އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހުސްވެފައިވާ މެންބަރު ކަމުގެ ދެ މަގާމަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.
އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ، އޭސީސީގެ ދެ މެންބަރުން އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، އެކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް މިއަދުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށެވެ.
އެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މީހުން މެންބަރު ކަމަށް ކުރިމަތިލާން އެދޭ ފޯމާއި އެމީހެއްގެ އިގުރާރާއި ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވޭތޯ ބަލަން އިލެކްޝަންސް ކޮމިޝަނުން ހޯދަން ޖެހޭ ފޯމުގެ އިތުރުން ކުރިމަތިލާ ފަރާތުގެ ސީވީ ހުށަހަޅަން ޖެހޭނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.
މިގޮތުން، މަގާމުތަކަށް ކުރިމަތިލާން ހުޅުވާލާފައިވާ މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން އެ ފޯމުތައް ބަލައިގަންނަނާއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސަލާމާއި ތޯހާ އިސްތިއުފާ ދެއްވާފައި ވަނީ ދެ ބޭފުޅުން މަގާމުން ދުރުކުރަން މިދިޔަ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވަނިކޮށެވެ.
މިގޮތުން، އެ މެންބަރުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށާއި، މަގާމުގައި ހުރެ ގަވާއިދާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އޭގެ ތެރޭގައި، ބައެއް މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތާއި މުވައްޒަފުންނާ ދޭތެރޭ ގޯސްކޮށް އަމަލުކުރުމުގެ ތުހުމަތުތައް ވެސް ހިމެނެއެވެ.