ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ޝޯ "ސްކުއިޑް ގޭމް"ގެ ތިންވަނަ އަދި ފަހު ސީޒަން މި އަހަރު ޖޫން މަހުގައި ނެރުމަށް ތައްޔާރުވެއްޖެއެވެ.
ނެޓްފްލިކްސް އިން ފުރަތަމަ ނިންމާފައި އޮތީ ޝޯގެ ދެވަނަ ސީޒަން ދެ ބަޔަކަށް ބަހާލާށެވެ. ނަމަވެސް, އެއަށް ފަހު ނިންމާފައިވަނީ މުޅީން އާ ސީޒަނެއްގެ ގޮތުގައި ނެރުމަށެވެ.
އާންމުކޮށް ސީޒަނެއްގެ މެދުގައި ދެ އަހަރުގެ ދިގު އިންތިޒާރު މި ފަހަރު ކުރާކަށް ނުޖެހޭނެއެވެ. ނެޓްފްލިކްސްއިން ޝޯގެ ދެވަނަ ސީޒަން ނެރެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅެވެ. އެއަށް ފަހު ތިންވަނަ ސީޒަން ނެރުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ނެޓްފްލިކްސްއިން ހާމަކޮށްފައިވާ ގޮތުގައި ޝޯގެ ފަހު ސީޒަން އަންނަ ޖޫން މަހުގެ 27 ގައި ރިލީޒްކުރާނެއެވެ.
އާ ސީޒަން އިއުލާނުކުރުމަށްޓަކައި ނެޓްފްލިކްސްއިން ވަނީ ޝޯގެ ފަހު ސީޒަންގެ ފުރަތަމަ ޕޯސްޓަރު އާންމު ކޮށްފައެވެ.
ދެކުނު ކޮރިއަން ޝޯ ސްކުއިޑް ގޭމްގެ ފުރަތަމަ ސީޒަނެއް 2021 ވަނަ އަހަރު ނެރުމާ އެކު އެ ޝޯ ވެގެން ގޮސްފައިވަނީ މުޅި ސްޓްރީމިން ސާވިސްއިން އެޅުވި އެންމެ ކާމިޔާބު އެއް ޝޯއަށެވެ. އެންމެ ގިނަ ބަޔަކު ބެލި ޝޯތަކުގެ ކުރީގައި ވެސް މި ޝޯ ހިމެނެއެވެ
ސްކުއިޑް ގޭމް މި ވަގުތު ވެސް އޮތީ ނެޓްފްލިކްސް ދުނިޔޭގެ ޗާޓުތަކުގެ އެއްވަނައިގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު އަންނަނީ ޝޯގެ ދެވަނަ ސީޒަން ބަލަމުންނެވެ.
ޖުމްލަ ހަތް އެޕިސޯޑް ހިމެނޭ އާ ސީޒަން ރިލީޒްކުރުމާ އެކު އެތައް ބަޔަކު ޝޯ އެއްކޮށް ބިންޖުކޮށް ނިންމާލައިފިއެވެ.
ނެޓްފްލިކްސްއިން މައުލޫމާތު ދޭ ގޮތުގައި އާ ސީޒަންގައި ވެސް ހިމެނޭނީ ހަތް އެޕިސޯޑެވެ. އަދި، ވާހަކައިގައި ޖަވާބު ނުދެވި ހުރި ހުރިހާ ސުވާލުތަކަކަށް މި ސީޒަންގައި ޖަވާބު ލިބޭނެއެވެ.