އެންމެ ކުޑައިރުއްސުރެ އޭނާގެ ވަށައިގެންވަނީ ހަމަހިމޭންކަމެވެ. އެކަމަކު މި ދުނިޔެ އޭނާއަށް ވަރަށް ރީއްޗެވެ. ގުދުރަތީ ވެށީގެ ކޮންމެ މަންޒަރަކީ އޭނާގެ ޝައުގު އަތުލާ ކަންކަމެވެ. އެ މަންޒަރުތަކުން އޭނައަށް ކުރެވުނު އިހުސާސްތައް ދުނިޔެއަށް ކިޔައިދޭން ފެށީ ފަންސޫރައާއި ކުލަފޮށީގެ އެހީގައެވެ.
މިއީ ޖަމާލުއްދީން ސްކޫލުގައި މިހާރު ތައުލީމު ހާސިލުކުރަމުންދާ އުމުރުން 19 އަހަރުގެ ހުސައިން ނާއިޝްގެ ވާހަކައެވެ. އުފެދުމުގައި އަޑު އިވުމާއި ވާހަކަ ދެއްކުމުން މަހުރޫމުވެފައިވީނަމަވެސް ހިތްވަރު އެލުވާނުލައި ކުރިއަށް ދިޔަ ހިތްވަރުގަދަ ޒުވާނެއްގެ ވާހަކައެވެ.
ށ. ކަނޑިތީމަށް އުފަން، ނާއިޝް އަކީ އެންމެ ކުޑައިރުއްސުރެވެސް ހުނަރުވެރި ކުރެހުންތެރިއެކެވެ.
ކުލާސް ގަޑީގައި ވެސް އޭނާ އެންމެ ޝައުގުވެރިކަމާއެކު ކުރާ ކަމަކީ ކުރެހުމެވެ. އެ ދުވަސްވަރު ނާއިޝް އެންމެ ޝައުގުވެރިކަމާއެކު ކުރަހަނީ މާލެއާއި ކަނޑިތީމާ ދެމެދު ދަތުރުކުރާ "އުޅިއަށި" ބޯޓެވެ. ފަތިގަނޑު ޖައްސައިގެން ސީދާ ރޮނގުތަކެއް އަޅަމުން އެ ބޯޓުގެ ކުދި ކުދި ތަފްސީލުތައް އޭނާ ފަރިތަކަމާއެކު ކުރަހާލައެވެ.
ނާއިޝް ބުނީ ފަތިގަނޑު ބޭނުންކޮށްގެން ބޯޓު ކުރުހަނީ ބޯޓު ބޮޑު ވުމުން ބޯޓުގައި ހުންނަ ތަންތަން ސީދަލަށް ކުރެހުމުގެ ބޭނުމުގައި ކަމަށެވެ.
"ބޯޓު ފެނުނީމަ ވަރަށް ބަލަން، އެކި އެކި އޭންގަލް އިން އެ ބަލައި އޮބްޒާވްކޮށްގެން ދަސްކުރީ އިންނަ ގޮތަށް ކުރަހަން. ރިއަލް އެއްޗެހި ފެނުނީމަ ހަދަނީ އެހެން އޭއްޗިހި ބަލައިގެން ކޮންމެ ތަންކޮޅެއް ވަކިން އެ އިންނަ ގޮތަށް ކުރެހޭތޯ މަސައްކަތް ކުރަނީ،" އަތުގެ އިޝާރާތުން ވާހަކަ ދައްކަމުން ނާއިޝް ކިޔައިދިނެވެ.
ނާއިޝް ބުނީ ކުޑައިރުންފެށިގެން ވެސް އެގޮތަށް ބޯޓު އަބަދުވެސް ފެންނާތި ބޯޓުފަދަ ތަކެތި ކުރުހަން އަބަދުވެސް ޝައުގުވެރިކަން ހުންނަ ކަމަށެވެ. އުޅިއަށި ބޯޓު ކުރަހާ ގޮތަށް ޓައިޓޭނިކް ވެސް އޭނާ ކުރަހައެވެ.
ކުރެހުމުގެ ޝައުގުވެރިކަން ހުރި ނަމަވެސް، އޭރު އަތޮޅުތެރޭގެ މަދަރުސާތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް އިންތިޒާމުތަކެއް ހަމަޖެހިފައި ނުހުންނާތީ ކިޔެވުމުގައި ކޮންމެވެސް ވަރަކަށް ދަތިތަކަކާ އޭނާ ކުރިމަތިލާން ޖެހުނެވެ.
