ދަ ހޯކްސްގެ ބޯޓެއްގައި ހުއްދަ ނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާ ހާޒިރުކުރި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ބައްދަލުވުން މިއަދު ސިއްރުކޮށްފިއެވެ.
ދަ ހޯކްސްގެ އުޅަނދެއް މެދުވެރިކޮށް ހުއްދަނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާ ގުޅިގެން، މިދިޔަ ހުކުރު ދުވަހުގެ ރޭގަނޑު ގާތްގަނޑަކަށް 11:00 ހާއިރު، ތިލަފުށީގައި ގާއިމުކުރެވިފައިވާ ދަ ހޯކްސްގެ ބޯޓު ޔާޑަށް ފުލުހުން ވަނީ ގޮސްފައެވެ.
އެ ތަން ބަލައި ފާސްކުރުމުގެ ތެރެއިން މެންޗެސްޓާ ބްރޭންޑުގެ ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދީފައިވެއެވެ.
އެ މައްސަލަ ބެލުމަށް މިއަދު ބޭއްވި 241 ކޮމިޓީގައި އެ ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ހޯމް މިނިސްޓަރާއި އޭނާ ވެސް ބޭނުންވަނީ އެ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަށް ކަމަށެވެ.
އެހެންވެ، ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މުސާއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ކޮމިޓީގެ އިއްތިފާގުން އެ ބައްދަލުވުން ސިއްރުކުރަން ވަނީ ނިންމާފައެވެ.
އެ ހާދިސާއާ ގުޅިގެން ހޯކްސް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، ސިނގިރޭޓް އެތެރެކުރި ހާދިސާގައި ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އެ ކަމުގައި އަމިއްލަ މަންފާއަށް ގާނޫނާ ޚިލާފު އަމަލެއް ކުރިކަމުގެ ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި ކުންފުނީގެ މެނޭޖުމަންޓުންވަނީ ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއްދީ ގާނޫނާ ޚިލާފު އަމަލުތަކުގައި ބައިވެރިވެ އެ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ ހައްޔަރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފުރިހަމަ އެއްބާރުލުންދީފައެވެ.
ހޯކްސްގެ ޓީމުން ވަނީ ފުލުހުންގެ ޓީމު ދަ ހޯކްސްގެ ބޯޓު ޔާޑަށް ވަނުމުގެ ފުރުސަތުދީ ކޯޓު އަމުރެއް ލިބެންދެން އެ ތަނުގައި ފުލުހުންގެ ޓީމު ހަރަކާތްތެރިވުމަށް ފުރުސަތުދީފައި ކަމަށް ވެސް ބުންޏެވެ.
ދަ ހޯކްސްއަކީ ތެޔޮ އެތެރެކޮށް ވިޔަފާރިކުރުމަށް މަޝްހޫރު ކުންފުންޏެކެވެ. ހޯކްސްއަކީ ފައިދާކުރުވަނިވި ތެލުގެ ވިޔަފާރިކުރާ ކުންފުންޏަކަށްވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުމުގެ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުމެއް އަދި އެފަދަ އެއްވެސް ޝައުގުވެރިކަމެއް ދަ ހޯކްސްގެ ނެތް ކަމަށް ކުންފުނިން ބުންޏެވެ.