އެޗްޑީސީން ދޫކޮށްފައިވާ ބިންތަކަށް ނުލިބި ހުރި ފައިސާގެ ތެރެއިން 226 މިލިއަން ރުފިޔާ ހޯދައިފި

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު: ވިދާޅުވީ އެޗްޑީސީން ދޫކޮށްފައިވާ ބިންތަކަށް ނުލިބި ހުރި ފައިސާގެ ތެރެއިން 226 މިލިއަން ރުފިޔާ ހޯދައިފި ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

ވިޔަފާރި އުސޫލުން, ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދޫކޮށްފައިވާ ބިންތަކަށް އެކި ވިޔަފާރިތަކުން ދައްކަން ޖެހި ނުދައްކާ ހުރި 1.4 ބިލިއަން ރުފިޔާގެ ތެރެއިން 226 މިލިއަން ރުފިޔާ މިހާތަނަށް ހޯދައިފި ކަަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ ކުންފުންޏާ ހަވާލުވިއިރު ދޫކޮށްފައިވާ ބިންތަކަށް އެކި ވިޔަފާރިތަކުން ނުދައްކާ 1.4 ބިލިއަން ރުފިޔާ އޮތް ކަަމަށެވެ.

ފަޒުލް ވިދާޅުވީ އެފަދަ އެތައް ބައިވަރު މައްސަލަތަކެއް ކުންފުނީގައި ހުރުމުން އެ މައްސަލަތައް ބެލުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލި ކަމަށެވެ.

"އަޅުގަނޑުމެން އިނީޝިއަލީ ފަށައިގަތް އިރުގަ ގާތްގަނޑަކަށް 1.4 ބިލިއަން އޮތްއިރުގަ މިއަދު އެ ރިކަވަރީ ކޮމިޓީގެ މަސައްކަތުން 226 މިލިއަން އަޅުގަނޑުމެން ރިކަވާކޮށްފިން މިއަދު،" ފަޒުލް ވިދާޅުވިއެވެ.

https://sun.mv/199496

ފަޒުލް ވިދާޅުވީ ފައިސާ ނުދައްކާ ހުރި ވިޔަފާރިތަަކަށް ނުވަތަ މީހުންނަށް "ޑިމާންޑް ލެޓާ" އެއް ފޮނުވަމުންދާ ކަމަށެވެ. އަދި އެ ނޯޓިސްއަށް އިޖާބަ ނުދޭ ވިޔަފާރިތަކުގެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދާ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ. އެހެންނަމަވެސް ފައިސާ ދައްކަން ބޭނުންވެއްޖެ ހާލަތެއްގައި އެޗްޑީސީން ފުރުސަތެއް ދޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް ވެސް އެއްބަސްވެވޭ މުއްދަތެއްގަ އަދި އެ ފަރާތަކަށް ވެސް އުނދަގޫނުވާނެހެން ފަސޭހެވާނެ ގޮތަަކަށް އެކި މަރުހަލާއަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އެބައޮތް. މި ފުރުސަތު އަޅުގަނޑުމެން މިދެނީ ކޯޓު މަރުހަލާ އެއްކައިރި ކުރުމަށްޓަކާ،" ފަޒުލް ވިދާޅުވިއެވެ.

އެޗްޑީސީއަށް ނުލިބި ހުރި ފައިސާގެ ތަފުސީލުތައް ހިމެނޭގޮތަށް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ލިސްޓާ ގުޅޭގޮތުން މެންބަރުން ވަނީ މިދިޔަ ހަފުތާގައި ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

އެގޮތުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި އެ ކޮމިޓީގައި ވާހަަކަދައްކަވަމުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އެޗްޑީސީއަށް ނުލިބި އޮތް 1.2 ބިލިއަން ރުފިޔާގެ އިތުރަށް، ބާތިލުކޮށްފައިވާ ކޮންޓްރެކްޓްތަކުން އެޗްޑީސީއަށް ލިބެން ޖެހޭ 195 މިލިއަން ރުފިޔާ އޮތް ކަމަށެވެ. އެއާއެކު އެޗްޑީސީއަށް ނުލިބޭ ފައިސާގެ ޖުމްލަ އަދަދު 2.2 ބިލިއަން ރުފިޔާއާ ހަމައަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް