މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރު މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ކުރި ޚަރަދު އެއް ބިލިއަން ރުފިޔާ އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ، މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ޚަރަދުތަކާއި ލިބިފައިވާ އާމްދަނީގެ ތަފުސީލުތައް އާންމުކޮށްފައެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު 29.8 ބިލިއަން ރުފިޔާއަށް އެރިއިރު، ޚަރަދުތައް 40.8 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ މިދިޔަ އަހަރަށް ވުރެ އިތުރު އަދަދުތަކެވެ. އެގޮތުން މިދިޔަ އަހަރު އެ މުއްދަތުގެ އާމްދަނީއަށް ލިބުނީ 29.6 ބިލިއަން ކަމަށްވާއިރު ޚަރަދަކީ 40.5 ބިލިއަން ރުފިޔާއެވެ.
ޚަރަދުތައް، މުސާރައާއި އިނާޔަތްތައް ހިމެނޭ ރިކަރަންޓު އެކްސްޕެންޑިޗާއާއި މަގުތަކާއި އެއާޕޯޓްތައް ހެދުން ހިމެނޭ ކެޕިޓަލް އެކްސްޕެންޑިޗާއަށް ބެހިފައިވާއިރު، އޭގެ ތެރެއިން މި އަހަރު އިތުރުވެފައި ވަނީ ރިކަރަންޓު އެކްސްޕެންޑިޗާއެވެ. އެގޮތުން:
- މިދިޔަ އަހަރުގެ ރިކަރަންޓު ޚަރަދު: 27.5 ބިލިއަން ރުފިޔާ
- މި އަހަރުގެ ރިކަރަންޓު ޚަރަދު: 28.6 ބިލިއަން ރުފިޔާ
އޭގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށެވެ. އެއީ މިދިޔަ އަހަރު 9.98 ބިލިއަން ރުފިޔާގައި ހުރުމަށް ފަހު މި އަހަރު 11.2 ބިލިއަން ރުފިޔާއަށެވެ. އެއީ 1.26 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އޭގެ ތެރޭގައި:
- މިދިޔަ އަހަރު މުސާރައަށް: 4.3 ބިލިއަން ރުފިޔާ
- މި އަހަރު މުސާރައަށް: 5.06 ބިލިއަން ރުފިޔާ
- މިދިޔަ އަހަރު އިނާޔަތްތަކަށް: 3.99 ބިލިއަން ރުފިޔާ
- މި އަހަރު އިނާޔަތްތަކަށް: 4.49 ބިލިއަން ރުފިޔާ
- މިދިޔަ އަހަރު ޕެންޝަންތަކާއި ރިޓަޔާމެންޓް ބެނިފިޓްތަކަށް: 1.55 ބިލިއަން ރުފިޔާ
- މިދިޔަ އަހަރު ޕެންޝަންތަކާއި ރިޓަޔާމެންޓް ބެނިފިޓްތަކަށް: 1.68 ބިލިއަން ރުފިޔާ
މި އަހަރު ކެޕިޓަލް އެކްސްޕެންޑިޗާ ވަނީ މިދިޔަ އަހަރުގެ 13.01 ބިލިއަނުން 12.19 ބިލިއަނަށް ދަށްވެފައެވެ. ނަމަވެސް އޭގެ ތެރެއިން ތަރައްގީގެ މަޝްރޫއުތަކަށް މިދިޔަ އަހަރު ޚަރަދުކުރީ 14.7 މިލިއަން ނަމަވެސް މި އަހަރު 69 މިލިއަން ޚަރަދުކޮށްފައިވެއެވެ.
ނިމިދިޔަ ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓުގައި މަޝްރޫއުތަކަށް އެކަށީގެންވާ ވަރަށް ފައިސާ ހިމަނައިފައިނުވާ ކަމާއި އޭގެ ސަބަބުން މަޝްރޫއުތައް ކުރިއަށްނުގެންދެވޭ ކަމުގެ ޝަކުވާ މި ސަރުކާރުން ތަކުރާރުކޮށް ކުރަމުން އަންނައިރު، ޕީއެސްއައިޕީ ޚަރަދުތައް ވެސް މި އަހަރު ވަނީ މަދުވެފައެވެ. އެގޮތުން މިދިޔަ އަހަރު ޕީއެސްއައިޕީއަށް 10.5 ބިލިއަން ޚަރަދުކުރިއިރު މި އަހަރު ޚަރަދުކޮށްފައިވަނީ 8.82 ބިލިއަނެވެ.
މި އަހަރު އާމްދަނީއަށް ޓެކްސްގެ ގޮތުގައި 22.7 ބިިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހެވެ. އެއީ 12.1 ބިލިއަން ރުފިޔާއެވެ.
އެ އަދަދުތަކަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލައިއިރު އިތުރު އަދަދުތަކެވެ. އެގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު ޖުމްލަ އާމްދަނީއާއި ޓެކްސް އާއި ޓެކްސް ނޫން އާމްދަނީތަކަކީ:
- ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ: 29.6 ބިލިއަން ރުފިޔާ
- ޓެކްސް އާމްދަނީ: 21.1 ބިލިއަން ރުފިޔާ
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އެހާތަނަށް 6.53 ބިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރާ ފީތަކާއި ޗާޖުތަކުން 2.3 ބިލިއަން ރުފިޔާއެވެ.
އެއާ އަޅައިބަލައިއިރު މިދިޔަ އަހަރު އެ މުއްދަތުގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 7.52 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ފީތަކާއި އިތުރު ޗާޖުތަކުގެ ގޮތުގައި ލިބުނީ 2.2 ބިލިއަން ރުފިޔާއެވެ.
މި އަހަރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 569 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު އެ މުއްދަތުގައި 662 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިދިޔަ ސަރުކާރުގައި ވެރިކަން ކުރި މައި ޕާޓީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ނަމަވެސް, މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ބައެއް ދާއިރާތަކުން ޚަރަދުކުރަން ޖެހުމުން ކަމަށް ބުނެ މާލީ ވަޒީރު މަޖިލީހަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައި ވަނީ ފާސްކޮށްފައެވެ. އެއާއެކު މި އަހަރުގެ ބަޖެޓު ވަނީ 55 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.
ސަޕްލިމެންޓަރީ ބަޖެޓާ އެކު މި އަހަރުގެ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 16 ޕަސަންޓެވެ. އެހެންވެ، އަހަރު ނިމޭއިރު ދަރަނި ހުންނާނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 118 ޕަސަންޓުގައި ކަމަށް ވަނީ ލަފާކޮށްފައެވެ.
ސަޕްލިމެންޓަރީ ބަޖެޓުގައި ވަނީ، މި އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 34.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކޮށްފައެވެ. މިދިޔަ އަހަރު ފާސްކުރި ބަޖެޓުގައި ލަފާކޮށްފައިވަނީ ހިލޭ އެހީ އާއި އާމްދަނީ ގޮތުގައި ލިބޭނީ 33.5 ބިލިއަން ރުފިޔާ ކަމަށެވެ.