ދަ ހޯކްސްގެ ބޯޓެއްގައި ހުއްދަ ނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގައި ފުލުހުން ހާޒިރުކުރި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ބައްދަލުވުން މިއަދު ސިއްރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން އޮކްޓޯބަރު 30ގައި ހޯމް މިނިސްޓަރު އަލީ އިހުސާން ހާޒިރުކުރި 241 ކޮމިޓީގެ ބައްދަލުވުން ވެސް ސިއްރުކުރިއެވެ.
އެ މައްސަލަ ބެލުމަށް މިއަދު ބޭއްވި 241 ކޮމިޓީގައި، ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ކޮމިޓީގެ އިއްތިފާގުން އެ ބައްދަލުވުން ސިއްރުކުރަން ވަނީ ނިންމާފައެވެ.
ދަ ހޯކްސްގެ އުޅަނދެއް މެދުވެރިކޮށް ހުއްދަނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާ ގުޅިގެން، އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރޭގަނޑު ގާތްގަނޑަކަށް 11:00 ހާއިރު، ތިލަފުށީގައި ގާއިމުކުރެވިފައިވާ ދަ ހޯކްސްގެ ބޯޓު ޔާޑަށް ފުލުހުން ވަނީ ގޮސްފައެވެ.
އެ ތަން ބަލައި ފާސްކުރުމުގެ ތެރެއިން މެންޗެސްޓާ ބްރޭންޑުގެ ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދީފައިވެއެވެ.
އެ ހާދިސާއާ ގުޅިގެން ހޯކްސް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، ސިނގިރޭޓް އެތެރެކުރި ހާދިސާގައި ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އެ ކަމުގައި އަމިއްލަ މަންފާއަށް ގާނޫނާ ޚިލާފު އަމަލެއް ކުރިކަމުގެ ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ކުންފުނީގެ މެނޭޖުމަންޓުންވަނީ ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއްދީ ގާނޫނާ ޚިލާފު އަމަލުތަކުގައި ބައިވެރިވެ އެ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ ހައްޔަރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފުރިހަމަ އެއްބާރުލުންދީފައެވެ.
ހޯކްސްގެ ޓީމުން ވަނީ ފުލުހުންގެ ޓީމު ދަ ހޯކްސްގެ ބޯޓު ޔާޑަށް ވަނުމުގެ ފުރުސަތުދީ ކޯޓު އަމުރެއް ލިބެންދެން އެ ތަނުގައި ފުލުހުންގެ ޓީމު ހަރަކާތްތެރިވުމަށް ފުރުސަތު ދީފައިކަމަށް ވެސް ބުންޏެވެ.
ދަ ހޯކްސްއަކީ ތެޔޮ އެތެރެކޮށް ވިޔަފާރިކުރުމަށް މަޝްހޫރު ކުންފުންޏެކެވެ. ހޯކްސްއަކީ ފައިދާކުރުވަނިވި ތެލުގެ ވިޔަފާރިކުރާ ކުންފުންޏަކަށްވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުމުގެ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުމެއް އަދި އެފަދަ އެއްވެސް ޝައުގުވެރިކަމެއް ދަ ހޯކްސްގެ ނެތްކަމަށް ކުންފުނިން ބުންޏެވެ.