ވިޔަފާރި އުސޫލުން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދޫކޮށްފައިވާ ބިންތަކަށް އެކި ފަރާތްތަކުން ދައްކަން ޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 1.2 ބިލިއަން ރުފިޔާއަށް އަރާކަން ހާމަވެއްޖެއެވެ.
އެކަން ހާމަވެފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައެވެ.
އެޗްޑީސީއަށް ނުލިބި ހުރި ފައިސާގެ ތަފުސީލުތައް ހިމެނޭގޮތަށް ކޮމިޓީއަށް ހުށަހަޅާފައިވާ ލިސްޓާ ގުޅޭގޮތުން މެންބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.
ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެޗްޑީސީން ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ތެރެއިން ނުލިބި ހުރި ފައިސާގެ ހިސާބުތަކުގެ ތެރޭގައި އެކިއެކި ފަރާތްތަކުން އެޗްޑީސީއަށް ދައްކަންޖެހޭ ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާ އެބައޮތް ކަމަށެވެ.
އޭގެތެރެއިން މިހާތަނަށް ހޯދަން މަސައްކަތްކުރީ ކިހާވަރެއް ކަމެއް ނޭނގޭ ކަމަށާއި ދައުލަތަށް ލިބެން ޖެހޭ ފައިސާ މަހުން މަހަށް ނުހޯދުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ދައުލަތަށް ލިބެންވާ ފައިސާތައް ނުލިބޭތީ، ފިނޭންސް މިނިސްޓްރީއާއި ދައުލަތުގެ އެހެން މުއައްސަސާތަކުން ފައިސާ ހޯދަން މަސައްކަތްކުރާ ކަމަށް ސަލީމް ވިދާޅުވިއެވެ.
"މީގައި އަޅުގަނޑުވެސް ދަންނަ ބޮޑެތި ކުންފުނިތައް އެބަހުރި ބިން ދޫކުރި ދުވަހުން ފެށިގެން ފައިސާ ނުދައްކާ. ހަމަ ބޮޑެތި ވިޔަފާރިކުރާ ކުންފުނިތައް. އެހެންނަމަވެސް މީގަ އެއްވެސް ފިޔަވަޅެއް ނޭޅިފައި މިއޮތީ ކީއްވެގެން ބާވައޭ؟" ސަލީމް ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަަކަދައްކަވަމުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އެ 1.2 ބިލިއަން ރުފިޔާގެ އިތުރަށް، ބާތިލުކޮށްފައިވާ ކޮންޓްރެކްޓްތަކުން އެޗްޑީސީއަށް ލިބެން ޖެހޭ 195 މިލިއަން ރުފިޔާ އޮތް ކަމަށެވެ. އެއާއެކު އެޗްޑީސީއަށް ނުލިބޭ ފައިސާގެ ޖުމްލަ އަދަދު 2.2 ބިލިއަން ރުފިޔާއާ ހަމައަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ މީގެ އެތައް ތާރީޚުތަކެއް ކުރިން ފޯލްވަމުން އައިސްހުރި ފައިސާ. އެކްޓިވްކޮށް ހިނގާ ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުން އެބަހުރި މިލިއަނުން ފައިސާ ނުދައްކާ މި ބިންތަކަށް. މިއީ ކަންބޮޑުވާންޖެހޭވަރުގެ ކަމެއް. އަޅުގަނޑުމެން މި ދައްކަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބަނގުރޫޓުވަމުންދާ ވާހަކަ. ބަނގުރޫޓުވާނެ ނޫންތޯ؟ ބޮޑެތި ސިންގާ ބިން ނަގާފައި ފައިސާ ނުދައްކާކަމުގަވަންޏާ؟" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވަނީ އެޗްޑީސީން އެ ފައިސާ ހޯދުމަށް ކުރި އަދި ކުރަމުންދާ މަސައްކަތްތައް ސާފުކުރުމަށް ހުށަހަޅުއްވާފައެވެ.
ޝުޖާއުގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވީ ބައެއް ފަރާތްތަކުން ކުލި ދައްކަން ޖެހޭ މުއްދަތު އެޗްޑީސީން ފަސްކޮށްދީފައިވާތަން ފެންނަން އެބަހުރި ކަމަށެވެ. އެ ލުއިތައް ދީފައިވާ ކުންފުނިތަކަކީ ރާއްޖޭގައި ފުޅާ ދާއިރާގައި ވިޔަފާރިކުރާ ކުންފުނިތައްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޕޭމަންޓް އެކްސްޓެންޝަން މިދެނީ ކޮން އުސޫލަކުންތޯ ބަލަން އެބަޖެހޭ. އިންސާފުވެރިކޮށް އެކަން ކުރާނަމަ ކުރަންޖެހޭނީ. އެއްބަޔަކަށް ދީފައި އަނެއްބަޔަކަށް ނުދީ ގަވާއިދުން ކުލި ނުދައްކާ ފަރާތްތަކަށް ޕޭމަންޓް އެކްސްޓެންޝަނެއް ދޭންޖެހޭ ސަބަބެއް ވެސް ނެތް،" އަޒާން ވިދާޅުވިއެވެ.
ކޮމިޓީ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވަނީ އެ ފައިސާތައް ހޯދަން އެޗްޑީސީން ކުރި މަސައްކަތްތަކާއި ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލާއި، އެ ފައިސާ ނުހޯދޭ ކަމުގައި ވަނީ ނަމަ ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން އަޅަން ގަސްތުކުރާ ފިޔަވަޅުތައް އެ ކޮމިޓީއާ ހިއްސާކުރަން އެ ކުންފުންޏަށް އެންގުމަށެވެ.