ދެކުނު ކޮރެއާގައި އަސްކަރީ ގާނޫނެއް ހިންގުމަށް ނިންމުމާ ގުޅިގެން އެ ގައުމުގެ ރައީސް ޔޫން ސުކް ޔޮލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ.
ގާނޫނު ތަންފީޒު ކުރުމާ ގުޅިގެން އެގައުމު ސިޔާސީ ހަލަބޮލިކަން އުފެދި މުޒާހަރާ ކުރަން ވެސް ވަނީ ފަށާފައެވެ.
ޑިމޮކްރެޓިކް ޕާޓީން ވަނީ ޔޫން ވަގުތުން މަގާމުން ވަކިނުވެއްޖެނަމަ އިތުބާރު ނެތް ކަމަށް މައްސަލަ ހުށަހަޅައި މަގާމުގެ ދުރުކުރުމުގެ މަރުހަލާ ފަށާނެ ކަމަށް މީގެކުރިން ބުނެފައެވެ.
އަންގާރަ ދުވަހުގެ ރޭ ދަންވަރު ޓީވީ މެދުވެރިކުރައްވައި ޔޫން އަސްކަރީ ގާނޫނު އިއުލާނުކުރެއްވީ އިދިކޮޅުން ބަޣާވާތެއް ކުރަން އުޅޭ ކަމަށާއި އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުން ފާސްނުވުމުން އަސްކަރީ ގާނޫނު ވަނީ މިއަދު އަނބުރާ ގެންގޮސްފައެވެ.
ގައުމީ މަޖިލީހުން ރައީސަކު އިތުބާރު ނެތް ކަމަށް ކަނޑައަޅާނީ އެ މަޖިލީހުގެ 300 މެންބަރުންގެ ތެރެއިން 200 މެންބަރުން އެކަމަށް ތާއީދުކޮށް ވޯޓު ދީފި ނަމައެވެ. ރައީސްގެ އިތުބާރު ނެތް ކަމަށް ދެކުނު ކޮރެއާގެ ދުސްތޫރީ ކޯޓުން ޝަރީއަތެއްގައި އެކަމަށް ރުހުން ދޭން ޖެހެއެވެ.
ގާނޫނު ހަދާ މަޖިލީހުގެ 108 ގޮނޑި ޔޫންގެ ޕީޕަލް ޕަވާ ޕާޓީ ކޮންޓްރޯލް ކުރާއިރު، ރައީސްގެ އިތުބާރު ނެތް ކަމަށް އެ ޕާޓީގެ ބައެއް މެމްބަރުން ވެސް ވޯޓު ދޭން ޖެހޭނެއެވެ. އަސްކަރީ ގާނޫނު އުވާލުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 190 މެމްބަރުންގެ ތެރޭގައި ޔޫންގެ ޕާޓީގެ 18 މެމްބަރުން ހިމެނެއެވެ.
ޔޫން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލު އޮންނަނީ އިދިކޮޅު ފަރާތްތަކުގައެވެ. މި އަހަރު އޮތް ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ފަހު ވެސް އެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައިފައި ވަނީ އިދިކޮޅުންނެވެ.
ޔޫން މަގާމުން ވަކިކޮށްފިނަމަ ނުވަތަ މަގާމުން އިސްތިއުފާ ދެއްވައިފިނަމަ، ގާނޫނު އަސާސީގެ ދަށުން، ރައީސްގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ބޮޑުވަޒީރު ހާން ޑޮކް-ސޫ އެވެ.
ދެހާސް ބާވީސް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި ޔޫން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، އެ އަހަރު ބޮޑުވަޒީރު ކަމަށް ހާން އައްޔަން ކުރެއްވިއެވެ.
ދެކުނު ކޮރެއާގެ ގާނޫނުގައިވާ ގޮތުން، ގައުމީ މަޖިލީހުން ރައީސް މަގާމުން ވަކިކުރަން ހުށަހެޅުމުން، އެ މައްސަލަ ދުސްތޫރީ ކޯޓަށް ދިއުން އެކަށީގެންވެއެވެ. ކޯޓުން އެކަމަށް ރުހުން ދީފިނަމަ، ރައީސް މަގާމުން ވަކިކުރާނެއެވެ.
އަސްކަރީ ގާނޫނު އިއުލާނު ކުރައްވައި ޔޫންގެ ސަރުކާރުން ވަނީ، އާންމުންގެ ގިނަ ހައްގުތަކެއް ހަނިކޮށްފައެވެ. އޭގެ ތެރޭގައި ހުރިހާ ސިޔާސީ ހަރަކާތްތަކެއް މަނާކުރުން ހިމެނެއެވެ. ކުއްލިހާލަތާ އެކު ގާނޫނު ހަދާ މަޖިލީހުގެ އިތުރުން ލޯކަލް ކައުންސިލްތަކާއި ސިޔާސީ ޕާޓީތަކާއި ސިޔާސީ ޖަމiއްޔާތަކުގެ މަސައްކަތްތައް ވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން، މަސައްކަތްތެރިންގެ ހަޅުތާލުތައް ވެސް މަނާކޮށްފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނިކުމެ އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ. އަދި، ހުރިހާ މީޑިޔާއެއްގެ ބާރުތައް ވަނީ ސަރުކާރަށް ނަގާފައެވެ. އެ ގަނޫނާ ޚިލާފުވާ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރުކޮށް، ހައްޔަރުގައި ބަހައްޓައި، ބަލައިފާސްކޮށް، އެ މީހުންގެ މުދާ ހިފެހެއްޓޭނެ ކަމަށްވެސް ބުނެފައިވެއެވެ.