ގުރޭޑު ހަތަރެއް ނިންމުމަށްފަހު އާއިލާއާއެކު ނާއިޝް ކިޔަވަން މާލެއައިސް ޖަމާލުއްދީން ސްކޫލުގައި ތައުލީމު ހާސިލު ކުރަން ފެށިއެވެ. ރަށުގައި ކިޔެވިއިރު ދިމާވި ދަތިތަކާ ދުރުވެ ދެކެމުން އައި ހުވަފެންތައް ހަޤީގަތަކަށް ހެދުމަށްޓަކައިއެވެ.
ނާއިޝް ބުނި ގޮތުގައި ޖަމާލުއްދީން ސްކޫލުން ތައުލީމު ހާސިލު ކުރަން ފެށި ފަހުން އޭނާގެ ކިޔެވުމަށާއި ކުރެހުމަށް ވެސް ބޮޑު ކުރިއެރުމެއް އައެވެ.
"ޖަމާލުއްދިން ސްކޫލަށް ޖޮއިން ކުރި ފަހުން ކިޔެވުމުން ވެސް ކުރިއަށް ދެވުނު. ހަމަ އެއާ އެއްވަރަށް ކުރެހުމުންވެސް ކުރިއަށް ދެވުނު. އިތުރު ފުރުސަތުތައް ވެސް ލިބުނު،" ނާއިޝް ކިޔައިދިނެވެ.
ރަށުގައި އުޅުނުއިރު ނާއިޝް ފަދައިން, އިވުމުން މަހުރޫމްވެފައިވާ ކުއްޖަކު, ސްކޫލުގައިވެސް ނޫޅެއެވެ. އެހެންކަމުން އޭނާއަށް ހީވެފައި އޮތީ އޭނާއަކީ މުޅި ދުނިޔޭގައި ވެސް އެ ހާލަތު ކުރިމަތިވެފައިވާ ހަމައެކަނި ކުއްޖާ ކަމަށެވެ.
ނަމަވެސް، މާލެ އައިސް، ޖަމާލުއްދީން ސްކޫލުގެ "ޗިކް" ކުލާހާ ގުޅުނު ހިސާބުން އޭނާއަށް އެފަދަ ބައިވަރު އެކުވެރިންތަކެއް ލިބުނެވެ.
"ވަރަށް އުފާވި، އެކަހަލަ އެހެން ކުދިން ވެސް ދުނިޔޭގައި އުޅޭކަން އެނގުނީމަ" ނާއިޝް ކިޔައިދިނެވެ.
ޖަމާލުއްދީން ސްކޫލުން ނާއިޝްގެ ހުނަރު ތަރައްގީކުރުމުގެ ފުރުސަތުތައް ފަހިވާންފެށީ އެ ސްކޫލުގެ ޓީޗަރަކަށް އޭނާގެ ކުރެހުމުގެ ހުނަރު ފާހަގަވީ ހިސާބުންނެވެ. އެއާއެކު, އެ ދާއިރާއިން ކުރިއަށް ދިޔުމަށް ސްކޫލުން ގިނަ ފުރުސަތުތަކެއް އޭނާއަށް ފަހިކޮށްދިނެވެ.
މި ފަހުން އޮތް 'ރިވެލި އެގްޒިބިޝަން' ގައި ވެސް އޭނާގެ ގިނަ ކުރެހުންތަކެއް ދައްކާލުމުގެ ފުރުސަތު ލިބުނެވެ. އެއީ ވެސް ސްކޫލް މެދުވެރިވެގެން ފަހިވި ފުރުސަތެކެވެ.
އެގޮތުން، އަމިއްލަ ސްޓޯލުގެ އިތުރުން ސްކޫލުގެ ސްޓޯލުގައި ވެސް ނާއިޝްގެ ކުރެހުންތައް ދައްކާލުމަށް ފުރުސަތު ލިބުނެވެ. އޭނާ އެގްޒިބިޝަންގައި ބައިވެރިކުރި ގިނަ ކުރެހުންތަކެއް ވަނީ ވިކިފައެވެ.
"އެގްޒިބިޝަންގައި ބައިވެރިވެވުނީމަ ވަރަށް ހިތްހަމަޖެހުނު. ގިނަ ބަޔަކު އައިސް ކުރެހުންތަކަށް ތައުރީފުކުރީމަ ވަރަށް ބޮޑު ހިތްވަރެއް ލިބުނު" އެ ތަޖުރިބާ ނާއިޝް ކިޔައިދިނެވެ.
