ޖަމާލުއްދީން ސުކޫލުގައި ތައުލީމު ހާސިލްކުރާ ހުސައިން ނާއިޝްއަށް ކެލިގްރަފީ ދާއިރާގެ ހުނަރު ދަސްކޮށްދޭން އެ ދާއިރާގެ ފަންނުވެރިއަކު ހަމަޖައްސާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ށ. ކަނޑިތީމަށް އުފަން ނާއިޝްއަކީ އުފެދުމުގައި އަޑު އިވުމާއި ވާހަކަ ދެއްކުމުން މަހުރޫމުވެފައިވާ ކުއްޖެކެވެ. ނަމަވެސް އޭނާގެ ކެލިގްރަފީ ކުރެހުންތަކެއް ވަނީ ވަރަށް ބޮޑަށް މަގުބޫލުވެފައެވެ.
ނާއިޝް ތައުލީމު ހާސިލުކުރަމުންދާ ޖަމާލުއްދީން ސްކޫލުގެ ފާރުތަކުގައި އޭނާގެ ކެލިގްރަފީ ހުނަރު ދައްކުވައިދީ، ޒީނަތްތެރިިކޮށްފައިވާ ފޮޓޯތަކެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެއާއެކު މިއަދު ޝަހީމް ވަނީ ނާއިޝްއާއި އޭނާގެ އާއިލާއާ ބައްދަލު ކުރައްވާފައެވެ.
ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކެލިގްރަފީ ދާއިރާގެ ހުނަރު އިތުރަށް ދަސްކުރަން ނާއިޝް އެދޭތީ މިނިސްޓްރީން އެހީވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިނިސްޓްރީން ކޮށްދޭނެ ކަންތައްތަކުގެ ތެރޭގައި:
- ނާއިޝް ސުކޫލު ނިމުމުން އެ ހުނަރު ދަސްކޮށްދޭން އޭނާއާ މަސައްކަތްތަކެއް ހަވާލުކުރުން
- އަންނަ އަހަރު ހުޅުވާ އައްޑޫ އިސްލާމިކް ސެންޓަރާއި ހިތަދޫ އިސްލާމިކް ސެންޓަރާއި ފުވައްމުލައް ސިޓީގެ ގުރުއާން މަރުކަޒުގައި ނާއިޝްގެ ކެލިގްރަފީ ކުރެހުންތައް ބަހައްޓައިދިނުން
މީގެއިތުރުން، މިނިސްޓަރު ޝަހީމް ވަނީ އިސްލާމިކް ކެލިގްރަފީ ހެދުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި އިތުރު ހުނަރު ދަސްކޮށްދިނުމަށް ދާއިރާގެ ފަންނުވެރިއަކު ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
"އިސްލާމީ ދާއިރާތަކުން ކުރިއަށް ދާން ޝައުގުހުރި މިފަދަ ހުރިހާ ކުދިންނަށް މި ފުރުސަތު އޮންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ނާއިޝް އަކީ އެންމެ ކުޑައިރުއްސުރެ ވެސް ހުނަރުވެރި ކުރެހުންތެރިއެކެވެ.
ކުލާސް ގަޑީގައި ވެސް އޭނާ އެންމެ ޝައުގުވެރިކަމާއެކު ކުރާ ކަމަކީ ކުރެހުމެވެ. އެ ދުވަސްވަރު ނާއިޝް އެންމެ ޝައުގުވެރިކަމާއެކު ކުރަހަނީ މާލެއާއި ކަނޑިތީމާ ދެމެދު ދަތުރުކުރާ "އުޅިއަށި" ބޯޓެވެ. ފަތިގަނޑު ޖައްސައިގެން ސީދާ ރޮނގުތަކެއް އަޅަމުން އެ ބޯޓުގެ ކުދި ކުދި ތަފްސީލުތައް އޭނާ ފަރިތަކަމާއެކު ކުރަހާލައެވެ.
ގުރޭޑު ހަތަރެއް ނިންމުމަށްފަހު އާއިލާއާއެކު ނާއިޝް ކިޔަވަން މާލެއައިސް ޖަމާލުއްދީން ސްކޫލުގައި ތައުލީމު ހާސިލު ކުރަން ފެށިއެވެ. ރަށުގައި ކިޔެވިއިރު ދިމާވި ދަތިތަކާ ދުރުވެ ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައިއެވެ.
މީގެ ކުރިން "ސަން"އަށް ދިން އިންޓަވިއުއެއްގައި ނާއިޝް ބުނީ ޖަމާލުއްދީން ސްކޫލުން ތައުލީމު ހާސިލު ކުރަން ފެށި ފަހުން އޭނާގެ ކިޔެވުމަށާއި ކުރެހުމަށް ވެސް ބޮޑު ކުރިއެރުމެއް އައިކަމަށެވެ.
"ޖަމާލުއްދިން ސްކޫލަށް ޖޮއިން ކުރި ފަހުން ކިޔެވުމުން ވެސް ކުރިއަށް ދެވުނު. ހަމަ އެއާ އެއްވަރަށް ކުރެހުމުންވެސް ކުރިއަށް ދެވުނު. އިތުރު ފުރުސަތުތައް ވެސް ލިބުނު،" ނާއިޝް ކިޔައިދިނެވެ.
ކެލިގްރަފީއަކީ ވެސް އޭނާ އެންމެ ޝައުގުވެރިކަމާއެކު ކުރާ އެއް މަސައްކަތެވެ. ނާއިޝްގެ ހިތުގައި ފުރަތަމަ މިކަމަށް ޝައުގުވެރިކަން އުފެދުނީ ކޮވިޑުގެ ދުވަސްވަރުގައެވެ. އަޑު ނީވޭ ކުއްޖަކަށް ވުމުން ނާއިޝް ޤުރުއާން ކިޔަވަނީ ސައިން ލޭންގުއޭޖުންނެވެ. އެގޮތަށް ޤުރުއާން ކިޔަވަމުން ދަނިކޮށް ނާއިޝްގެ ހިތުގައި އަރަބި ލިއުމަށް ޝައުގުވެރިކަން އުފެދުނީއެވެ.
އަރަބިކް ކެލިގްރަފީ ދަސްކުރަން ނާއިޝް އެންމެ ފުރަތަމަ އަޅަން ފެށީ ﷲ ގެ އިސްމުފުޅެވެ. އެއަށް ފަހު ބިސްމި އެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ގޮސް، މިހާރު ދިގު ލިޔުންތައް ބޮޑު އަކުރުކޮށްގެން އޭނާ ލިޔެއެވެ. ވަށް ކެންވަސްއެއްގައި ރަންއަކުރުން “އައް ރަޙްމާން” ސޫރަތް ލިޔުމަށް ކުރި މަސައްކަތަކީ އޭގެތެރެއިން އޭނާ އެންމެ ހިތްހަމަޖެހޭ މަސައްކަތެވެ.
ނާއިޝް ދަނީ އެތައް ގޮތަކުން އެތައް ބަޔަކު އޭނާގެ ކުރެހުމުގެ ޖާދުލުގައި ޖައްސަމުންނެވެ. އެގޮތުން ކުރެހުމުގެ މައުރަޒުތަކުގައި ވެސް ނާއިޝް އޭނާގެ ކުރެހުމުގެ ހުނަރު ދައްކައެވެ.