ސަސްޕެންޝަނުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިމީހާ ހައްޔަރު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކްރިމިނަލް ކޯޓުގެ ބައެއް ގާޒީންގެ ބަޔާން ނަގަން ފަށައިފިއެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރު ހުންނެވީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ސަސްޕެންޑުކޮށްގެން ސަސްޕެންޝަނުގައެވެ. އެއީ ފަނޑިޔާރު ޑރ. މަހާޒު އަލީ ޒާހިރާއި، އަޒްމިރަލްދާއެވެ.
ސޯޝަލް މީޑިއާގައިވަނީ، އަޒްމިރަލްދާ ސަސްޕެންޑުކުރީ އޭނާގެ ފިރިމީހާ ޑރ. އިސްމާއީލް ލަތީފް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރުމުން، އޭނާ ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުން ކަމަށް ބުނާ ވާހަކަތަކެއް ފެންމަތިވެފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ -- ފޮޓޯ/ ރައީސް އޮފީސް
އެ މައްސަލައާ ގުޅިގެން އޭސީސީގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އެފަދަ މައްސަލައެއް އެ ކޮމިޝަނުން މިވަގުތު ބަލަމުންދާތީ ކްރިމިނަލް ކޯޓުގެ ބައެއް ގާޒީންގެ ބަޔާންތައް ވެސް ނަގަމުންދާކަމަށެވެ. ނަމަވެސް އެއީ ހިނގަމުންދާ ތަހުގީގީ މައްސަލައަކަށްވާތީ ބަޔާން ނެގި ގާޒީންގެ މައުލޫމާތު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ޑރ. އިސްމާއީލް ލަތީފް އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މަސާޖު ކުރާ ތަނެއްގައި، އެ ޚިދުމަތް ހޯދަން ހުއްޓާ ފުލުހުން ވަދެ އެ ތަނުގައި ތިބި އެންމެން ހައްޔަރުކުރިއިރު އޭނާ ވެސް ހައްޔަރުކުރި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭނާ އެއްވެސް ކުށެއް ކުރިކަން ނުދެކޭ ކަމަށް ކްރިމިނަލް ކޯޓުގައި ފުލުހުން ބުނި ކަމަށާއި ފަނޑިޔާރު އަޒްމިރަލްދާ އެ މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަޒްމިރަލްދާގެ ގާނޫނީ ޓީމުން ނެރުނު ބަޔާނުގައި ވަނީ، ފިރިމީހާގެ މައްސަލައެއް ބޭނުންކޮށްގެން، ސަރުކާރުން އޭނާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ބުނެފައެވެ. އަދި ޑރ. އިސްމާއީލް ބަންދުން ދޫކުރުވުމަށް އޭނާ އެއްވެސް ފަނޑިޔާރަކަށް ގުޅައި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވައިފައި ނުވާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ހަމައެއާއެކު އެ މައްސަލައިގައި އަޒްމިރަލްދާއަށް ޖޭއެސްސީއަށް ހާޒިރުވާން ވަނީ އަންގައިފައެވެ. އެގޮތުން މިއަދު ހެނދުނު 11:00 އަށް އައުމަށް ލިޔުމުން ވަނީ ނޯޓިސް ދީފައެވެ.
ނަމަވެސް މިހާރު މާދަމާއަށް ފަސްވެފައިވާކަން އަންގައިފައިވާކަމަށް އަޒްމިރަލްދާގެ ވަކީލު އިބްރާހިމް ޝަމީލު މިއަދު ވަނީ "ސަން"އަށް ވިދާޅުވެފައެވެ.
އަދި އަޑުއެހުންތައް އާންމުންނަށް ފެންނާނެހެން ހުޅުވައިލައިގެން ކުރިއަށް ގެންދަން އަޒްމިރަލްދާގެ ފަރާތުން ވަނީ އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސުޕްރީމް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފި ހާލަތުގައި ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށެވެ. ދައުލަތާ ދެކޮޅަށް ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށް ނިންމުމާއެކު ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ބިލެއް ފާސްކޮށްފައެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް
އެ މައްސަލަ ބަލަމުން ދަނިކޮށް އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ޖޭއެސްސީން ސުޕްރީމް ކޯޓުގެ ތިން ފަނޑީޔާރުން ކަމަށްވާ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑު ކުރީއެވެ.
އެއާއެކު އެ މައްސަލަ ނުބެލި އެ ކޯޓުގައި ވަނީ 'ތަޅެއް' އެޅުވިފައެވެ.
ސަސްޕެންޝަނުގައި ހުންނަވަނިކޮށް ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު އިސްތިއުފާ ދެއްވައިފައެވެ. އިސްތިއުފާގެ ސިޓީ ފުރަތަމަ ފޮނުއްވީ ރައީސަށެވެ. އޭގެ ފަހުން ޖޭއެސްސީއަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހެޅި ބިލު ދެ ދުވަހުގެ މަސައްކަތުން ފާސްކޮށްފައިވީ ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިލު ތަސްދީގު ނުކުރައްވައި މިހާރު ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މި މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތުން، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާކަން ސާފުވާކަމަށް އިދިކޮޅުން ބުނެއެވެ.