ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 'ޑަަބަލް ޕެންޝަން' ލިބޭ އިދާރާތަކުން، ޖެނުއަރީ އެކަކުން ފެށިގެން އަލަށް ރިޓަޔާވާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް، ކަނޑާލަން ސަރުކާރުން މި ވަނީ ނިންމައިފައެވެ.
މިއާއެކު މި ކަން ކުރި ސަބަބާއި، މިކަމުން ނެރެން ބޭނުންވާ ނަތީޖާއަކީ ކޮބައިކަމާމެދު ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސުވާލުތައް ވަނީ ފުނިޖެހިފައެވެ.
އެއާއެކު ފިނޭންސް މިނިސްޓްރީން ރޭ ނޫސްވެރިންނާ ބައްދަލުކޮށް ތަފުސީލީ ގޮތެއްގައި މި ބަދަލު ގެންނަން ޖެހުނު ސަބަބާއި، ޑަބަލް ޕެންޝަންގެ ސަބަބުން ނަހަމަ މާލީ މަންފާތަކެއް ލިބެމުން އައި ގޮތް ވަނީ ކިޔައިދީފައެވެ.
ޑަބަލް ޕެންޝަން ދިނުމުގެ ނިޒާމެއް އުފަންވީ ކިހިނެއް؟
ރޭގެ ބައްދަލުވުމުގައި، ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވި ގޮތުގައި ރިޓަޔަމަންޓް އިނާޔަތްތައް ދިނުން ފެށުނީ 2008ވަނަ އަހަރު ވުޖޫދުވި ސިވިލް ސާވިސް ގާނޫނުގެ ތެރެއިންނެވެ.
ސިވިލް ސާވިސް ގާނޫނުގައިވާ ގޮތުން 55 އަހަރު ފުރިގެން ނުވަތަ 65 އަހަރުވުމުން ރިޓަޔާކުރުމުން އިނާޔަތް ދޭންވާނެކަމަށް އޮތް ނަމަވެސް އެއިރު ޕެންޝަން ދިނުމާ ގުޅޭ ގާނޫނެއް ނެތެވެ. އެހެންވެ އިނާޔަތް ދޭނެ ގޮތަކާއި އުސޫލެއް ވެސް ސާފުކޮށް ބަޔާންވެފައެއް ނެތެވެ. އެ ކަން ކުރަމުން އައީ ޕެންޝަން ގާނޫނު ވުޖޫދުވުމުގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައިފައިވާ ގޮތެއްގެ މަތީންނެވެ.
ޑރ. ފައިޒަލް ވިދާޅުވި ގޮތުގައި އޭރު މައިގަނޑު މަގުސަދަކަށް ވެފައި އޮތީ ޕެންޝަން ގާނޫނު އައުމުން އެ ގާނޫނުގެ ދަށުން އިނާޔަތްތައް ދިނުމެވެ. ނަމަވެސް ކަންތައްތައް ހިނގީ އެއާ ޚިލާފަށެވެ.
"އެކަމު އެހެނެއް ނޫން ކަންތައްތައް ވެގެންދިޔައީ. ހަމަ ސިވިލް ސާވިސް ގާނޫނުގައި އޮތް ގޮތަށް ކޮންޓިނިއުވެގެން ދިޔައީ. ކޮންމެ އިންސްޓިޓިއުޝަނެއް ވަކި ގަވައިދުތަކެއް ހަަދައިގެން ދިޔައީ. ދެން އެ ގަވައިދުތަކުގައި އެކި ގޮތްގޮތަށް މިހުރީ،" އޭނާ ވިދާޅުވިއެވެ.
މިހެން މި އިނާޔާތްތައް ދިނުމުގެ އުސޫލު، އިދާރާތަކުން އަމިއްލައަށް ހަދާ ގަވައިދުތަކުގެ މައްޗަށް ބިނާކުރަމުން އައުން ވެގެންދިޔައީ އެއްވެސް ހިފެހެއްޓުމެއް ނެތި އެ އިދާރާއަކުން ބޭނުންވާ ގޮތަކަށް ކުރަމުން އައި ކަމެއްގެ ގޮތުގައެވެ.
