މުޅި އިންޓަނެޓުގައި މީގެ ކުރީން އެންމެ ހަޑި ޖަނަވާރުތަކުގެ ލިސްޓުގައި އެންމެ ކުރީގައި އޮތް މަހަކާ މެދު މީހުންގެ ޚިޔާލު ބަދަލުވެ އެ މަހަށް އޮތް މަގުބޫލުކަން އިތުރުވެ ގިނަ ބަޔަކަށް އެ ރީތި ވެއްޖެއެވެ.
"ބްލޮބްފިޝް" އެންމެ ފުރަތަމަ އިންޓަނެޓުގައި ވައިރަލް ވެފައިވަނީ 2013 ވަނަ އަހަރުގައި އާންމުވި ފޮޓޯއަކާ ގުޅިގެންނެވެ. ސައިންޓިސްޓުން އެ އަހަރު އާންމު ކުރި ފޮޓޯއެއްގައި ފެނިފައިވަނީ ލޮނދިގަނޑެއް ގޮތަށް ފެންނަ އެއްޗެކެވެ. މިއީ މާ ކަނޑުގެ ވަރަށް އަޑީގައި އުޅޭ މަހަކަށް ވާތީ ޕްރެޝަރު ބަދަލުވުމާއެކު މި މަހުގެ ސިފަ ގެއްލެއެވެ.
ނަމަވެސް ދާދިފަހުން އާންމުވެފައިވާ ފޮޓޯތަކުން، މި މަސް ކަނޑުއަޑީގައި އޮންނަ އިރު އޮންނަ ގޮތް ވަނީ ފެނިފައެވެ. އެއާއެކު މީހުން މިއާ މެދު ދެކޭގޮތް ވަނީ ބަދަލުވެފައެވެ.

ބްލޮބް ފިޝް ކަނޑުއަޑީން ނެގުމުން އޮންނަ ގޮތް
ނިއު ޒީލެންޑުގެ "މައުންޓެއިންސް ޓު ސީ ކޮންސަވޭޝަން ޓްރަސްޓު"އިން ކޮންމެ އަހަރެއްގައި އެ ގައުމުގެ ރައްޔިތުންނަށް، ޖަނަވާރުތަކާއި މަސްމަހާ މެހީގެ އިތުރުން ސޫފާސޫފިތަކާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ޚާއްސަ ހަރަކާތެއް ކުރިއަށް ގެންދެއެވެ. މި ހަރަކާތުގެ ދަށުން ހިންގާ އެއް ހަރަކާތަކީ އެންމެ މަގުބޫލު ޖަނަވާރެއް ނުވަތަ މަހެއް ހޮވުމެވެ.
މި ފަހަރު ނިއު ޒީލެންޑް ރައްޔިތުން ހޮވާފައިވަނީ މީގެކުރީން ހަޑިވެގެން އުޅުނު "ބްލޮބް ފިޝް" އެވެ. މި މަހާ ގުޅޭގޮތުން އާންމުން ދެކޭގޮތް ވަނީ ބަދަލުވެފައެވެ. އަދި މި މަހުގެ ރައްކާތެރިކަމަށްވެސް ގިނަ ބަޔަކު ވާހަކަ ދައްކާފައިވެއެވެ.
އޮސްޓްރޭލިއާގެ ދެކުނު އިރުމަތި ސަރަހައްދާއި ތަސްމޭނިއާގެ ކަނޑުގެ ސަރަހައްދުން ފެންނަ މި މަހަކީ މާކަނޑުގެ ގާތްގަނޑަކަށް 2،000 ފޫޓާއި 4،000 ފޫޓާ ދެމެދުގެ އަޑީން ފެންނަ މަހެކެވެ. ކަނޑު އަޑީގައި އޮންނަ އިރު ކަޅުކުލައިގައި ހުންނަ މި މަހަކީ ގާތްގަނޑަކަށް ފޫޓަކަށް ދިގުވާ މަހެކެވެ.