ރައީސްގެ އަބުރުފުޅަށް އަރައިގެން ކަމަށް ބުނެ ގައްދޫ ކައުންސިލްގެ ރައީސަށް ފިޔަވަޅު އަޅަން އަންގައިފި

އެލްޖީއޭގެ ސީއީއޯ ނިމާލް: އޭނާ ވަނީ ގައްދޫ ކައުންސިލްގެ ރައީސަށް ފިޔަވަޅު އަޅަން އަންގާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް، ގދ. ގައްދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަހުމަދު ވާހަކަދެއްކެވި މައްސަލައެއް ބަލައި، ފިޔަވަޅު އަޅަން އަންގައިފިއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ރައީސް މުއިއްޒަށް ނިސްބަތްވެވަޑައިގަންނަވާ ގޮތަށް 'ހަޑިހުތުރު' ބަހުން ކައުންސިލްގެ ރައީސް ވަޓްސްއެޕް ގްރޫޕެއްގައި ވާހަކަދެއްކެވި ކަމަށް ބުނެ، އެ މައްސަލައިގައި ފިޔަވަޅު އަޅަން އަންގައި، ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ.

މި ކަމާ ގުޅިގެން ގައްދޫ ކައުންސިލްގެ މެންބަރު އަލީ ޝަރީފު އެ މައްސަލަ ހިނގައިދިޔަ ގޮތް ވަރަށް ތަފުސީލުކޮށް "ސަން"އާ ހިއްސާކުރައްވާފައެވެ.

އޭނާ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އެލްޖީއޭއިން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

މިގޮތުން، އެ މައްސަލަ ފެންމަތިވީ އެ ރަށުގެ ޕްރީ ސުކޫލު ހަދަން ހުއްދައަށް އެދުނުތާ ހަ މަސްވެގެން ދިޔައިރު ވެސް، ސަރުކާރުން ހުއްދަ ދޫކޮށްފައިނުވާތީ ދެކެވުނު ވާހަކައެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ސަރުކާރުން 'ހަޑިހުތުރު' ބަހުން މުއާމަލާތްކުރުމޭ ބުނަނީ ކޮން މާނައެއްގައިކަން ސާފުނުވާ ކަމަށާއި އެ ކަމުގައި ކައުންސިލް ރައީސަށް ފިޔަވަޅު އަޅުއްވަން ނުޖެހޭ ކަމަށް ކައުންސިލުން ދެކޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ކައުންސިލުން ގަބޫލެެއް ނުކުރަން އެއީ ކައުންސިލުން ރައީސާ ދޭތެރޭގައި ފިޔަވަޅު އަޅަން ޖެހޭ، ނުވަތަ އެޅިދާނެ ކަމެއް ކަމަކަށް، ކޮންމެ ބަޔަކަށް ވެސް މުއާމަލާތް ކުރުމުގެ ހައްގު އޮންނާނެ ކަމަށް ގަބޫލުކުރެވެނީ. ހަގީގަތުގައި ރައީސަށް ވުރެ އައުލާކަން ބޮޑު ކަންނޭނގެ މުޅި ކައުންސިލަށް ފިޔަވަޅު އެޅުން،" ޝަރީފް އިތުރަށް ތަފުސީލުކޮށްދެއްވިއެވެ.

ޝަރީފް ސިފަކުރެއްވި ގޮތުގައި، އެއީ އެއްވެސް "ތާކުން ތާކުނުޖެހޭ" ކަމެކެވެ.

ކައުންސިލްތަކުން ކުރާ ބައެއް ކަންކަމާ ގުޅިގެން މީގެ ކުރިން ވެސް ފިޔަވަޅު އަޅާފައިވެއެވެ. އެކަމަކު، ކައުންސިލަރަކު ދެއްކި ވާހަކައަކާ ގުޅިގެން ފިޔަވަޅު އަޅަން އެންގުމުން ބައެއް އިދިކޮޅު ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް