'ބިރުވެރިކަން އުފެދޭ ގޮތަށް' ޕޯސްޓުކުރާތީ އެމްޑީޕީގެ އެކްޓިވިސްޓަކު ފުލުހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސެއިން ޝާފިއު (ތުއްތު): ބިރުވެރިކަން އުފެދޭ ގޮތަށް އެކްސްގައި ޕޯސްޓު ކުރާ ކަމުގެ ތުހުމަތުގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ އަންގައިފައި -- ފޮޓޯ/ އެކްސް

ބިރުވެރިކަން އުފެދޭ ގޮތަށް އެކްސްގައި ޕޯސްޓު ކުރާ ކަމުގެ ތުހުމަތުގައި އެމްޑީޕީގެ އެކްޓިވިސްޓަކު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ފުލުހުން ޗިޓު ފޮނުވައިފައިވަނީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސެއިން ޝާފިއު (ތުއްތު)އަށެވެ.

އެ ޗިޓުގައި ބުނެފައި ވަނީ މިމަހުގެ އަށް ވަނަ ދުވަހުގެ 01:14 ގައި އޭނާގެ ހޭންޑަލްއިން ހަޑިހުތުރުބަސް ބޭނުންކޮށް ބިރުވެރިކަން އުފެދޭގޮތަށް އެކްސްގައި ޕޯސްޓްކޮށްފައި ވާކަމަށެވެ. ނަމަވެސް އޭނާ ކޮށްފައިވާ ޕޯސްޓުގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލައިގައި އޭނާގެ ބަޔާންނެގުމަށް މާދާމާގެ 13:30 ގައި ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް އޭނާއަށް ފޮނުވާފައިވާ ޗިޓުގައި ވަނީ ބުނެފައެވެ.

މި ޗިޓާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި ކަމަށް ވިދާޅުވެފައެވެ.

ފައްޔާޒުގެ އަމިއްލަ އެކައުންޓުން އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވަނީ ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެ ކަމަށެވެ.

"ރައްޔިތުންގެ އަޑު ކަނޑުވާލައި، ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެ. ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެ. މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެ،" ފައްޔާޒު ލިޔުއްވާފައިވެއެވެ.

މީގެ ކުރިން، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް، ގދ. ގައްދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަހުމަދު ވާހަކަދެއްކެވި މައްސަލައެއް ބަލައި، ފިޔަވަޅު އަޅަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފައިވެއެވެ.

https://sun.mv/199614

އެ މައްސަލައިގައި ވެސް އެމްޑީޕީން ނުރުހުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔައިފައިވެއެވެ.

comment ކޮމެންޓް