މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ރައްކާކުރުމުގެ ބޭނުމުގައި ޗައިނާއަށް ނިސްބަތްވާ ޒުވާން އަންހެން ކުއްޖަކު ހެޔޮ އަގުގައި ފާޚާނާއެއްގައި ދިރިއުޅެމުން އަންނާތީ އެ ކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ޢުމުރުން އެންމެ 18 އަހަރުގެ ޒުވާނާ މިސް ޔަންގް ދިރިއުޅެމުން އަންނަނީ އޭނާ ވަޒީފާ އަދާކުރާ ފަރުނީޗަރު ވިއްކާ ފިހާރައިގައި ހުންނަ ފާޚާނާއެއްގައެވެ.
ޔަންގް އެންމެ ފުރަތަމަ ކުއްޔަށް ދިރިއުޅުނީ އޭނާ ވަޒީފާ އަދާކުރާ ފިހާރައިގެ ވެރި މީހާގެ ގޭގައެވެ. ނަމަވެސް، އެ ގޭގައި ޔަންގް ކުއްޔަށް ހުރި ކޮޓަރީގައި ދޮރެއް ނުހުންނާތީ އެ ތަނުގައި ނިދުމަކީ އޭނާ އެހާ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.
އެހެންވެ، ޔަންގް އެންމެފަހުން ނިންމީ އޭނާ ވަޒީފާ އަދާކުރާ ފަރުނީޗަރު ފިހާރައިގެ ފާޚާނާގެ ތަނަވަސްކަމާ ހުރެ އެ ތަނުގައި ކުއްޔަށް ދިރިއުޅުމަށެވެ. ޔަންގް ފާޚާނާގައި ދިރިއުޅެމުން އަންނަނީ މަހު ކުލީގެ ގޮތުގައި އެންމެ ހަ ޑޮލަރު ދީގެންނެވެ.

މިސް.ޔަންގް އަންނަނީ ކުއްޔަށް ދިރިއުޅެމުން އަންނަ ފާޚާނާގައި ދުވަސް ހޭދަކުރާގޮތް ސޯޝަލްމީޑިއާގައި ހިއްސާކުރަމުން--ފޮޓޯ/އިކޮނޮމިކްޓައިމްސް
ފާޚާނާގައި އޭނާ ދުވަސްތައް ހޭދަކުރާގޮތުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ޕޯސްޓުކުރަމުން އަންނައިރު ނިދުމަށާއި ކެއްކުމުގެ އިތުރުން އަންނައުނު ދޮންނަނީ ވެސް ފާޚާނާތެރޭގައެވެ. ދޮންނަ އަންނައުނު ހިއްކަނީ އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި އަޅުވައިގެންނެވެ.
ކޮންމެ ރެއަކު ވެސް ނިދުމުގެ ކުރިން ފާޚާނާ ވަރަށް ރަނގަޅަށް ދޮވެ، ސާފުކުރާ ކަމަށާއި އެގޮތަށް އެކަން ކުރަނީ ނިދާއިރު އެ ތަނުން ނުބައި ވަސް ނުދުވާނެ ގޮތަކަށް ހެދުމަށް ކަމަށް ޔަންގް ވަނީ ބުނެފައެވެ.
ޔަންގް ދިރިއުޅެމުން އަންނަ ފާޚާނާއަކީ އޭނާ މަސައްކަތް ކުރާ ފަރުނީޗަރު ފިހާރައަށް އަންނަ ކަސްޓަމަރުން ވެސް ބޭނުންކުރާ ތަނަކަށް ވުމުން ކޮންމެ ދުވަހަކު ހެނދުނު ހޭލުމަށް ފަހު އޭނާ ނިދަން ގެންގުޅޭ އެނދާއި އެހެނިހެން ސާމާނުތައް ރީތިކޮށް ފަތްޖަހާލުމަށް ފަހު ފޮތިގަނޑަކުން ނިވާކުރާ ކަމަށާއި އޭގެ ބޭނުމަކީ އެ ފިހާރައަށް އަންނަ ކަސްޓަމަރުންނަށް ދަތިކަމަކައިނުލާ ފާޚާނާ ބޭނުންކުރެވޭނެ މަގުފަހިކުރުން ކަމަށް ޔަންގް ވަނީ ބުނެފައެވެ.
ޔަންގްއަށް މަހު މުސާރައިގެ ގޮތުގައި މަދުވެގެން 410.14 އެމެރިކާ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭއިރު އޭނާ އެންމެ ބޮޑު އިސްކަމެއް މި ވަގުތު ދެނީ ލިބޭ އާމްދަނީ ރައްކާކުރުމަށެވެ.
ރައްކާކުރެވޭ އާމްދަނީން ޔަންގް ބޭނުން ވަނީ ކޮންމެ ވެސް ދުވަހަކުން އަމިއްލަ ގެއަކާއި ދަތުރުކުރާނެ ކާރެއް ގަތުމަށެވެ. ޔަންގް ވަޒީފާ އަދާކުރާތަނުގެ ވެރި މީހާ ދެކޭ ގޮތުގައި ވެސް ޔަންގްއަކީ ބޭކާރު އެއްވެސް ކަމަކަށް ޚަރަދުކުރަން ބޭނުންނުވާ މިޒާޖުގެ މީހެކެވެ.
ސޯޝަލް މީޑިއާގައި ޔަންގްއަށް ގިނަ ބައެއްގެ ސަމާލުކަން ލިބި އޭނާ ފޮލޯކުރާ މީހުންގެ އަދަދު މިހާރު ވަނީ 16،000 އަށް އަރާފައެވެ.