ނަތީޖާއަކަށްވީ 2016ވަނަ އަހަރު ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު ވުޖޫދުވީއިރު، އެ ގާނޫނުގައި ބަޔާންކުރާ ރިޓަޔަމަންޓް އިނާޔަތް އެއްހަމަކުރަން ބޮޑެތި ގޮންޖެހުންތަކެއް ހުރުމެވެ. ދައުލަތުގެ އެއް އިދާރާއާ އަނެއް އިދާރާއާ ދެމެދު ބޮޑު ނަހަމަ ތަފާތުތަކެއް އުފެދުމެވެ.
"ހަމަ އެއްކަހަަލަ މަސައްކަތެއް ކުރާ ތަންތަނުގެ ތެރޭގައި ވެސް ވަރަށް ބޮޑެތި ތަފާތުތައް މި ހުރީ. އެއީ ހަމަ ފޯމިއުލާތައް މި ހުރި ގޮތުން. އަސާސީ މުސާރައާއި އެހެން ކަންކަމުގައި،" ފައިޒަލް ވިދާޅުވިއެވެ.
އަދި މިކަމާ ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ގެންނަން މީގެ ކުރިން ކުރެވުނު މަސައްކަތްތައް ނާކާމިޔާބުވެ، މިއަދު އޮތީ "ޑަބަލް ޕެންޝަން" ލިބޭ ނިޒާމެއްގެ ބުރަ އުފުލަން ޖެހިފައިކަމަށް ވެސް ޑރ. ފައިޒަލް ވިދާޅުވިއެވެ.
ޑަބަލް ޕެންޝަން ލިބުން މައްސަލައަކަށް ވަނީ ކީއްވެ؟
ޕެންޝަން ނިޒާމެއް އޮވެފައި، ވަކިވަކި އިދާރާތަކުން އަމިއްލަ ގަވައިދުތަކެއް ހަދައިގެން އަމިއްލަ ޕެންޝަނެއް ދިނުމަކީ 2015ވަނަ އަހަރު އޮޑިޓަރު ޖެނެރަލް ނެރުއްވި ރިޕޯޓުގައިވާ ގޮތުން ރަނގަޅު ގޮތެއް ނޫނެވެ.
އެއީ، މުވައްޒަފު އެއަށް އިންވެސްޓުކުރާ ނުވަތަ ފައިސާ ޖަމާކުރާ ޕެންޝަން ރިޓަޔަމަންޓް ސްކީމެއް އޮއްވައި، މުވައްޒަފުގެ ކޮންޓްރިބިއުޝަނެއް ނެތި އިދާރާތަކުން އަމިއްލައަށް ޚަރަދުކޮށްގެން ރިޓަޔަމަންޓް އެލަވަންސްތަކެއް ދޭތީއެވެ.
އެހެންވެ، ބައެއް ހާލަތްތަކުގައި ނެތް ފައިސާއިން ޚަރަދުކުރަން ޖެހުމުން ލޯނު ނަގައިގެން ވެސް އެ އެލަވަންސްތައް ދޭން ޖެހިފައި އެބަހުއްޓެވެ.
"މިއީ ޕެންޝަނެއް ނޫން. ޕެންޝަން ވެއްޖިއްޔާ ހަތް ޕަސެންޓާއި، ސާދަ ޕަސެންޓާ ދެމެދު އެބަ އިންވެސްޓުކުރޭ. [އެކަމު ރިޓަޔަމަންޓް އެލަވަންސަކީ] ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދެއް. އެހެންވީމާ ހަގީގަތުގައި މި އޮތީ ނޮންކޮންޓްރިބިއުޓަރީ ސިސްޓަމެއް. ޑަބަލް ޕެންޝަނަކަށް މިވަނީ ޕެންޝަން ނިޒާމެއް ހިނގަމުން އަންނައިރު މިކަހަލަ ނިޒާމެއް ޕެރެލަލީ ހިނގަމުން އަންނާތީ،" ޑރ. ފައިޒަލް ވިދާޅުވިއެވެ.
ޑަބަލް ޕެންޝަން ލިބުން، ނަހަމަ މަންފާއަކަށް
ދައުލަތުގެ އިދާރާތަކުން އަމިއްލައަށް ދޭ ރިޓަޔަމަންޓް ސްކީމަށް ޝަރުތު ހަމަވަނީ 65 އަހަރުވެ، އުމުރުން ހަމަވުމުން ވަޒީފާއިން މުސްކުޅި ކުރުމުންނެވެ. ނުވަތަ ރިޓަޔަކުރުމުންނެވެ.