އެ ހިތްވަރާއެކު ނާއިޝް މިހާރު ތައްޔާރުވަމުން އަންނަނީ އަހަރުގެ އެންމެ ބޮޑު އެއް އާޓް އެގްޒިބިޝަން 'އަންވީލިން ވިޝަންސް'ގައި ބައިވެރިވުމަށެވެ.
ގުރުއާން ދަސްކުރަމުން ހިތް ދޫވީ ކެލިގްރަފީއަށް
އަރަބި ބޮޑުއަކުރު އެޅުން ނުވަތަ ކެލިގްރަފީއަކީ މިހާރު ނާއިޝް އެންމެ ޝައުގުވެރިކަމާއެކު ކުރާ އެއް މަސައްކަތެވެ. ނާއިޝްގެ ހިތުގައި ފުރަތަމަ މިކަމަށް ޝައުގުވެރިކަން އުފެދުނީ ކޮވިޑުގެ ދުވަސްވަރުގައެވެ. އަޑު ނީވޭ ކުއްޖަކަށް ވުމުން ނާއިޝް ޤުރުއާން ކިޔަވަނީ ސައިން ލޭންގުއޭޖުންނެވެ. އެގޮތަށް ޤުރުއާން ކިޔަވަމުން ދަނިކޮށް ނާއިޝްގެ ހިތުގައި އަރަބި ލިއުމަށް ޝައުގުވެރިކަން އުފެދުނީއެވެ.
ނާއިޝް ބުނި ގޮތުގައި ފުރަތަމަ ލިޔަން ފެށިއިރު ކެލިގްރަފީ މާބޮޑަކަށް ނޭނގެއެވެ. އެހެން ނަމަވެސް ފަހަރަކަށް ވުރެ ފަހަރެއް ޗެލެންޖިން އެއްޗެއް ލިޔަމުން ގޮސް އަރަބިކް ކެލިގްރަފީގެ އެތައް ރީތި ކެންވަސްއެއް އޭނާ ވަނީ ހަދައިފައެވެ.
އަރަބިކް ކެލިގްރަފީ ދަސްކުރަން ނާއިޝް އެންމެ ފުރަތަމަ އަޅަން ފެށީ ﷲ ގެ އިސްމުފުޅެވެ. އެއަށް ފަހު ބިސްމި އެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ގޮސް، މިހާރު ދިގު ލިޔުންތައް ބޮޑު އަކުރުކޮށްގެން އޭނާ ލިޔެއެވެ. ވަށް ކެންވަސްއެއްގައި ރަންއަކުރުން “އައް ރަޙްމާން” ސޫރަތް ލިޔުމަށް ކުރި މަސައްކަތަކީ އޭގެތެރެއިން އޭނާ އެންމެ ހިތްހަމަޖެހޭ މަސައްކަތެވެ.
ނާއިޝްއަށް މިކަމަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ނާއިޝްގެ ކާފަގެ ހުނަރުވެރި މަސައްކަތް ފެނިފައެވެ. އަރަބި އަކުރު ރީތިކޮށް ލިޔުމުގައި ނާއިޝްގެ ކާފައަކީ މަޝްހޫރު ބޭފުޅެކެވެ.
ކާފަ ލިޔެފައި ހުންނަ އަރަބި ލިޔުންތައް ނާއިޝްއަށް ފެނެއެވެ. ނާއިޝް ގަބޫލު ކުރަނީ ނާއިޝްއަށް ލިބިފައިވާ އާޓާއި ކުރެހުމުގެ އެ ހުނަރަކީވެސް ކާފަގެ ކިބައިން ލިބިފައި ހުރި ހުނަރެއް ކަމަށެވެ. ނާއިޝް ބޭނުންވަނީ އެ ހުނަރު އިތުރަށް ތަރައްގީ ކޮށް ކާފަ ވަރަށް ފަޚުރުވެރިވާނޭ ފަދަ ކާފަ ދަރިއަކަށް ވާށެވެ.
ފަސޭހަ މަސައްކަތްތަކަށް ވުރެ ބޮޑަށް ނާއިޝް ކުރާ ހިތްވަނީ އުނދަގު މަސައްކަތްތަކެވެ. ނާއިޝް ދެކޭ ގޮތުގައި ނާއިޝްގެ އެ ހުންނަ ހުނަރު މީހުންނަށް ދައްކާލެވެނީ އޭރުންނެވެ.
