މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ނަޝީދެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވާނީ މިއަދުގެ ޖަލްސާގައެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރިކުރުމާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު އިތުރުވެ، މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށްޓަކައެވެ.
އަދި މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ހަރުދަނާ ގޮތެއްގައ ފަރުވާދީ، ހެޔޮގޮތުގައި މުޖުތަމައުއަށް އަނބުރާ ރުޖޫއަވެވޭނެ ފުރުސަތު ދިނުމަށްޓަކައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ނިޒާމު އިސްލާހުކޮށް އެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށެވެ.
އެގޮތުން މި ބިލުގައި ހިމަނާފައިވާ މައިގަނޑު ކަންތައްތަކަކީ:
- ގާނޫނުގެ ދަށުން ކޮންޓްރޯލް ކޮށްފައިވާ މަސްތުވާއެއްޗެހީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުން.
- މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުން.
- މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުން.
- ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުން.
- މަސްތުވާތަކެއްޗާ ގުޅޭ ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އިތުރު ބާރުތައް ލިބިދިނުން.
- ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި އެފަދަ މުދާ ދައުލަތަށް ނެގުމުގެ އުސޫލު މުރާޖާކުރުން.
- އެ ނޫންވެސް ގާނޫނު ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުން.
މި ބިލުގައި ކަމާ ގުޅުން ހުރި އިދާރާތަކަށް ލިބިދޭ ބާރުތައް ވެސް އިތުރަށް ހަރުކަށިކޮށްފައިވެއެވެ.
އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު އެ ފަރާތުގެ ހުއްދަ ދީފައިވާ އޮފިސަރުން އަދާކުރުމުގެ ތެރޭގައި އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކުށެއް މީހަކު ކޮށްފިކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭ ކަމަކަށް ވާނަމަ، ނުވަތަ އެފަދަ ކުށެއް ކޮށްފާނެކަމަށް ގަބޫލުކުރެވޭ ކަމަށް ވާނަމަ ކޯޓު އަމުރަކާ ނުލާ އެ މީހަކު ހިފަހައްޓާ ފާސްކުރުމުގެ ބާރު ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިގެންވެއެވެ.
ކަސްޓަމްސްގެ އޮފިސަރުންގެ އިތުރުން މި އިސްލާހުތަކުގައި ފުލުހުންނަށް ލިބޭ ބާރުތައް ވެސް ހަރުކަށިކޮށްފައިވެއެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި، މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ހިންގޭ ހަރުކަށި އަމަލުތަކާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އުފެދޭ ސިއްޙީ މައްސަލަތައް ރައީސުލްޖުމްޙޫރިއްޔާއަށް އަންގައިދިނުމަށް ވަނީ ހިމަނާފައެވެ. އަދި އެކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ތައާރަފުކުރަންޖެހޭ ގައުމީ ސިޔާސަތުތަކަކީ ކޮބައިކަމާއި، ހުރި ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި، އެ ބަދަލުތަކާ ގުޅިގެން ރައީސުލްޖުމްޙޫރިއްޔާއަށް ލަފާދިނުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހުތައް ހުށަހަޅާފައި މިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން އިއުލާނުކުރައްވާފައި ވަނިކޮށެވެ. އެމަނިކުފާނު ވަނީ މިދިޔަ މަހުގެ 26ގައި ވަރަށް އަވަހަށް މި ބިލު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
މި ބިލު ޑްރާފްޓް ކުރުމުގައި ހޯމް މިނިސްޓްރީއާއި ބަންޑާރަނައިބު އޮފީހުގެ އެހީ ވަނީ ހޯދާފައެވެ.