ސަރުކާރުން ތައާރަފު ކުރާ ޓެކްސީ ޚިދުމަތުގެ ސަބަބުން، މިހާރު ޓެކްސީ ކުރަމުންދާ މީހުންނަށް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ލިބުމުން ޓެކްސީ ޑްރައިވަރުން ކުރަމުން އައި މުޒާހަރާ ހުއްޓާލައިފިއެވެ.
ޓެކްސީ ޑްރައިވަރުން އިންތިޒާމުކޮށްގެން މާލޭގައި މުޒާހަރާތަކެއް ބޭއްވުމަށް ފަހު މިއަދު ޑްރައިވަރުން ވަނީ ހުޅުމާލޭގައި ޓްރާންސްޕޯޓް މިނިސްްޓްރީ ހިންގާ އިމާރާތުގެ ކުރިމަތީގައި މުޒާހަރާކޮށްފައެވެ.
އެ މުޒާހަރާގެ ބައިވެރިން ބުނަމުން ދިޔައީ، ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފު ކުރުމުން ޓެކްސީ ޑްރައިވަރުންގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމާއި އާންމު ޚިދުމަތުގައި ގެންގުޅޭ ވެހިކަލްތައް ކުރިން އެންގުމަކާ ނުލައި ދަންވަރު ޓޯ ކުރަމުންދާ ކަމަށެވެ.
އެ މުޒާހަރާގެ ބައިވެރިން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާ ބައްދަލުކުރުމަށް ފަހު ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއްގައި ބުނީ، ސަރުކާރުން ފަށަ ޚިދުމަތުން ޓެކްސީ ޑްރައިވަރުންނަށް އެއްވެސް އުނިކަމެއް ނުލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށެވެ.
"ސަރުކާރުން މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ މި ވިޔަފާރިއަކީ އެއްވެސް ހާލެއްގައި ސަރުކާރުން ވަންނަން ގަސްތުކުރާ ވިޔަފާރިއެއް ނޫންކަން އެހެންނަމަވެސް އެބޭފުޅުން ފާހަގަކުރެއްވި ގޮތުގައި އެކަމާ ގުޅިގެން ހަދަން ޖެހޭ ސްޓަޑީއެއް ހެދުމަށްޓަކައި އެ މަސައްކަތް އެކެއް ސެޕްޓެމްބަރުގައި ފަށާނެ ކަމަށް،" އޭނާ ބުންޏެވެ.
އެ އިންޓަވިއުގައި އެހެން ޑްރައިވަރަކު ބުނި ގޮތުގައި ޓެކްސީ ފްލީޓް އިފުތިތާހު ކުރަން ދޮޅު އަހަރެއްހާ ދުވަސް ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެހެން ނަމަވެސް ޓެކްސީ މިހާރު ވެސް ޚިދުމަތް ދެމުންދާ ފަރާތްތަކުގެ މަޝްވަރާއާއި މި ވިޔަފާރީގެ ތެރެއިން މިނިވަން ވިޔަފާރީގެ ތެރެއަށް ބުރޫ ނާރާނެ ގޮތުގެ މަތިން މި ވިޔަފާރީގެ ތެރޭގައި ތިބި ފަރާތްތަކަށް އަދި މާލީ ގޮތުން ދަތިވެފައި ތިބި ފަރާތްތަކަށް ވެސް މި ޓެކްސީ ފްލީޓުގެ ތެރެއިން އެހީތެރިކަން ވެސް ލިބޭނެ ގޮތަށް ފޯމިއުލާއެއް އޮތް ވާހަކަ ވިދާޅުވީ،" އޭނާ ބުންޏެވެ.
އަމީން ދެއްކެވި ވާހަކައިން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށާއި އެ ބައްދަލުވުމުގައި އިތުރު ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި ކަމަށް އޭނާ ބުންޏެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ބޮޑެތި އުޅަނދުތަކުން ނެގޭ އަގު ކުޑަކުރުމުން ގެއްލުންވާ ކަން ފާހަގަކޮށް، އަގަށް ބަދަލެއް ގެނައުމަށް އެދިފައިވާ ކަމަށް ޑްރައިވަރަކު ބުންޏެވެ.
"ދެން އެއާޕޯޓު ތެރޭގައި ދިމާވާ ޓްރެފިކްގެ މައްސަލަތަކާއި އެތަނުގެ ޖާގަ ނުލިބުމުގެ މައްސަލަތަކުގައި ވެސް އެކަމަށް ހައްލެއް ކުރިއަށް އޮތް ގާތްގަނޑަކަށް ފަސް ވަރަކަށް ދުވަސް ތެރޭ އެކަމަށް ހައްލެއް ހޯދައި ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވަނީ،" އޭނާ ބުންޏެވެ.
އެއާޕޯޓަށް ދަތުރުކުރާ 7-10 ސީޓުގެ އުޅަނދުތަކުގެ ނެގޭ އަގުތަކަށް ބަލާއިރު މާލެއިން ދިޔުމަށް 110 ރުފިޔާ، ހުޅުމާލެ ފުރަތަމަ ފިޔަވަހިން 125 ރުފިޔާ އަދި ހުޅުމާލޭ ދެވަނަ ފިޔަވަހިން 130 ރުފިޔާ ނެގެއެވެ.
މިދިޔަ މެއި މަހު އެ އަގުތައް ކަނޑައެޅިއިރު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަގުތައް ނިންމުމުގައި ޓެކްސީ ކުރާ ފަރާތްތަކާއި މިނިސްޓްރީގެ މީހުންގެ އިތުރުން ވެސް ކަމާގުޅުންހުރި އިތުރު ފަރާތްތަކާ އެކު މަޝްވަރާކޮށްފައިވާނެ ކަމަށް ބުނެފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ހަފުތާގައި އިއުލާންކުރި ''މާލޭ ފަހި'' ޕްރޮގްރާމުގެ ދަށުން ޓެކްސީ ލައިނެއް ފެށުމާ ގުޅޭ ގޮތުން ބުނެފައި ވަނީ އެ ޚިދުމަތުގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް، ދުއްވުމުގެ ފުރުސަތު އެކަމަށް ޝައުގުވެރުވާ ދިވެހިންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.