ރަން ފާހާނާ ތަށި ވަގަށް ނެގި މީހާގެ މައްޗަށް ކުށް ސާބިތުވެއްޖެ

އިނގިރޭސި ވިލާތުގައި މީގެ ފަސް އަހަރު ކުރިން ބޭއްވި އެގްޒިބިޝަނެއްގައި ދައްކާލަން ބެހެއްޓި ރަން ފާހާނަތަށި ވަގަށް ނެގި މީހާގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

އާދައިގެ ފާހާނާ ތައްޓެއް ގޮތައް ބަރާބަރަށް މަސައްކަތްކުރާ ގޮތަށް ހަދައި، "އެމެރިކާ"ގެ ނަން ދީފައިވާ އެ ފާހާނާ ތައްޓަކީ 18 ކެރެޓް ރަނުން ހަދާފައިވާ އެއްޗެކެވެ. އޮކްސްފޯޑް ކައިރީގައި އޮންނަ ވުޑްސްޓޮކްގެ ބްލެންހައިމް ޕެލަސްއިން އެ ވަގަށް ނެގީ އެގްޒިބިޝަނަށް ދާ މީހުންނަށް އެ ބޭނުން ވެސް ކުރެވޭ ގޮތަށް ބަހައްޓާފައި ހުއްޓައެވެ.

މި ފާހާނާ ތައްޓަކީ 18 ވަނަ ގަރުނުގެ ތެރޭ، ބޮޑުވަޒީރު ވިންސްޓަން ޗާޗިލްގެ އުފަން ރަށް އަދި ޑިއުކްސް އޮފް މާލްބަރޯ އުޅުއްވި ތަނުގައި އިޓަލީގެ އާޓިސްޓެއް ކަމަށްވާ މައުރީޒިއޯ ކެޓެލަން ބޭއްވި އެގްޒިބިޝަނެއްގައި ބެހެއްޓި އެންމެ ޝައުގުވެރި އުފެއްދުން ކަމަށްވިއެވެ.

އެ ވަގަށް ނެގިކަމުގެ ތުހުމަތުވާ އުމުރުން 39 އަހަރުގެ މައިކަލް ޖޯންސް ވަނީ އެކަމަށް މީގެ ކުރީން އިންކާރުކޮށްފައެވެ. ނަމަވެސް އޮކްސްފޯޑު ކްރައުން ކޯޓުން ވަނީ ދާދިފަހުން އޭނާއާ ދެކޮޅަށް ވައްކަން ކުރިކަމުގެ ދައުވާ ސާބިތުވެފައިވާ ކަމަށް ނިންމާފައެވެ. އަދި އޭނާ ޖަލަށް ލާން ހުކުމްކޮށްފައިވާއިރު އޭނާ ޖަލަށްލާން ނިންމާފައިވާ މުއްދަތު ހާމަކޮށްފައެއް ނުވެއެވެ.

ކޯޓުން ބުނެފައިވަނީ މި ވައްކަމަކީ ވަރަށް ރާވައިގެން ކުރި މަސައްކަތެއް ކަމަށެވެ. ނަމަވެސް ވައްކަން ވަނީ ސީސީޓީވީއަކަށް އަރާފައެވެ. އަދި އޭނާ އަތުލައިގަނެވުނީ ސީސީޓީވީގެ ސަބަބުން ކަމަށްވެސް ކޯޓުން ބުނެއެވެ.

ރަނުން ހަދާފައިވާ މި 98 ކިލޯގެ ފާހާނަތައްޓަކީ 3.6 މިލިއަން ޑޮލަރުގެ ތައްޓެކެވެ. ނަމަވެސް ވައްކަން ކުރުމަށްފަހު މި ތަށި ކަޅު ބާޒާރުގައި އޭނާ ވަނީ ހަ މިލިއަން ޑޮލަރަށްވުރެ އަގުބޮޑުކޮށް ވިއްކާލާފައެވެ.

މި ވައްކަމުގައި ޖޯންސް އާއެކު އިތުރު މީހަކު ވެސް ބައިވެރިވިއެވެ. ނަމަވެސް އޭނާ މައްޗަށް މާކުރިން ވަނީ ދައުވާތައް ސާބިތުވެފައެވެ.

comment ކޮމެންޓް