މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގައި ޔުނީފޯމް އެޅި މުއައްސަސާތަކަށް އިތުބާރުކޮށް، ބަލަން ތިބެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވާ ނާޒިމް ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުރަސްކޮށް، މަސްތުވާތަކެތި އެތެރެ ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭން ޖެހޭ ކަމަށެވެ. އަދި އެކަމަކީ މަޖިލީހުގެ މެންބަރުން ކުރަންޖެހޭ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޔުނިފޯމް އެޅި މުއައްސަސާތަކުން އެކަން ކަށަވަރުކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނެތް ޔުނީފޯމް އެޅި މުއައްސަސާތަކުގެ މައްޗަށް ވެސް އިތުބާރުކޮށްގެން މިކަންތައްތަކާ ދޭތެރޭގައި ބަލަން ތިބެވޭކަށް،" ނާޒިމް ވިދާޅުވިއެވެ.
"...އެބޭފުޅުންނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކަށް އިހުމާލުވާ ގޮތަށް ކަންތައްތައް ކުރާ ނަމަ އެކަންކަމާ ދޭތެރޭ އިސްލާހީ ފިޔަވަޅުތައް އެޅުމަށް އަޅުގަނޑުމެން ދަންނަވަން ޖެހޭ ފަރާތްތަކަށް އަޅުގަނޑުމެންގެ ޒިންމާއެއް،"
ހަމައެއާއެކު އެފަދަ ކުށްތަކަށް އަރައިގަނެ، ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތައް ހުއްޓުވުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ އެކަމުގެ ބައެއް މިސާލުތައް ވެސް ނަންގަވާފައެވެ. އެގޮތުން ދަ ހޯކްސްގެ ބޯޓެއްގައި ހުއްދަ ނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި މައްސަލަ ވަނީ ފާހަގަކުރައްވާފައެވެ. އެ މައްސަލައިގައި ކަސްޓަމްސްގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން 241 ކޮމެޓީން އެ މައްސަލަ ބަލާ ނިމޭއިރު އެކަށީގެންވާ ހަރުކަށި އަދި ތަންފީޒުކުރެވޭ ފަދަ ހައްލުތަކެއް ސަރުކާރަށް ހުށަހަޅާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ވާހަކައިގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި މިހާރު ވެސް އުޅޭ ބޮޑުން ސަލާމަތްވާކަމާއި ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހެނީ އެހެން ބަޔެއްކަން ފާހަގަކުރައްވައި، އެކަން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.