ޑުރަގު ވިއްކައިގެން ހޯދި ކަމަށް ބެލެވޭ ދެ ލައްކަ ރުފިޔާއާއެކު ބަޔަކު ހައްޔަރުކޮށްފި

ޑްރަގްސްގެ މައްސަލައެއްގައި 200000 އަށްވުރެ ގިނަ ރުފިޔާއާއެކު ތިން ދިވެހީން ހައްޔަރުކޮށްފި --- ފޮޓޯ/ ފުލުހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާއާއެކު ތިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލޭގައި އެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ.

ފުލުހުންގެ ޑުރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ:

  • ތ. ގާދިއްފުށި / ކެނެރީގެ، އިބްރާހީމް އިމާދު (30އ)
  • މއ. ވިންޑްސްޓާ 1 / މާލެ، މުޙައްމަދު ސިމްރާޙް (43އ)
  • ގދ. ރަތަފަންދޫ / ޒަމާނީއާގެ، ޞަލާޙު ޝިހާބް (45އ)

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައި ވާކަމަށެވެ. އެ ތަކެތީގެ ވަގުތީ ބަރުދަން 57.78 ގުރާމަށް އަރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ސިމްރާޙް އާއި ޞަލާޙު ޝިހާބް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އިބްރާހީމް އިމާދު ވަނީ ދޫކޮށްލާފައެވެ.

އެހެންކަމުން ފުލުހުން ވަނީ އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.

އަދި މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު، މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ޑުރަގާ ގުޅުންހުރި 298 މައްސަލައެއް ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް