ދަ ހޯކްސްގެ ބޯޓެއްގައި ހުއްދަނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި ހާދިސާގައި ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށާއި، އެ ކަމުގައި އަމިއްލަ މަންފާއަށް ގާނޫނާ ޚިލާފު އަމަލެއް ކުރިކަމުގެ ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށް ކުންފުނިން ބުނެފިއެވެ.
އެ ހާދިސާއާ ގުޅިގެން ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ކަމުގައި ހޯކްސް ޕްރައިވެޓް ލިމިޓެޑްބައިވެރިވުންވާކަމަށް ބުނެ ފެތުރެނީ ރަނގަޅުނޫން ދޮގު ވާހަކަތަކެއް ކަމަށެވެ.
ދަ ހޯކްސްގެ އުޅަނދެއް މެދުވެރިކޮށް ހުއްދަނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާއި ގުޅިގެން، މި މަހުގެ 25ވަނަ ދުވަހުގެ ރޭގަނޑު ގާތްގަނޑަކަށް 11:00 ހާއިރު، ތިލަފުށީގައި ގާއިމުކުރެވިފައިވާ ދަ ހޯކްސްގެ ބޯޓު ޔާޑަށް ފުލުހުން ވަނީ ގޮސްފައެވެ.
ނަމަވެސް ތިލަފުށީގައި ހުންނަ ކުންފުނީގެ ބޯޑު ޔާޑަށް ފުލުހުން ހާޒިރުވެ، ބަލައި ފާސްކޮށްފައިވަނީ ބަލާ ފާސްކުރުމުގެ އަމުރެއް ނުވަތަ ކޯޓު އަމުރެއް ނެތިކަމަށް ހޯކްސްއިން ބުންޏެވެ.
މި ހާދިސާ ހިނގުމާއެކު ކުންފުނީގެ ފަރާތުން އެ މައްސަލަ އިދާރީގޮތުން ތަހުގީގުކުރަން ފަށާފައިވާ ކަމަށް ކުންފުނިން ބުންޏެވެ.
އެގޮތުން ކެމެރާ ފުޓޭޖްތައް ބެލުމުން މިހާތަނަށް ކުންފުނީގެ މުވައްޒަފުންތަކެއްގެ މައްޗަށް ޢައިރު ގާނޫނީ ހަރަކާތްތަކަކަށް ކުންފުނީގެ ރިސޯސަސް ބޭނުންކޮށް އަމިއްލަ މަންފާނަގަން މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުކުރެވިފައިވާކަމަށް ހޯކްސްއިން ބުންޏެވެ.
އަދި ތުހުމަތު ކުރެވުނު މުވައްޒަފުންތައް ވަގުތުން މަސައްކަތުން އެކަހެރިކޮށް، ކަމާބެހޭ ތަހުގީގީ އިދާރާތަކަށް އެކަން ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނި ގޮތުގައި ކުންފުނީގެ މެނޭޖުމަންޓުންވަނީ ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއްދީ ގާނޫނާ ޚިލާފު އަމަލުތަކުގައި ބައިވެރިވެ އެއަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ ހައްޔަރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފުރިހަމަ އެއްބާރުލުންދީފައެވެ.
އަދި ހޯކްސްގެ ޓީމުން ވަނީ ފުލުހުންގެ ޓީމު ދަ ހޯކްސްގެ ބޯޓު ޔާޑަށް ވަނުމުގެ ފުރުސަތުދީ ކޯޓުއަމުރެއް ލިބެންދެން އެތަނުގައި ފުލުހުންގެ ޓީމު ހަރަކާތްތެރިވުމަށް ފުރުސަތުދީފައި ކަމަށް ވެސް ބުންޏެވެ.
ދަ ހޯކްސް އަކީ ތެޔޮ އެތެރެކޮށް ވިޔަފާރިކުރުމަށް މަޝްހޫރު ކުންފުންޏެކެވެ. ހޯކްސްއަކީ ފައިދާކުރުވަނިވި ތެލުގެ ވިޔަފާރިކުރާ ކުންފުންޏަކަށްވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުމުގެ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުމެއް އަދި އެފަދަ އެއްވެސް ޝައުގުވެރިކަމެއް ދަ ހޯކްސްގެ ނެތް ކަމަށް ކުންފުނިން ބުންޏެވެ.