ސަރުކާރުން ޓެކްސީ ޚިދުމަތް ދޭންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި އެއީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން އެމްޓީސީސީއާއި ޓްރާންސްޕޯޓު މިނިސްޓްރީއާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ މިދިޔަ ބުދަ ދުވަހެވެ.
އެ ކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވައި ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ރޭ ވިދާޅުވީ، ޓެކްސީ ދުއްވާ މީހުންނަކީ ވަރަށް ބުރަކޮށް، ވަރަށް ގިނަ ވަގުތު މަސައްކަތުގައި އުޅޭ ބައެއް ކަމަށެވެ. އެކަން ކުރަނީ ހަމައެކަނި ފުލްޓައިމްކޮށް ޓެކްސީކުރާ މީހުން ނޫން ކަމަށާއި ދިރިއުޅުން ދަތިކަމުން ވަޒީފާތަކުގައި އުޅޭ ބައެއް މީހުން ވެސް މިހާރު ޓެކްސީކުރާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަށް މީގައި ކަމުނުދާ ކަމަކީ ސަރުކާރުން މި ކަހަލަ ވިޔަފާރިއެއްގެ ތެރެއަށް ވަނީ، މިއީ ވަރަށް އާދައިގެ ކުޑަކުޑަ ބައެއްގެ ވިޔަފާރިއެއް. މީގެ ތެރެއަށް [ސަރުކާރުން] ވަންނަންޖެހޭ ހަމަ އެއްވެސް ސަބަބެއް ނޯންނާނެ،" ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ޓެކްސީ ކުރަންޖެހޭ ސަބަބެއް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނަށް ވެސް ވިދާޅުވެނުދެއްވޭ ކަމަށެވެ.
ޔާމީން ގަބޫލުކުރައްވާ ގޮތުގައި ސިންގަޕޫރު ނަގާފައި ޓެކްސީގެ ޚިދުމަތް އެންމެ ރަނގަޅު ސިޓީއަކަށް ވާނީ މާލޭ ސިޓީއެވެ. އެއީ، އަމިއްލައަށް ވަރަށް ރަނގަޅަށް ރެގިއުލޭޓްވެގެން ހިނގާ ކަމެއް ކަމަށާއި އެ ކަން ސަރުކާރުން ފަށަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.
"ކޮން ރައްޔިތެއްތޯ ޝަކުވާ ކުރަނީ ޓެކްސީ ނުލިބޭތީ؟،" އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_171314706253WwOH.jpg)
ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ޓެކްސީ ކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
ތަކެއްޗާއި ޚިދުމަތްތަކުގެ އަގު ބޮޑުވުމަކީ ރައްޔިތުން އަބަދު ވެސް ޝަކުވާކުރާނެ ކަމެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެއީ ހަމައެކަނި ޓެކްސީއަށް ދިމާވާ ކަމެއް ނޫން ކަމަށެވެ. އެ މައްސަލަ ކާށި އަގުބޮޑުވީމާ ވެސް ދިމާވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އިންތިހާއަށް އެފިޝަންޓް. ކާރު ނުލިބިގެންނެއް މީހުންނެއް ނޫޅޭ. އަމީނަކަށް ކިޔައެއް ނުދެވުނު ރައްޔިތުންނަށް ވިސްނޭ ވަރަކަށް މިއީ އަސާސީ ޚިދުމަތަކަށް ވަނީ ކީއްވެގެންކަން، ސަރުކާރުން ކޮންމެހެން މީގެ ތެރެއަށް ވަންނަންޖެހުނީ ކީއްވެގެންކަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ޓެކްސީ ޑްރައިވަރުންތަކެއް އިހުތިޖާޖުކުރުމުން އެ މީހުން ހައްޔަރުކޮށް، އޭގެ ތެރެއިން ބައެއް މީހުންނަށް ދައުވާކުރުމުން ވެސް ޔާމީން ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.
އެ މަނިކުފާނު ވިދާޅުވީ، އެއީ ސަރުކާރުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެ ކަމުގެ ސަބަބުން އާޚިރުގައި ދެރަ ލިބޭނީ ވެސް ސަރުކާރަށް ކަމަށެވެ. ޓެކްސީ ޚިދުމަތްދިން ގިނަ ބައެއްގެ ދިރިއުޅުމަށް ވަރަށް ހިތްދަތި އަސަރުކުރާނެ ކަންތައްތަކެއް ކޮށްފައި އެ ކަމާ ދެކޮޅަށް ބަސްބުނުމުން ދައުވާކޮށްގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ޓެކްސީ ޚިދުމަތް ފޯރުކޮށްދޭން ހަވާލުކުރި އެމްޓީސީސީން ބުނީ، ޚިދުމަތުގެ މަގުސަދަކީ މާލޭ ސަރަހައްދުގައި އިތުރުވަމުން އަންނަ ދަތުރުފަތުރުގެ ޑިމާންޑާ އެއްވަރަށް ރައްޔިތުން އުންމީދުކުރާ ފެންވަރުގެ ޓެކްސީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ ޚާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށް 24 ގަޑިއިރު މި ޚިދުމަތް ފޯރުކޮށްދިނުމެވެ.
އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި، އެ އެޕް މެދުވެރިކޮށް ހަތް ދުވަސް ކުރިން ވެސް ޓެކްސީ ޚިދުމަތް ބުކް ކޮށްލެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިހާރު ވެސް އަމިއްލަ ޓެކްސީ ސެންޓަރުތަކުން ޚިދުމަތް ދެމުން އަންނަނީ ވަރަށް ޒަމާނީ އެޕްލިކޭޝަންތައް ބޭނުންކޮށްގެންނެވެ. ސަރުކާރުން ޓެކްސީ ޚިދުމަތް ފަށާތީ އެ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.