ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކޮށްގެން މާލެ ސަރަޙައްދުގައި ޓެކްސީގެ ޚިދުމަތްދޭން ސަރުކާރުން ފެށި ނަމަވެސް، ޓެކްސީ ޑްރައިވަރުން ދޭ ޚިދުމަތަށް ގެއްލުމެއް ނުވާނެކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިފަދައިން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގައި މިހާރު ކުރަމުންދާ ބައެއް މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައެވެ.
އެ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީ ހޯދަން ބޭނުންވާ ވަގުތުތަކުގައި ޓެކްސީ ނުލިބުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އަދި ޓެކްސީގެ ޚިދުމަތް ދިނުން ޕްރައިވެޓްކޮށް އެންމެންގެ އަތްމަތީ އޮތްއިތު ޓެކްސީތަކުގެ ހާލަތު ދައްވެފައިވާ ވާހަކައާއި ޑްރައިވަރުންނާއި ޓެކްސީއަށް އަރާ ފަސިންޖަރުންނަށް ޓެކްސީ ގަވާއިދުގައި ކަނޑައަޅާފައިހުރި މިންގަނޑުތަކަށް ސާވިސް ނުލިބޭކަމަކީ ޒަމާނުއްސުރެ އޮންނަ ޝަކުވާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ސްޓޭންޑަޑް ބަދަލުކުރުމަށް ވިސްނާއިރު ދެތިން ގޮތަކަށް ވިސްނިދާނެ ކަމަށެވެ. އެގޮތުން އެއްކަމަކީ ވިޔަފާރި އުސޫލުން ޓެކްސީ ޚިދުމަތް ދޭއިރު ޓެކްސީ ޑްރައިވަރުންނަށް ގެއްލުމެއް ނުލިބި މިކަން ކުރުން ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއީ އެންމެ މުހިންމު ކަންތައް ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
"ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަންގެ ބައެއް ފަރާތްތަކާއި އަޅުގަނޑު ބައްދަލުކޮށްލިން. އެބޭފުޅުންނަށް އެދުވަހު ވެސް އަޅުގަނޑު ޔަގީންކަން ދިނިން އެބޭފުޅުން އެދޭ ޚިދުމަތަށް ގެއްލުންވާނޭ އެއްވެސް ގޮތަކަށް ސަރުކާރުން އަމަލު ނުކުރައްވާނެ ކަން." މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަމުގައި ދެއްވި ޔަގީންކަން އަނބުރާނުލާނެ ކަމަށެވެ. އަދި އެ ވިޔަފާރީގައި ތިބި ބޭފުޅުންނަށް ދެރަވާފަދަ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވަޒީރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ސަރުކާރުން ޓެކްސީ ޚިދުމަތް ފެށުމުގެ ވިސްނުން ގެންގުޅުއްވާކަން މިނިސްޓަރު ހާމަކުރެއްވީ ޓެކްސީ ޑްރައިވާސް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސިޓީއަކާ ގުޅޭގޮތުން ސުވާލުކުރުމަށް މިދިޔަ އަންގާރަ ދުވަހު އިގުތިޞާދީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެ ޓެކްސީ ލައިން ހިންގާނީ އެމްޓީސީސީން ހިންގާ އާރްޓީއެލް ބަހުގެ ޚިދުމަތާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޓެކްސީ ލައިންގައި ހިމެނޭ މުވައްޒަފުންގެ 50 ޕަސަންޓަކީ ދާއިމީ މުވައްޒަފުން ކަމަށާއި ބާކީ 50 ޕަސަންޓަކީ އެކި ގަޑިތަކުގައި އެކި ވަރަށް ޓެކްސީ ދުއްވަން ބޭޏުންވާ މުވައްޒަފުންނަށް ދޫކުރާނެ ސްލޮޓްތަކެއް ކަމަށް އަމީން ވިދާޅުވިއެވެ.
މި ޚިދުމަތް ދޭނީ ކޮން ކުންފުންޏެއް މެދުވެރިކޮށް ކަން މިނިސްޓަރު އަދި ހާމަކުރައްވާފައެއް ނުވެއެވެ.