އިންޑިއާއާއި ޗައިނާގެ ގުޅުންތައް ރަނގަޅުކޮށް ވައިގެ ސީދާ ދަތުރުތައް އަލުން ފެށުމަށް އެއްބަސްވެއްޖެ

ބެއިޖިންގް (28 ޖަނަވަރީ 2025): އިންޑިއާއާއި ޗައިނާގެ ގުޅުންތައް އަލުން ރަނގަޅުކޮށް ދެގައުމުގެ ދެމެދުގައި ހުއްޓިފައިވާ ވައިގެ ސީދާ ދަތުރުތައް އަލުން ފެށުމަށް އެދެގައުމު އެއްބަސްވެއްޖެއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވީ ޗައިނާއާއި އިންޑިއާގެ ގުޅުންތައް ރަނގަޅުކޮށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާއަށް ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ އާ އެކު ކުރެއްވި މަޝްވަރާތަކުގައި ދެބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ކަމުގައެވެ.

ޗައިނާއަށް މިހާރު ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އާއި ޗައިނާގެ ޚާރިޖީ ވުޒާރާގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވާންގް ޔީ ވިދާޅުވީ ޗައިނާއާއި އިންޑިއާ އަކީ އަވަށްޓެރި ދެގައުމު ކަމުގައެވެ. އަދި ދެގައުމުގެ ދެމެދު ވިސްނުން އެއްގޮތް ކަންތަކާއި މަސްލަހަތު އެއްގޮތް ގިނަ ކަންތައްތަކެއް އެބަހުރި ކަމުގައެވެ.

ވިސްނުން އެއްގޮތް ކަންތަކާއި މަސްލަހަތު އެއްގޮތް ކަންކަމުގައި ދެގައުމު ބައިވެރިވެ ގުޅިގެން މަސައްކަތް ކުރެވިދާނެކަމަށް ދެބޭފުޅުންނަށް އެއްބަސްވެވުނުކަމަށް ވާންގް ޔީ ވިދާޅުވިއެވެ. އިތުބާރު އަލުން ހޯދައި ޝައްކުތައް ފިލުވާލައި އެއްގައުމު އެކަހެރި ކުރުމަށް އަނެއް ގައުމުން ކުރާ މަސައްކަތްތައް ހުއްޓާލަންޖެހޭކަމަށް ވެސް ވާންގްޔީ ވިދާޅުވިއެވެ. އިންޑިއާއާއި ޗައިނާއަކީ އަވަށްޓެރި އެހެނަސް ވަރަށް ވާދަވެރި ދެގައުމެވެ. ވާދަވެރިކަމާއެކުވެސް އެދެގައުމުގެ ގުޅުންތައް އާދައިގެ ހާލަތެއްގައި ވަރަށް ފަހަކާ ޖެހެންދެން އޮތެވެ.

މި ގުޅުންތައް މާބޮޑަށް ގޯސްވެގެން ދިޔައީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ދެ ގައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި ދެގައުމުގެ ސިފައިން ހަމަލާތަކެއް ބަދަލުކޮށް ހަނގުރާމައިގެ ހާލަތަކަށް ދިޔުމުންނެވެ. މި ހަމަލާތަކުގައި އިންޑިއާ ސިފައިންގެ 17 މީހަކު މަރުވެ ޗައިނާ ސިފައިންގެ ބަޔަކު ޒަޚަމްވިއެވެ.

މިއާއެކު ދެގައުމުގެ ގުޅުންތައް ގޯސްވެ ކުރިން އޮތް ޑިޕްލޮމެޓިކް ހަރަކާތްތައް ދެގައުމުގެ ދެމެދުގައި ގާތްގަނޑަކަށް ނެތިގެން ދިޔައެވެ. ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރުގެ ކުރީކޮޅު ހުއްޓުމަކަށް އައި ދެގައުމުގެ ވައިގެ ދަތުރުފަތުވެސް ކޮވިޑަށްފަހު 2022 ވަނަ އަހަރު އަލުން ފަށާގޮތަށް އޮތްނަމަވެސް މިހަމަލާތަކުގެ ސަބަބުން މިކަންވެސް ފަސްވިއެވެ.

ދެގައުމުން ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލާ ހިސާބަށް ކަންތައް ނުދިޔަނަމަވެސް ދެގައުމުގެ ދެމެދުގައި ކުރާ ވައިގެ ސީދާ ދަތުރުތައް އަދިވެސް ނުފެށެއެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިކަމާބެހޭގޮތުންވެސް ޗައިނާގެ މަސްއޫލުވެރިންނާ ވަނީ މަޝްވަރާ ކުރައްވާފައެވެ. ރިޕޯޓްތައް ބުނާގޮތުން މިސްރީ ޗައިނާގެ މަސްއޫލުވެރިންނާ ކުރެއްވި މަޝްވަރާތަކުގައި މިދަތުރުތައް އަލުން ފެށުމަށް އުސޫލެއްގެ ގޮތުން ދެގައުމު މިހާރުވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

އިންޑިޔާގެ ޚާރިޖީ ވުޒާރާ ވެސްވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އެވުޒާރާ ބުނެފައިވާގޮތުން ވިކްރަމް މިސްރީ ޗައިނާގެ މަސްއޫލުވެރިންނާ ކުރެއްވި މަޝްވަރާތަކުގައި އިންޑިއާއާއި ޗައިނާއާ ދެމެދު ވީ އެންމެ އަވަހަކަށް ވައިގެ ސީދާ ދަތުރުތައް އަލުން ފެށުމަށް ދެގައުމުގެ މަސްއޫލުވެރިން ވަނީ އެއްބަސްވެ ވަޑައިގެންފައެވެ. ޗައިނާއާއި އިންޑިއާ އާ ދެމެދު ވައިގެ ސީދާ ދަތުރުތައް މެދުކެނޑިފައި އޮތުމުން ދެގައުމުގެ ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދެއެވެ.

ދެހާސް ވިހި ވަނަ އަހަރު ދެގައުމުގެ ސިފައިން ސަރަހައްދީ ރޮނގުގައި ބަދަލުކުރި ހަމަލާތަކަށްފަހު ގޯސްވެފައިވާ ގުޅުންތައް ރަނގަޅުވާކަމުގެ ކުލަވަރު މިދިޔަ އަހަރުން ފެށިގެން ވަނީ ފެންނަން ފަށާފައެވެ. މީގެތެރޭގައި ދެ ގައުމުގެ އިސް މަސްއޫލުވެރިން ބައިނަލްއަގްވާމީ ފޯރަމްތަކުގެ އަރިމަތީގައި ވަނީ ބައްދަލުކުރުންތައް ބާއްވަމުން ގެންގޮސްފައެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ބައިނަލްއަގްވާމީ ފޯރަމެއްގެ ތެރެއިން ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އަލުން ހަރުދަނާކޮށް ކުރީގެ ހާލަތަށް އައުމާބެހޭގޮތުން މަޝްވަރާތަކެއް ކުރައްވާފައެވެ.

comment ކޮމެންޓް