އިންޑިއާގެ ބަޖެޓުގައި ރާއްޖެއަށް ދޭ އެހީ މިދިޔަ އަހަރަށް ވުރެ އިތުރު

އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު ރައީސް މުއިއްޒު: އިންޑިއާއިން ރާއްޖެއަށް ދޭން ކަނޑައެޅި އެހީގެ މިންވަރު ވަނީ އިތުރުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާއިން 2025-2026އަށް ލަފާކުރާ ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައަޅައިފައިވާ އަދަދު، މިދިޔަ އަހަރަށްވުރެ އިތުރުކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ތިން ވަނަ ދައުރުގެ ފުރަތަމަ ބަޖެޓު މިއަދުވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފައެވެ. އެ ބަޖެޓުގެ ތަފުސީލުތައްވަނީ، އިންޑިއާގެ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.

އޭގެ ތެރެއިން އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ބަޖެޓުގެ ތަފުސީލަށް ބަލާއިރު، އިންޑިއާއިން އެހީ ދޭ ގައުމުތަކުގެ ތެރެއިން ރާއްޖެއަށް މި ފަހަރުވަނީ 600 ކުރޯޑް ރުޕީސް (1.06 ބިލިއަން ރުފިޔާ) ކަނޑައަޅައިފައެވެ. އެއީ މިދިޔަ އަހަރުގެ ބަޖެޓުގައި ހިމެނި ވަރަށް ވުރެ 200 ކުރޯޑް އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައެޅީ، 400 ކްރޯޑް ރުފީސް ނުވަތަ 732 މިލިއަން ރުފިޔާއެވެ. ނަމަވެސް ފަހުން އެ އަދަދުވަނީ 470 ކްރޯޑް ރުޕީސް (835 މިލިއަން ރުފިޔާ)އަށް އިތުރުކޮށްފައެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ބަޖެޓުން އެންމެ ބޮޑު އެހީއެއް ކަނޑައަޅައިފައިވަނީ ބޫޓާނަށެވެ. އެގޮތުން އެ ގައުމަށް 2،150 ކްރޯޑު ރުޕީސް (3.82 ބިލިއަން ރުފިޔާ) ދޭން ވަނީ ހުށަހަޅައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރު ވެސް އެންމެ ފުރަތަމަ ރާއްޖެއަށް ދޭން ކަނޑައެޅިީ 1.06 ބިލިއަން ރުފިޔާގެ އެހީއެވެ. ނަމަވެސް ފަހުން އެ އަދަދު 732 މިލިއަން ރުފިޔާއަށް ކުޑަކުރީއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. މި ސަރުކާރު ވެރިކަމަށް އައީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ ވައުދާއެކު، އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށްގެންދިޔަ ބޮޑު ކެމްޕެއިނަކަށް ފަހު ކަމުން، އެ ގައުމުގެ ގުޅުމަށް ބުރޫ އަރައިފާނެ ކަމަށް ފުރަތަމަ ވެސް ގިނަ ބަޔަކު ލަފާކުރިއެވެ.

އެއަށްފަހު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރާއި އެގައުމުގެ ރައްޔިތުންނަށް ކުޑައިމީސް ކުރި މައްސަލައެއް ބޮޑުވެ، ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލައި އެގައުމުގައި މަޝްހޫރު ފަންނާނުން ހިމެނޭ ގޮތަށް ކެމްޕެއިނެއް ވެސް ކުރިއަށްގެންދިޔައެވެ.

މި ސަރުކާރުން ވަނީ އިންޑިއާއާ އަލުން ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ބޮޑުވަޒީރު މޯދީ ތިން ވަނަ ދައުރަކަށް ވެރިކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަޑައިގަތެވެ.

comment ކޮމެންޓް