އަކްޝޭ ކުމާރު، ބަތަލާ އަނަނިޔާ އަދި އާރް މާދަވަން (މެޑީ) މުހިންމު ރޯލަކުން ފެނުނު ފިލްމު "ކޭސަރީ: ޗެޕްޓާ 2" އަންނަ މަހު ސިނަމާތަކަށް ގެންނަން ނިމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމަކީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސް އާއި އަކްޝޭގެ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސްގެ އިތުރުން އިތުރު އެހެން ފިލްމު ކުންފުންޏަކާ ގުޅިގެން ގެނެސްދޭ ބައޮޕިކް ފިލްމެކެވެ.
މިހާރު މަސައްކަތް ނިމި ޕޯސްޓު ޕްރޮޑްކްޝަން މަރުހަލާގައި އޮތް މި ފިލްމަށް ކުރިން ދެވުނު ނަމަކީ "ޝަންކަރާ"އެވެ. ނަމަވެސް ފަހުން ހަމަޖެހުނު ގޮތުގައި ފިލްމަށް ދޭން ނިންމި ނަމަކީ "ކޭސަރީ: ޗެޕްޓަ 2"އެވެ.
އަކްޝޭ ވަނީ މީގެކުރިން ވެސް "ކޭސަރީ"ގެ ނަމުގައި ގެނެސްދިން ފިލްމަކުން ލީޑް ރޯލްއިން ފެނިފައެވެ. އެ ފިލްމަކީ ވެސް ދަރުމާއިން ގެނެސްދިން ފިލްމެއް ނަމަވެސް އަންނަ މަހު 14ގައި ރިލީޒްކުރާ ފިލްމު "ކޭސަރީ: ޗެޕްޓަ 2"އާ ކުރީގެ ފިލްމުގެ ވާހަކައާ އެއްވެސް ގުޅުމެއް ނެތްކަމަށް ދަރުމާއިން ވަނީ ބުނެފައެވެ.
އަކްޝޭ ލީޑް ރޯލް ކުޅޭ "ކޭސަރީ: ޗެޕްޓާ 2" އަކީ އިންޑިއާއަށް މިނިވަންކަން ހޯދައިދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެ ޤައުމުގެ ސިކުންގެ ހައްގުގައި ހިނގާދިޔަ ޤާނޫނީ މައްސަލަތަކުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
މި ފިލްމުގައި އަކްޝޭ ފެންނާނީ ސިކުންގެ ފަރާތަކުން ވަކާލާތު ކުރުމަށް ކޯޓުގައި ހަރަކާތްތެރިވި ވަކީލު ސީ ޝަންކަރު ނާރަޔަންގެ ރޯލްއިންނެވެ.
އަކްޝޭ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހުގެ 24ގައި ރިލީޒްކުރި ހަނގުރާމަ މަތީ ފިލްމު "ސްކައި ފޯސް"އިންނެވެ.