13 އަހަރުވީ ގަންގްނަމް ސްޓައިލްގެ ރިކޯޑު މުގުރާލައިފި

ގަންގްނަމް ސްޓައިލްގެ ރެކޯޑު މުގުރާލާފައިވަނީ ރޮޒޭ އާއި ބްރޫނޯ މާސްގެ "އޭޕީޓީ"

ދެކުނު ކޮރެއާއިން މިހާތަނަށް ނެރުނު އެންމެ ބޮޑެތި ލަވަތަކުގެ ތެރޭގައި ހިމެނޭ "ގަންގްނަމް ސްޓައިލް"ގެ ރިކޯޑު އެންމެ ފަހުން 13 އަހަރަށް ފަހު މުގުރާލައިފިއެވެ.

ޕީއެސްވައި 2012 ވަނަ އަހަރުގައި ނެރުނު ގަންގްނަމް ސްޓައިލް ވެގެން ދިޔައީ އެކަކު ވެސް ހީނުކުރާ ވަރުގެ ބޮޑު ހިޓަކަށެވެ. އެ ދުވަސްވަރު މި ލަވަ ހުރިހާ ދިމާލަކުން ވެސް އަޑު އިވޭނެއެވެ. އެއާއެކު މި ލަވަ ވެގެން ގޮސްފައިވަނީ އެންމެ ހަލުވި ސްޕީޑެއްގައި އެއް ބިލިއަން ފަހަރަށް ބެލި ކޭޕޮޕް ލަވައަށެވެ.

އެއަށް ފަހު އެތައް ބޮޑެތި ކޭޕޮޕް ލަވަތަކެއް ރިލީޒްކުރި ނަމަވެސް މި ފަހަކަށް ޖެހެންދެއް އެއްވެސް މީހަކަށް އަދި ބަޔަކަށް އެ ރިކޯޑު މުގުރާލެވިފައެއް ނުވެއެވެ. އެކަމަކު، މިހާރު މި އޮތީ އެ ރެކޯޑު މުގުރާލާފައެވެ. އެ ރިކޯޑު މުގުރާލާފައިވަނީ މިހާރު ހުރިހާ ތަނަކުން ވެސް އަޑުއިވެމުން އަންނަ "އޭޕީޓީ"އެވެ.

އެންމެ ބޮޑު ކޭޕޮޕް ގްރޫޕު ކަމަށްވާ "ބްލެކްޕިންކް"ގެ މެމްބަރު ރޮސޭ އަދި ހޮލީވުޑް ލަވަކިޔުންތެރިޔާ ބްރޫނޯ މާސް އެކީގައި ނެރުނު މި ލަވަ ވަނީ އެންމެ އަވަހަށް އެއް ބިލިއަން މީހުން ބެލި ލަވައިގެ ރިކޯޑު މުގުރާލާފައެވެ.

މި ރިކޯޑު އޮތް ގަންގްނަމް ސްޓައިލްއަށް އެއް ބިލިއަން ވިއުސް ޔޫޓިއުބުން ލިބިފައިވަނީ 158 އަށް ދުވަހުންނެވެ. ނަމަވެސް، އޭޕީޓީ މި ރެކޯޑު މުގުރާލާފައިވަނީ އެންމެ 105 ދުވަހުންނެވެ. ޔޫޓިއުބްގެ އިތުރުން ސްޕޮޓިފައިގައި ވެސް މި ލަވައަށް ވަނީ މިހާރު އެއް ބިލިއަން ސްޓްރީމް ލިބިފައެވެ.

މިހާރު ލިސްޓުގެ ދެވަނައިގައި ގަންގްނަމް ސްޓައިލް އޮތްއިރު ތިންވަނައިގައި އޮތީ "ބީޓީއެސް"ގެ "ޑައިނަމައިޓް" އެވެ. މި ލަވައަށް އެއް ބިލިއަނަށް ފޯރާފައިވަނީ 203 ދުވަހުންނެވެ.

comment ކޮމެންޓް