ފިނޭންސް މިނިސްޓަރުގެ ނައިބު އަހްމަދު ސާއިދު މުސްތަފާ ވިދާޅުވި ގޮތުގައި "ރިޓަޔަކުރުން" އޮތުމުގެ ނަތީޖާއަކަށް ވަނީ ޒުވާން އުމުރުގައި ވެސް ރިޓަޔަވާން ފުރުސަތު ލިބުމެވެ.
"އަޅުގަނޑުމެން ބައެއް މައުލޫމާތަށް ބަލައިލިއިރުގައި ރިޓަޔަކޮށްފައި އެބަތިބި އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑެތި ލަމްޕްސަމް ޕޭއައުޓްސްއާއެކު [ގަނޑުކޮށް ފައިސާ ލިބޭހެން] 35 އަހަރުގެ މީހުން ވެސް. އުމުރުން 40 އަހަރުގެ ތެރޭ އުޅޭ ފަރާތްތައް ވެސް. ބައެއް ބޭފުޅުންނަށް އެބަ ލިބޭ މަހުން މަހަށް ލިބޭ އިނާޔަތްތަކަށް ބަލައިލާއިރުގައި، މިހާރު ސިސްޓަމުން ފެންނަ ގޮތުގައި ގާތްގަނޑަކަށް މަހަކު 46،000 ރުފިޔާ، 42،000 ރުފިޔާ، 33،000 ރުފިޔާ،"
އެހެންވީމާ ދެން އުފެދޭ ސުވާލަކީ ހަމަ އެ މީހުންނާ އެއްހަމަ ތަޖުރިބާއާއި، އެއްހަމަ ތައުލީމު ހުރި ފަރާތްތަކާއި، އެއްހަމަ މުއްދަތެއް ވަޒީފާގައި އުޅުނު މީހަކަށްވީ ނަމަވެސް، ތަފާތު އެހެން އިދާރާއެއްގައި މަސައްކަތްކުރުމުގެ ސަބަބުން އެ މީހަކަށް އެ އިނާޔަތް ނުލިބުން އެއީ އިންސާފެއްތޯއެވެ.
މީގެ އިތުރުން މަހުން މަހަށް ލިބޭ އެ އެލަވަންސަކީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ޕެންޝަން ފައިސާއާއި، އުމުރުން 65 އަހަރުވުމުން ލިބޭ އަސާސީ ޕެންޝަންގެ އިތުރުން ލިބޭ އެއްޗެކެވެ.
"އަދި އެ ހިސާބުން ނިމުނީއެއް ނޫން. މި ލިބޭ ބޭފުޅުން ދައުލަތުގެ އެހެން މަގާމަކަށް ނުވަތަ އަމިއްލަ ވަޒީފާއެއްގައި އުޅުއްވިއަސް ނުވަތަ އަމިއްލަ ވިޔަފާރިއެއް ކުރެއްވިއަސް އެ ކަމަށް ބެލުމެއް ނެތި ދެމުން އަންނަނީ [އެލަވަންސް]. މި ވަގުތު ވެސް ސަރުކާރުގައި އެބަތިބި މި ގޮތަށް ޕެންޝަން ލިބޭ ފަރާތްތައް ސަރުކާރުގެ މަގާމުތަކުގެ މުސާރަ ލިބިލައްވާ،" ސާއިދު ވިދާޅުވިއެވެ.
ސާއިދު ވިދާޅުވީ އެހެންވުމުގެ ސަބަބުން، އެފަދަ ފަރާތްތަކަށް ސަރުކާރުން މަހަކު ދޭ ޖުމްލަ އިނާޔަތް، ރާއްޖޭގެ ސަރުކާރުގެ އެންމެ މަތީ މުސާރަ ލިބޭނެކަމަށް ކަނޑައަޅައިފައިވާ ބޭފުޅުންނަށް ލިބޭ މުސާރައަށް ވުރެ ވެސް ބޮޑު ކަމަށެވެ. އެއީ އަދި ގަނޑުކޮށް ލިބޭ ފައިސާއަށް ވެސް ފަހުގައެވެ.
