ކަމަށެވެ.

ސަރުކާރުން ހުސްނުވާ އާސަންދަ ކަނޑައިލަން ތައްޔާރުވަމުން އަންނަ ކަމަށް މީކާއީލް ވަނީ ތުހުމަތުކުރައްވައިފައެވެ.

"އެހެން ނަމަވެސް އަލްޢައްބާރަށް އީގަލް ހިލްސްއަށް އިއްޒަތްތެރި ރައީސް، މި ދަނީ ހުސްނުވާ 99 އަހަރަށް ދިވެހީންގެ ފަސްގަނޑު ދިވެހީންގެ ބިލު މިލްކުކޮށްދޭން ތައްޔާރުވަމުން، އިއްޒަތްތެރި ރައީސް އަދި މިކަން މި ކުރަނީ ދިވެހީން ގޭހަށް ޖައްސައިފައި، ދިވެހީން ޑޮލަރަށް ޖައްސައިފައި،" މީކާއީލް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކަށް އިޝާރާތްކުރައްވައި މީކާއީލް ވިދާޅުވީ މުއްޠަލިބް ކަޅު ދަބަހެއް ހިފައިގެން މަޖިލީހަށް ވަދެ ބިލަށް ނުފޫޒު ފޯރުވަން މަސައްކަތްކުރެއްވި ކަމަށް ތުހުމަތުކުރައްވައިފައެވެ.

މީކާއީލްގެ ވާހަކަ އެ ހިސާބަށް ދިޔަތަނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ، ނިޒާމީ ނުކުތާގެ ފުރުސަތު މައްޗަންގޯޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް މުޙައްމަދަށް ދެއްވައިފައެވެ. އިބްރާހީމް ވިދާޅުވީ މުއްޠަލިބް ރޭ މަޖިލީހަށް ވަޑައިގަތީ ބައެއް މެންބަރުން މަޢުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގަތުމުން ކަމަށެވެ.

"ވާހަކަފުޅު ދައްކަވާ އިއްޒަތްތެރި މެންބަރަށް އަޅުގަނޑު ދަންނަވައިލަން ބޭނުންވާ ވާހަކައަކީ ރައްޔިތުންގެ މަޖިލިސް މެންބަރުންނާ ގުޅޭގޮތުން ސާބިތުނުހިފޭ ވާހަކަ މަޖިލިސް ތަޅުމުގައި ނުދައްކަވާށޭ، އެއީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނޭ،" މީކާއީލަށް އަލުން ފުރުސަތު ދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީކާއީލް ވަނީ ރައްޔިތުންގެ މަޖިލީހަށް ރިޝްވަތުގެ "ކަޅު ފައިސާ" ވަތް ކަމަށް ތުހުމަތުކުރައްވައިފައެވެ.

"މި ކަޅު ފައިސާގައި ޖެހިގެން މި ވަގުތީ ފައިދާއަށް އަޅުގަނޑުމެން މިކަން ކުރާނަމަ އިއްޒަތްތެރި ރައީސް، އަޅުގަނޑުމެންގެ އަނބިދަރިންނަށް ކާންދެވޭނީ ޒަހަރު އިއްޒަތްތެރި ރައީސް،" މީކާއީލް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވަނީ ތަކުރާރުކޮށް ސާބިތު ނުހިފޭ ވާހަކަ ނުދެއްކޭނެކަން މީކާއީލަށް ވިދާޅުވެފައެވެ.

16 ނޮވެމްބަރު 2026: އެމްޑީޕީގެ ބައެއް މެންބަރުން ރިޔާސަތުގެ މޭޒު ކުރިމަތީ އިހުތިޖާޖުކުރައްވަނީ --

ނަމަވެސް ތަޅުން ހޫނުވީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ނެންގެވި ނިޒާމީ ނުކުތާއަށް ފަހުގައެވެ.

އެ ނިޒާމީ ނުކުތާއަށްފަހު އެމްޑީޕީގެ ބައެއް މެންބަރުން ރިޔާސަތުގެ މޭޒު ކުރިމަތީ އިހުތިޖާޖުކުރެއްވިއެވެ.

"ގަދަކަމަކުން ރައްޔިތުންގެ މަޖިލީހުގައި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ، މަޖިލީސްގެ ގަވައިދާ ޚިލާފަށް މަނިކުފާނު އަމަލުކުރައްވަނީ،" މީކާއީލާ މުޚާތަބުކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އެއަށްފަހު މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް މީކާއީލަށް ތަކުރާރުކޮށް ދެންނެވުމަށްފަހު ޢަބްދުއްރަޙީމް ވަނީ މީކާއީލްގެ ނަން އިއްވަވައިފައެވެ.

comment ކޮމެންޓް