ކުރިއަށް ދާނީ ކުރެހުމުން, ވާން ބޭނުމީ އެދުރަކަށް
ނާއިޝް އަބަދުވެސް ކުރިއަށް ދާން ބޭނުން ވަނީ ކުރެހުމުގެ ދާއިރާއިންނެވެ. ނާއިޝް ބުނީ މިހާރު ކުރާ އެންމެ ބޮޑު އުންމީދަކީ ރާއްޖެއިން ބޭރަށް ކިޔަވަން ދިއުން ކަމަށެވެ. އެގޮތުން މި ދާއިރާއިން އިތުރަށް ތައުލީމު ހާސިލު ކުރަން ރާއްޖެއިން ބޭރަށް ގޮސް ކަމުގެ ތަޖުރިބާކާރުންގެ ފަރާތުން މި ހުނަރު އިތުރަށް ތަރައްގީ ކުރަން ނާއިޝް ވަރަށް ބޭނުންވެއެވެ.
މޮޅު އާޓިސްޓެއްގެ ގާތުން ކުރެހުމުގެ އުކުޅުތައް ދަސްކުރުމަކީ ނާއިޝްއަށް އަބަދުވެސް ކުރެވޭ އުންމީދެކެވެ. ކުރިން އެގޮތަށް ކިޔައިދޭނެ މީހަކު ނެތުމުން ނާއިޝް ހުރިހާ އެއްޗެއްވެސް ކުރަހަން ދަސްކުރަނީ ޔޫޓިއުބް ޓިއުޓޯރިއަލްތައް ބަލައިގެންނެވެ. އެހެން ނަމަވެސް އަންނަ އަހަރު އޯލެވެލްގައި އާޓް ސްކިލްސް ހަދަން ޕްރައިވެޓް ޓިއުޝަން ނަގާތީ އެ މުދައްރިސުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް އޭނާއަށް ލިބެއެވެ. އަދި މީގެ އިތުރުން މިދިޔަ އަހަރު ނާއިޝް ބައިވެރިވީ އާޓް ސްކިލް ކޯހަކުންވެސް ކުރެހުމާ ގުޅޭ ގިނަ އެއްޗެހިތަކެއް ނާއިޝްއަށް ދަސްވިއެވެ.
ކުރެހުމަށް ނާއިޝްގެ ހިތުގައި އުފެދިފައި އޮތީ ޚާއްސަ ލޯތްބެކެވެ. ބޭނުންވަނީ ކުރެހުމުގެ ދާއިރާއިން ކުރިއަރައިގެން ދާން ބޭނުންވާ ކުދިންނަށް މި ހުނަރު އުނގަންނައިދޭށެވެ. އޭނާ ބުނި ގޮތުގައި މި ދާއިރާއިން އޭނާ ވާސިލު ވާން ބޭނުންވާ އުންމީދާ ހަމައަށް ވާސިލުވުމަށްފަހު ދެން އޭނާ ކުރާނެ މަސައްކަތަކީ ކުރަހަން ދަސްކުރަން ބޭނުންވާ ކުދިންނަށް މި ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތް ކުރުމެވެ.
ނާއިޝް ދުވަހަކުވެސް ކުރެހުން ހުއްޓާލާކަށް ބޭނުމެއް ނުވެއެވެ. އެ ހުނަރު އޭނާއަށް ދެއްވި ކަމަށްޓަކައި އަބަދާއަބަދު މާތް ރަސްކަލާނގެއަށް ޝުކުރުވެރިވެއެވެ. މި ދާއިރާއިން ކުރިއަށް ދިއުމަށް އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ މައިންބަފައިންނާއި އާއިލާގެ ފަރާތުން ލިބޭ ހިފެހެއްޓުމެއް ނެތް ލޯތްބެވެ. އެކަމަށް, ނާއިޝް އިންތިހާއަށް ޝުކުރުވެރިވެއެވެ. އަދި ކުރެހުމުން ކުރިއަރައިގެން ދިއުމަށް މަގު ކޮށައިދީ ފަހި ކޮށްދިނީތީ ޖަމާލުއްދީން ސްކޫލުގެ ހުރިހާ ޓީޗަރުންނަށްވެސް އޭނާގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެއެވެ.