ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ގާނޫނުއަސާސީއަށް އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ހުށަހެޅީ މިދިޔަ ބުދަ ދުވަހެވެ. ހަމަ އެ ދުވަހު އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް، ހަވީރު ވަނީ ތަޅުމުން ފާސްކޮށްފައެވެ. އިރުއްސުނު ވަގުތު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުކުރައްވައިފައެވެ.
އެހެންވެ، ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކަށް މިހާރު އަންނަނީ އަމަލުކުރަމުންނެވެ.
އެ މައްސަލައާ ގުޅިގެން ގާނޫނީ ދާއިރާގެ ބޭފުޅުންނާއި އިދިކޮޅު ސިޔާސީ ފިކުރުތަކަށް ނިސްބަތްވާ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، ގާނޫނީ ވަކީލު އަލީ ހުސައިނެވެ.
އޭނާ މިއަދު ވިދާޅުވީ، ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާއާއި އަށްވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. އެއީ، ގާނޫނުއަސާސީގެ އަސާސީ އޮނނިގަނޑާ ވެސް ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކުރައްވައި، އެ އިސްލާހު ބާތިލުކޮށްދޭން އެދި އަލީ ހުސައިން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
ގާނޫނުއަސާސީއަށް ގެނައި މައިގަނޑު ތިން އިސްލާހަކީ:
- މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުން
- ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
- ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
އަލީ ހުސައިން ފާހަގަކުރެއްވި މާއްދާތަކުގައި ބުނަނީ ކީކޭ؟
ފާހަގަކޮށްލެވޭ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ ފަސް މާއްދާއަކާ ހިލާފު ކަމަށް ފާހަގަކޮށްފައިވެއެވެ. އެއީ؛ ހަތަރުވަނަ މާއްދާއާއި އަށްވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއެވެ.
ހަތަރުވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. އަށްވަނަ މާއްދާގައި ބުނަނީ، ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެމަތީން ކަމަށެވެ.
ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނަނީ:
މި ޤާނޫނުއަސާސީ ގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު ޢުމުރުން އަށާރަ އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ޙައްޤުތައް ލިބިގެންވެއެވެ.
- (ހ) އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤު. މި ފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވާންވާނެއެވެ.
- (ށ) އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު.
- (ނ) އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާ އެކު އިޚުތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު.
އެ އަސާސީގެ 75 ވަނަ މާއްދާގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި، އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެ ކަމަށާއި އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެ ކަމަށެވެ.
ނުވަދިހަވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެ ނޫން ވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެ މީހަކާމެދު އެއްވެސް ތަޙުޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެ މީހަކާ މެދު ދަޢުވާއެއްކޮށް ހަދައިގެނެއް ނުވާނެ ކަމަށެވެ.
އަދި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލަވުންތަކާ ބެހޭ ވާހަކަތައް ތެދުބަހުން ކަންހިނގި ގޮތުގެ ހަޤީޤަތް ނުގެއްލޭގޮތަށް ޝާއިޢުކުރާ ނުވަތަ ހާމަކުރާ މީހަކާ ދެކޮޅަށް ނުވަތަ އެފަދަ ވާހަކައެއް ދެއްކި މީހަކާ މެދު އަދި އެފަދަ ވާހަކައެއް ޝާއިޢުކުރި ނޫސް މަޖައްލާއަކާ މެދު އެއްވެސް ދަޢުވާއެއްކޮށް އަދި ފިޔަވަޅެއް އަޅައިގެނެއް ނުވާނެ ކަމަށެވެ.
އެ މައްސަލަ ހުށަހަޅަން ޖެހުނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ އެކު މެންބަރުން އިންތިޚާބުވި ޕާޓީން، އެ މެންބަރަކު ވަކިކޮށްފި ނަމަވެސް ގޮނޑި ގެއްލޭނެތީއެވެ. އެހެންވެ، މެންބަރުންގެ މިނިވަންކަމަށް އަސަރުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް މީގެ ކުރިން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ގޮވާލައްވައިފައެވެ. ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވެސް ވަނީ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ގާނޫނުއަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެކަމަކު، ސަރުކާރު ހިންގާ ޕީއެންސީން އަންނަނީ އެ އިސްލާހު ދިފާއުކުރަމުންނެވެ.
އެ ގޮތުން، މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކުގެ ކޮމިޓީތަކަށް ނުދޭނެ ކަމަށާއި ޕާޓީތަކުން މެންބަރުން ވަކިކުރެވޭނެ ގޮތުގެ ގާނޫނެއް އެކުލަވައިލާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.