ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކޮށްގެން މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތްދޭން ސަރުކާރުން ފަށަން ނިންމާފައިވުމުން އެކަމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން ޓެކްސީ ޑްރައިވަރުން އަނެއްކާވެސް އިހުތިޖާޖަށް ނުކުންނަން ނިންމައިފިއެވެ.
ސަރުކާރުން ޓެކްސީ ފްލީޓެއް ފަށަން އުޅޭކަން އިއުލާންކޮށްފައިވަނީ މިދިޔަ ޖުލައި މަހު ޓްރާންސްޕޯޓް މިނިސްޓްރީން ބޭއްވި ހަފުލާއެއްގައެވެ. އެ މައްސަލައިގައި ކަންބޮޑުވުން އޮތް ކަމަށް ބުނެ މީގެ ކުރިން ވެސް ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރިއެވެ.
މިއަދު ޑްރައިވާސް އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ހަބީބް ބުނީ، ސަރުކާރުން އެ ޚިދުމަތް ފެށުމުން ކުރިމަތިވާނެ ގޮންޖެހުންތައް ހުށަހަޅަން ޓްރާންސްޕޯޓް މިނިސްޓްރީއާ އެތައް ފަހަރަކު ބައްދަލުކޮށްފައިވާ ކަމަށެވެ.
ހަމައެއާއެކު ޑްރައިވަރުންގެ ކަންބޮޑުވުންތައް ހިއްސާކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެ ޖަމިއްޔާއިން ސިޓީއެއް ހުށަހަޅާފައިވާ ކަމަށާއި މިހާތަނަށް އޭގެ ޖަވާބެއް ލިބިފައިނުވާ ކަމަށް ހަބީބް ބުންޏެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި އެހެން މެންބަރަކު ބުނީ، ސަރުކާރުން ޓެކްސީ ފްލީޓެއް ހެދުމުން އެކަމުގެ ގެއްލުން ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށް ވެސް ކުރާނެ ކަމަށެވެ. މިގޮތުން، މިހާރު ޑްރައިވަރުން ތިބީ އެ ޚިދުމަތް ފެށުމުން މުސްތަގުބަލުގައި ވާނެ ގޮތަކާ މެދު ސުވާލު އުފެދިފައި ކަމަށް އެ މެންބަރު ވަނީ ބުނެފައެވެ.
މީގެއިތުރުން، ޖަމިއްޔާގެ މެންބަރު އާދަމް ސަލީމް ބުނީ، އެ ޚިދުމަތަށް ސަރުކާރުން 320 ކާރު ގެނައުމަށް ނިންމާފައިވާއިރު، މިހާރު ވެސް އާންމުން އެތެރެކޮށްފައިވާ ގިނަ ކާރުތައް ހުރީ ރަޖިސްޓްރީ ނުކޮށް ކަމަށެވެ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
އެ ޖަމިއްޔާއިން ވަނީ ޓެކްސީ ފްލީޓާ ގުޅުން ހުރި މައުލޫމާތު ހޯދަން އާރްޓީއައިއެއް ހުށަހަޅާފައެވެ. އޭގެ މުއްދަތު މިއަދަށް ހަމަވެފައިވާއިރު، އޭގެ ޖަވާބު ވެސް ލިބިފައިނުވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ސުލްހަވެރި އިހުތިޖާޖަކަށް ނުކުތުމަށް އަނެއްކާވެސް ނިންމީ އެ ކަންބޮޑުވުންތަކަށް ޖަވާބެއް ހޯދުމަށް ކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ބުންޏެވެ. ނަމަވެސް، އެ އިހުތިޖާޖު ބާއްވާނެ ތާރީޚެއް ހާމަކުރާނީ ފަހުން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.
މީގެކުރިން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ ސަރުކާރުން ޓެކްސީ ފްލީޓެއް ފެށި ނަމަވެސް، ޓެކްސީ ޑްރައިވަރުން ދޭ ޚިދުމަތަށް ގެއްލުމެއް ނުވާނެ ކަމަށް ވިދާޅުވެފައެވެ.