ސަރުކާރުން ޓެކްސީ ފްލީޓު ފަށާތީ 10،000 މީހުންނަށް ނޭދެވޭ އަސަރުކުރާނެ: އަވަސް އެޕް

ޓެކްސީއެއް: ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން އެއްވެސް ތައްޔާރީއެއް ވެފައިނުވާ ކަމަށްބުނެ، ޓަވިޔަނީގެ ކަންބޮޑުވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފުކުރުމަށް އެއްވެސް ތައްޔާރީއެއް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ބުނެ، އަވަސް އެޕް ހިންގާ ޓަވިޔަނި ޕްރައިވެޓް ލިމިޓެޑްއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސަރުކާރުން ޓެކްސީގެ ޚިދުމަތް ދޭން ނިންމުމާ ގުޅިގެން، ޓެކްސީ ޑްރައިވަރުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޑްރައިވަރުންގެ ކަންބޮޑުވުންތައް އިންތިހާއަށް ބޮޑުވެފައި އޮއްވައި، މިދިޔަ ބުދަ ދުވަހު ވަނީ މާލެ ސަަރަހައްދުގައި ޓެކްސީގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

އޭގެ ކުރިން ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފުކުރާތީ ޓަވިޔަނި ކުންފުނިން ވަނީ ޓްރާންސްޕޯޓު މިނިސްޓްރީއަށް އެކަމުގެ މައުލޫމާތު ހޯދަން އާރްޓީއައިއެއް ހުށަހަޅާފައެވެ. އެގޮތުން، މިދިޔަ ޑިސެމްބަރު 11ގައި މިނިސްޓްރީން ފޮނުވި ޖަވާބު މިއަދު އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އާރްޓީއައިގައި އެ ކުންފުނިން ވަނީ ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފުކުރަން ކިތައް ކާރު އޯޑަރު ޖެހިތޯއާއި އެކަމަށް ޚަރަދު ކުރަނީ ދައުލަތުގެ ބަޖެޓުން ނުވަތަ ހިލޭ އެހީގެ ދަށުންތޯ ސުވާލުކޮށްފައެވެ. އަދި، ޓެކްސީގެ ޚިދުމަތް ފަށަން ސަރުކާރުން ދިރާސާއެއް ހަދާފައިވާނަމަ، އެ ދިރާސާގެ ކަރުދާސް ދޭން ޓަވިޔަނިން އެދިފައިވެއެވެ.

ސަރުކާރުން ފަށަން ނިންމި ޓެކްސީ ޚިދުމަތުގައި ބޭނުންކުރާ ކާރެއް -- ފޮޓޯ/ ޓްރާންސްޕޯޓު މިނިސްޓްރީ

މިނިސްޓްރީގެ އެ ސުވާލުތަކަށް ދިން ޖަވާބުގައި ވަނީ، އެކަމަށް ޚަރަދު ކުރަން ވަކި ގޮތެއް ހަމަޖެހިފައި ނެތް ކަމަށާއި ޓެކްސީ ޚިދުމަތް ފަށަން އެއްވެސް ކާރެއް އޯޑަރުކޮށްފައިނުވާ ކަމަށް ބުނެފައެވެ. އަދި، އެއްވެސް ގައުމަކުން އެކަމަށް ހިލޭ އެހީ ހަމަޖެހިފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

