އަސްކަރީ ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ މައްސަލައިގައި ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް މައާފަށް އެދިވަޑައިގެންފިއެވެ.
މައާފަށް އެދިވަޑައިގަތީ ޔޫންގެ އިތުބާރުނެތް ކަމަށް ގާނޫނު ހަދާ މަޖިލީހުގައި ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށެވެ. ޔޫން މައާފަށް އެދިވަޑައިގެން ނަމަވެސް އިސްތިއުފާއެއް ނުދެއްވައެވެ.
ޔޫން ވިދާޅުވީ 1980ވަނަ އަހަރަށް ފަހު ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް އަސްކަރީ ގާނޫނު އިއުލާނު ކުރަން ނިންމުމުން ގާނޫނީ އަދި ސިޔާސީ ޒިންމާއިން ސަލާމަތްވާން މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
ގާނޫނާ ގުޅިގެން ޔޫން މައާފަށް އެދިވަޑައިގަތީ، އެ ގާނޫނު އިއުލާނުކުރެއްވުމަށްފަހު، ދެއްވި ފުރަތަމަ ތަގުރީރުގައެވެ. ބުދަ ދުވަހު ޔޫން އިއުލާނު ކުރެއްވި އަސްކަރީ ގާނޫނު، ގާނޫނު ހަދާ މަޖިލީހުން ފާސް ނުވުމުން ވަނީ އަނބުރާ ގެންގޮސްފައެވެ.
"އަޅުގަނޑު ވަރަށް ހިތާމަކުރަން އަދި ގާނޫނާހެދި ކަންބޮޑުވި މީހުންގެ ކިބައިން އިޚްލާސްތެރިކަމާއެކު މައާފަށް އެދެން." ޔޫން ވިދާޅުވިއެވެ.
ޔޫންގެ ޕީޕަލް ޕަވާ ޕާޓީ (ޕީޕީޕީ)ގެ ލީޑަރު ހާން ޑޮންގް ހޫން އެ ތަގުރީރަށް ފަހު ވިދާޅުވީ ރައީސް މިހާރު ހުރީ އާންމު ވާޖިބު އަދާކުރެވޭނެ ހާލަތެއްގައި ނޫން ކަމަށާއި އިސްތިއުފާ ދިނުމަކީ މިހާރު އެންމެ ރަގަޅު ވާނެ ކަން ކަމަށެވެ. އަދި ޔޫން އަކީ ގައުމަށް ނުރައްކަލެއް ކަމަށާއި ވެރިކަމުން ދުރުކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހާން ބޮޑުވަޒީރު ހާން ޑޮކް-ސޫއާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ދެކުނު ކޮރެއާގެ ލޯކަލް ޔޮންހަޕް ނޫހުން ބުނެއެވެ. ގާނޫނު އަސާސީގެ ދަށުން ޔޫން އިސްތިއުފާ ދެއްވައިފިނަމަ ނުވަތަ މަގާމުން ދުރުކޮށްފިނަމަ، ވަގުތީ ގޮތުން ރައީސްކަމާ ހަވާލުވެވަޑައިގަންނަވާނީ ބޮޑު ވަޒީރެވެ.
އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ހުށަހަޅާފައިވާ ޔޫންގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި ވޯޓު ނެގުން ގާނޫނު ހަދާ މަޖިލީހުން ވަނީ މިއަދުގެ ވަގުތަކަށް ތާވަލުކޮށްފައެވެ.
ވޯޓުގެ ކުރިން އިސްތިއުފާ ދެއްވުމަށް އަމިއްލަފުޅު ޕީޕީޕީ ޕާޓީގެ ބައެއް މެންބަރުން ވަނީ ޔޫން ކިބައިން އެދިވަޑައިގެންފައެވެ.
ޔޫން މަގާމުން ދުރުކުރުމަށް ގޮވާލައި، ހުކުރު ދުވަހުގެ ރޭވެސް މަޖިލީހުގެ ބޭރުގައި އެތައް ހާސް ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ. އަދި ވޯޓުލުމުގެ ކުރިން މިއަދު އިތުރު މުޒާހަރާތަކެއް ބާއްވާނެ ކަމަށް ބެލެވޭ ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ޕްރޮސެކިއުޓަރުންނާއި ފުލުހުންނާއި ކޮރަޕްޝަން މައްސަލަތައް ތަހުގީގުކުރާ އޮފިޝަލުން ވަނީ ޔޫން އާއި އަސްކަރީ ގާނޫނު ތަންފީޒުކުރުމުގައި ބައިވެރިވި އިސް އޮފިޝަލުންގެ ތަހުގީގުތައް ފަށާފައެވެ.
އޮފިޝަލުންގެ މައްޗަށް އުފުލަނީ ފިތުނަވެރިކަމާއި ބާރުގެ ބޭނުން ހިފުމާއި އެހެން މީހުންނަށް އެމީހުންގެ ހައްގުތައް ބޭނުން ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.