ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދެފިއެވެ.
ސަރުކާރުން ވަނީ މައިގަނޑު ތިން ކަމެއް ގާނޫނުއަސާސީގައި ހިމަނަން މިއަދު ހުށަހަޅުއްވާފައެވެ. އެއީ؛
- މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުން
- ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
- ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
މި އިސްލާހުތައް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެ އިސްލާހުތަކަށް މަޖިލީހުގެ ތަޅުމުގައި ހަވީރު 5:30 ގައި ވޯޓަށް އަހަން ވަނީ އެޖެންޑާކޮށްފައެވެ.
މި ކަމާ ގުޅުވައި ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ބިލެއް ހުށަހަޅާފައިވާތީ އެ ބިލާ ގުޅޭގޮތުން ކައުންސިލްގެ އާންމު މެންބަރުންނާއި ގާނޫނީ ދާއިރާގެ އެކި ފަރާތްތަކުގެ ކަންބޮޑުވުން ހުރުމުން އެ ބިލާ ގުޅިގެން އެ ކައުންސިލްގެ އާންމު މެންބަރުންގެ ޚިޔާލު މަޖިލީހަށް ހުށަހެޅުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
އެހެންވެ، އެ ބިލަށް ޚިޔާލު ހުށަހެޅުމަށް ފުރުސަތެއް ދިނުމަށް އެދި މަޖިލީހަށް މިއަދު ހުށަހަޅާފައިވާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.
ބާ ކައުންސިލުން ބުނި ގޮތުފައި، ގާނޫނަށް ގެނެވޭ އިސްލާހެއް ނުވަތަ ބަދަލަކީ ރައްޔިތުންގެ ބައިވެރިވުމާ ޚިޔާލާ ހޯދައިގެން ގެނެވޭ އިސްލާހުތަކެއް ކަމުގައިވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމެކެވެ. އެހެންކަމުން، އެ ބިލާ ގުޅޭގޮތުން އެ ކައުންސިލުން ހުށަހަޅަން ބޭނުންވާ ޚިޔާލުތައް ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ދޭން ކައުންސިލުން ވަނީ ގޮވައިލާފައެވެ.
ބިލުގައިވާ ގޮތުގައި ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.
މި ބިލަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހު މަޖިލީހުން މިއަދު ވަނީ ބޭރުކޮށްލާފައެވެ. މީކާއިލް ހުށަހެޅުއްވީ މަޖިލިސް މެންބަރަކު ޕާޓީން ވަކިކުރާ ހާލަތުގައި، އޭނާ އެ މަގާމުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް އެ ދާއިރާގެ ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ މެދުގައި ވޯޓެއް ނަގަންޖެހޭ ގޮތަށެެވެ.
އަދި، ސިޓީތައް ފިޔަވައި އެހެން ދާއިރާތަކުން މެންބަރަކު ވަކިކުރަން އާބާދީގެ 25 ޕަސެންޓު މީހުންގެ ސޮޔާއެކު ޕެޓިޝަން ހުށަހަޅަން ޖެހޭނެއެވެ. އަދި، މާލެއާއި ސިޓީތަކުގެ ދާއިރާތަކަށް ނިސްބަތްވާ މެންބަރުން ވަކިކުރަން އާބާދީގެ 15 ޕަސެންޓު މީހުންގެ ސޮޔާ އެކު ޕެޓިޝަން ހުށަހަޅަން ޖެހޭނެއެވެ.
ނަމަވެސް، 68 މެންބަރުންގެ ވޯޓާ އެކު އެ އިސްލާހު ބޭރުކޮށްލިއެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ 12 މެންބަރުންނެވެ.
މީގެ އިތުރުން، މީކާއިލް ވަނީ އެ ބަދަލުތައް ގެނައުމުގެ ކުރިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ހުށަހެޅުއްވާފައެވެ. ނަމަވެސް، 69 މެންބަރުންގެ ވޯޓުން އެ އިސްލާޙު ބޭރުކުރިއެވެ. މަޝްވަރާ ކުރަން ތާއީދު ކުރެއްވީ އެންމެ 11 މެންބަރުންނެވެ.
އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ވަނީ މަޖިލީސް އިދާރާ ހުންނަ ސަރަހައްދުގައި މުޒާހަރާ ވެސް ކޮށްފައެވެ.