ހާސިލުކުރަން ބޭނުންވަނީ ކޮން ކަމެއް؟
މިހާރު މި ހިނގާ ގޮތަށް މި ކަން ކުރިއަށް ދާން ދޫކޮށްލައި، ޕެންޝަންގެ ނިޒާމު އިސްލާހުނުކޮށްފިނަމަ، މިއީ ރާއްޖޭގައި ނިޒާމީ ސިފައެއްގައި އެންމެ ވިޔާނުދާ ޚަރަދުކުރާ ދިމާއަށް ވާނެއެވެ. ޚުދު ވެރީން ވެސް މިކަމަށް އެއްބަސްވެއެވެ.
ގަނޑުކޮށް، އެއްފަހަރާ ފައިސާ ދިނުމަށް ދައުލަތުން މިދިޔަ އަހަރު 46.1 މިލިއަން ރުފިޔާ ހޭދަކުރިއިރު މި އަހަރު 45.2 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ. ކޮންމެ މަހަކު ދޭ އެލަވަންސަށް މި އަހަރު 266 މިލިއަން ރުފިޔާ ހޭދަކުރަން އޮތްއިިރު، އަންނަ އަހަރު 272 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެއެވެ.
ސާއިދު ވިދާޅުވި ގޮތުގައި ކުރިއެކޭ އެއްގޮތަށް މި ދައުރުގައި ވެސް އެ އެލަވަންސްތައް، ނަހަމަކަން ބޮޑުކޮށް ދެވިދާނެއެވެ. ނަމަވެސް މިއީ މުސްތަގުބަލުގައި ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރަން އޭރަށް މުސްތަގްބަލުގައި ޓެކްސް ބޮޑުކުރުން ފަދަ ބުރަތައް އުފުލައި އާމްދަނީ އިތުރަށް ހޯދަން މަޖުބޫރުވާނެއެވެެ.
މީގެ އިތުރުން ސަރުކާރަށް ވަޒީފާއަށް ވަންނައިރު އެލަވަންސް ހޯދުމުގެ ވިސްނުމުގައި ވަންނަން ފަށައިފިނަމަ އެއީ އިތުރު ބޮޑު ގޮންޖެހުމަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މި ބަދަލު ގެނައުމަކީ މި ސަރުކާރުން އައިސްފައި ހަމަ ކުއްލިއަކަށް ޚަރަދުކުޑަކުރަން ކޮށްގެން އުޅޭ ކަމެއް ނޫން. މިއީ ފާއިތުވި ސަރުކާރުތަކުގައި ވެސް ފާހަގަވެފައި އޮތް އިދާރާތަކުން ފާހަގަކޮށްފައި އޮތް މައްސަލައެއް،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ބަދަލު ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތުގެ މުއައްޒަފުންގެ މެދުގައި އޮތް ނަހަމަ، ތަފާތުތައް ނައްތައިލުމެެވެ.
ދައުލަތަށް ޚިދުމަތްކުރާ މުވައްޒަފުން، ގިނަ ދުވަހު ދައުލަތުގައި ޚިދުމަތްކުރަން ބާރު އަޅައި އެ މީހެއްގެ ޚިދުމަތް ދައުލަތަށް އެންމެ ފުރިހަމައަށް ލިބޭކަން ޔަގީންކުރުމެވެ. ނަތީޖާއަކަށް ވާނީ ދިގު މުއްދަތުގައި ލިބޭ ކުރިއެރުންތަކާއި، މުސާރައަށް އިތުރުވާ ކަންކަމާއެކު ރިޓަޔަވާއިރު ގަނޑުކޮށް ލިބޭ ފައިސާގެ މިންވަރު އިތުރުވުމެވެ.
މިއީ ކޮންމެހެން ވެސް މިހާރު ގެންނަންޖެހިފައިވާ ބަދަލެއްކަމަށް ސަރުކާރުން ބުންޏެވެ. އަދި، ރައްޔިތުންގެ ޓެކްސް ފައިސާއިން ސަރުކާރު މުވައްޒަފުންނަށް ލިބޭ ނަހަމަ މަންފާތައް ނައްތައިލައި، ދައުލަތަށް އުފުލަންޖެހޭ ބުރަ ކުޑަކުރަން މިކަން ކުރުން ކޮންމެެހެން ވެސް މުހިންމު ކަމަށް ސަރުކާރުން ބުންޏެވެ.