އޭގެއިތުރަށް އެ ޖަވާބަށް އިޝާރަތްކޮށް މިއަދު އެކުންފުނިން ނެރުނު ބަޔާނުގައި ވަނީ، ޓެކްސީ ފްލީޓެއް ފަށަން ސަރުކާރުން ނިންމުމަކީ ދާއިރާގައި މިނިވަން ކަމާ އެއްކޮށް މަސައްކަތް ކުރާ ހުރިހާ އެންމެންގެ ހައްގަށް ވިސްނާލުމެއް ނެތި ކޮށްފައިވާ ކަމެއް ކަމަށެވެ. އެވަރުގެ ބޮޑު ކަމެއް ކުރަން ސަރުކާރުން ނިންމިއިރު، އެކަމާ ހިތާމަކުރާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ޓެކްސީތައް ކިޔޫ ޖެހިގެން: ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން ޑްރައިވަރުންގެ ޖަމިއްޔާތަކުން އަންނަނީ ދެކޮޅު ހަދަމުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓްރީއަށް ހުށަހެޅި އާރްޓީއައިއަށް ޖަވާބުދެމުން ވެސް މިނިސްޓްރީން މިފަދަ ފްލީޓެއް ހެދުމަށް އެއްވެސް ތައްޔާރީތަކެއް އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ބުނެ ޖަވާބުދެއްވާފައިވާކަން ފާހަގަކުރަމެވެ. ދައުލަތުގެ އެހީގައި ޓެކްސީ ފްލީޓެއް ތައާރަފުކުރުމަކީ ޓެކްސީ ދުއްވާ ފަރާތްތަކާއި ޓެކްސީ ސެންޓަރު ހިންގާ ފަރާތްތަކާއި ކުއްޔަށް ކާރު ދޫކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށް، ކުދި ވިޔަފާރިތަކަށް ގެއްލުންވެ، މިދާއިރާގެ ހަމަހަމަ ވާދަވެރިކަން ނެތިގެންދާނެ ކަމެއް ކަން ކަށަވަރެވެ.ޓަވިޔަނި ކުންފުނި

އޭގެއިތުރުން، ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން 10،000 އަށް ވުރެ ގިނަ މީހުންނަށް ނޭދެވޭ އަސަރުކުރާނެ ކަމަށާއި އެމީހުންގެ ހައްގުތަކަށް އަރައިގަނެވޭނެ ކަމަށް ޓަވިޔަނިން ގަބޫލުކުރެއެވެ.

އިތުރަށް ފާހަގަކުރި ކަންބޮޑުވުންތަކަކީ:

  • ބައެއް ޑްރައިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ އަމަލުތައް ހުއްޓުވަން އެކަށީގެންވާ ފިޔަވަޅެއް ނޭޅުން
  • ވަކި މީހުންނަށް ދައުލަތުގެ ބިންތަކުގައި ގިނަ އަދަދަކަށް ވެހިކަލް ރަޖިސްޓްރީކުރަން ފުރުސަތު ދިނުމަށްފަހު، ރައްޔިތުންގެ އެންމެ ވެހިކަލެއް ރަޖިސްޓްރީ ކުރަން ފުރުސަތު ނުދިނުން
  • މާލޭގެ މަގުތަކަށް ރިއާޔަތްކުރުމެއް ނެތި، ޑްރައިވަރުންނާއި ޚިދުމަތްދޭ ސެންޓަރުތަކުގެ އަގު ވައްޓާލުން

އެއާއެކު، އެ ކުންފުނިން ވަނީ ދާއިރާގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ޓެކްސީ ފްލީޓެއް ހެދުމަށް ސަރުކާރުން ނިންމި ސަބަބު ހާމަކޮށްދޭން އިލްތިމާސްކޮށްފައެވެ.

https://sun.mv/202567

އެކަމާ ގުޅިގެން ސަރުކާރުން ޓެކްސީ ޚިދުމަތް ފެށުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖައާކުރުމަށް ރާއްޖޭގެ ޑްރައިވަރުންގެ އެސޯސިއޭޝަނުން ވެސް ވަނީ ގޮވާލާފައެވެ.

ސަރުކާރުން ޓެކްސީގެ ޚިދުމަތް ފަށަން ނިންމުމާއެކު ކަންބޮޑުވުން ފާޅުކޮށް ޑްރައިވަރުން އިހުތިޖާޖު ވެސް ކުރިއެވެ. އެ އިހުތިޖާޖުތައް ހުއްޓައިލީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ޔަގީންކަން ދެއްވުމުންނެވެ.

ޓެކްސީގެ ޚިދުމަތް ފެށުމަށް އެމްޓީސީސީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ، ސަރުކާރުން ޓެކްސީގެ ޚިދުމަތް ދޭން ނޫޅޭ ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވަނިކޮށެވެ.

comment ކޮމެންޓް