ދުނިޔޭގެ އެންމެ މަޤްބޫލު ވީޑިއޯ ޕްލެޓްފޯމް ކަމަށްވާ ޔޫޓިއުބާއި އިންޑިއާގެ ނެޝަނަލް ކައުންސިލް އޮފް އެޑިއުކޭޝަނަލް ރިސާޗް އެންޑް ޓްރެއިނިން (އެންސީއީއާރްޓީ) ގުޅިގެން އިންޑިއާގެ ދަރިވަރުންނަށް ތަޢުލީމީ މަޢުލޫމާތު ފޯރުކޮށްދިނުމަށް އާ ޗެނެލްތަކެއް ތަޢާރަފުކުރަން ފަށައިފިއެވެ.
މި މަސައްކަތުގެ ދަށުން ގްރޭޑް އެކަކުން 12 އަށް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާއްޞަ ޔޫޓިއުބް ޗެނަލްތަކެއް ތަޢާރަފުކުރެވޭނެއެވެ. މި ޗެނަލްތަކުގައި އިންޑިއާގެ 29 ބަހަކުން މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ޔޫޓިއުބުން ބުނެފައިވެއެވެ. އިތުރު ފަސޭހައަކަށް، އިންޑިއަން ސައިން ލެންގުއޭޖްގައި ވެސް މަޢުލޫމާތު ލިބެން ހުންނާނެއެވެ.
ޔޫޓިއުބުން ނެޝަނަލް ޕްރޮގްރާމް އޮން ޓެކްނޮލޮޖީ އެންހޭންސްޑް ލާނިން (އެންޕީޓީއީއެލް)އާ ގުޅިގެން ކްރެޑެންޝަލް ކޯސްތަކެއް ތަޢާރަފުކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ. މި ކޯސްތައް ފުރިހަމަކުރާ ފަރާތްތަކަށް އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ)ގެ ސެޓްފިކެޓް ލިބޭނެއެވެ.
ޔޫޓިއުބްގެ ފަރާތުން ބުނެފައިވާ ގޮތުގައި މި އާ ޗެނަލްތައް އިންޑިއާގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ފަސޭހައިން ތަޢުލީމު ލިބޭނެ ގޮތް ހަދައިދިނުމަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވޭ އެއްޗެކެވެ. މި ޗެނަލްތައް "އަންނަން އޮތް މަސްތަކުގެ ތެރޭގައި" އިންޑިއާގައި ބޭނުންކުރެވެން ފެށޭނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ.
މި މަސައްކަތަކީ އިންޑިއާގެ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމީ މަޢުލޫމާތު ލިބުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ތަޢުލީމީ ދާއިރާގެ މާހިރުން ދެކެއެވެ.
އިންޑިއާގައި މި މަސައްކަތް ކާމިޔާބުވުމާ އެކު، އެހެން ޤައުމުތަކުގައި ވެސް މިފަދަ މަސައްކަތްތައް ފެށުމަށް ޔޫޓިއުބްއިން ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ތަޢުލީމީ މަޢުލޫމާތު ފޯރުކޮށްދިނުމަށް މިފަދަ ޕްލެޓްފޯމްތަކުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ތަޢުލީމީ މާހިރުން ދެކެއެވެ.
މިގޮތުން، ކުރިއަށް އޮތް އަހަރުތަކުގައި އޭޝިއާ އަދި އެފްރިކާގެ އެކި ޤައުމުތަކުގައި މިފަދަ ޕްރޮޖެކްޓްތައް ފެށުމަށް ޔޫޓިއުބުން ރާވަމުންދާ ކަމަށް ލަފާކުރެވެއެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމު ލިބުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.