ކެފޭތަކާއި ރެސްޓޯރަންޓު ފަދަ ތަންތަނުގެ މަނާ ހިސާބުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ، އެތަނެއްގެ ހުއްދަ ބާތިލްކުރުމުގެ ބާރު ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުން ލިބިފައި އޮތް ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުން، މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް، އެ ގާނޫނު ތަންފީޒު ނުކުރެވޭ މައްސަލަ އޮތީ ބޮޑުވެފައެވެ.
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ، ތަންފީޒީ ކަންތައްތަކަކީ އަބަދުވެސް އެންމެ ރަނގަޅަށް ނުވާ ކަންކަން ކަމަށާއި މިހާރު ހުށަހަޅަފައި އޮތް ގާނޫނުގައި އިތުރު ބާރުތަކެއް ލިބޭތީ، އެކަންކަމަށް ހައްލު ހޯދާނެ ކަމަށެވެ.
އެގޮތުން، ކެފޭތައް ހިންގާ ފަރާތްތަކާއި އެވަގުތު އެތަނެއް ހިންގާ ފަރާތެއް މެނޭޖުކުރާ ފަރާތް ވެސް ޒިންމާ ކުރެވޭ ގޮތަށް ގާނުނަށް ބަދަލު ގެނެސްފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.
އެތަނަށް ހެލްތުން ދޫކޮށްފައި ހުންނަ ހުއްދަ ބާތިލްކުރުމުގެ ފުރުސަތު އެބަ އޮތް މިހާރު ގާނޫނުން. އަދި އޭގެއިތުރުން، އެވަރުން ވެސް އެތަން އިސްހާލު ނުވެއްޖެނަމަ އެތަނަށް ދޫކޮށްފައި އޮތް ވިޔަފާރީގެ ހުއްދަ ވަގުތީ ގޮތުން ހުއްޓުވައި ވަކި ހިސާބަކުން ބާތިލް ވެސް ކުރުމުގެ ފުރުސަތު އެބަ އޮތްއެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު
މިފަހުން ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލުކުރުމާ ބެހޭ ގާނޫނަށާއި އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ވެސް އިސްލާހުތަކެއް ގެނެސްފައެވެ. އެއާއެކު ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ގާތްގަނޑަކަށް ތިން ގުނަ ވަނީ ބޮޑުވެފައެވެ.
އެ އިސްލާހާ އެކު ކުރިން ސިނގިރޭޓަކުން ނަގަމުން އައި ތިން ރުފިޔާ ވެސް އަށް ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. އަދި، ސިނގިރޭޓު ކާޓަންއެއްގެ އަގު މިހާރު ހުރީ 2،240 ރުފިޔާއާ ހަމައަށް އުފުލިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ މަހުގެ 15 އިން ފެށިގެން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތައް ރާއްޖެ އެތެރެކުރުން ވެސް ވަނީ މަނާކޮށްފައެވެ. މި މަހުގެ 15 އިން ފެށިގެން އެ ތަކެތި ބޭނުންކުރުމާއި ވިއްކުމާއި ހިލޭ ބެހުން ވެސް މުޅިން މަނާވާނެއެވެ.
މީގެ އިތުރުން ދުންފަތުގެ ވިޔަފާރި ރާއްޖޭގައި ކުރާ މީހުންނަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން މިނިސްޓްރީން ދޫކުރާ ސައްހަ ލައިސެންސެއް އޮންނަންވާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން މި ފަހުން ވަނީ ބުނެފައެވެ.