ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ފިލްމީ ދާއިރާއަށް ތައާރަފުކުރާ ފިލްމުގެ ފުރަތަމަ ލަވަ ރިލީޒްކުރުމާ އެކު އިބްރާހީމާއި ޚުޝީ ކަޕޫރުގެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުގޮސްފިއެވެ.
އިބްރާހީމް (އިގީ) ބެލުންތެރިންނަށް ތައާރަފުވާ ފިލްމު "ނާދާނިޔާ"އިން ބަތަލާގެ ރޯލުން ފެންނާނީ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރެވެ. "އިޝްޤް މޭ"ގެ ނަމުގައި އާންމުކުރި "ނާދާނިޔާ"ގެ ލަވަ އާންމުންނަށް ދައްކާލާފައިވަނީ އިންޑިއާގެ މުމްބާއީގައި ނެޓްފްލިކްސްއިން ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.
މި ލަވަ އާންމުކުރުމާ އެކު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންގެ އިތުރުން ބެލުންތެރިންގެ ވަރަށް ގިނަ ބަޔަކު ބުނެފައިވަނީ އިގީއާއި ޚުޝީގެ ޖޯޑު ވަރަށް ހިތްގައިމު ކަމަށެވެ. މި މިއުޒިކް ވީޑިއޯއިން އިބްރާހީމް ތައާރަފުކޮށްފައިވަނީ އަރުޖުން އަދި ޚުޝީ ތައާރަފުކޮށްފައިވަނީ ޕިއާގެ ނަމުގައެވެ.
ވަރަށް ހިތްގައިމު ސަރަހައްދުތަކުގައި ޝޫޓްކޮށްފައިވާ މި ލަވައަކީ ސަޗެތު ޓަންޑަން އަދި އަސީސް ކައުރުގެ އަޑުން ކިޔާފައިވާ ލަވައެވެ. ލަވައިގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ސަޖިން-ޖިގަރްއެވެ.
ދަރުމާ ޕްރޮޑަކްޝަންސްގެ ގޮފި ދަރުމެޓިކް އެންޓަޓެއިންމަންޓްއިން ގެނެސްދޭ މި ފިލްމަކީ އިންޑިއާގެ ސައުތު ދިއްލީއަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖަކާ އިންޑިއާގެ ނޮއިޑާއަށް ނިސްބަތްވާ ޒުވާން ފިރިހެން ކުއްޖަކާ ދެމެދު އުފެދޭ ލޯބީގެ ގުޅުމުގެ ވާހަކަ ކިޔައިދޭނެ ވަރަށް ހިތްގައިމު ފިލްމަކަށް ވާނެ ކަމަށް ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ ބުނެފައެވެ.
ނެޓްފްލިކްސް މެދުވެރިކޮށް ޕްރީމިއާ ކުރަން ނިންމާފައިވާ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.