ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅުއްވާފައި ބިލުގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމަން ރައްޔިތުންގެ މަޖިލީހުގެ، މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން މިއަދު ފާސްކޮށްފިއެވެ.
ގާނޫނުއަސާސީއަށް އިޞްލާޙެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ. އެއީ، 70 މެންބަރުންނެވެ. ސަރުކާރު ހިންގާ ޕީއެންސީގައި މި ވަގުތު އެ އަދަދަށް މެންބަރުން އެބަތިއްބެވިއެވެ.
ސަރުކާރުން ވަނީ މައިގަނޑު ތިން ކަމެއް ގާނޫނުއަސާސީގައި ހިމަނަން މިއަދު ހުށަހަޅުއްވާފައެވެ. އެއީ؛
- މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުން
- ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
- ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
ސަރުކާރުގެ ފަރާތުން މި އިސްލާހުތައް ގާނޫނުއަސާސީގައި ހިމަނަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ބިލުގައި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭ ގޮތުން ބައެއް މެންބަރުންނާއި ސިޔާސީ ފަރާތްތަކުގެ އަދި ގާނޫނީ ބޭފުޅުންގެ ވެސް ކަންބޮޑުވުން އެބައޮތެވެ.
ގާނޫނުއަސާސީއަށް އެއް ބިލެއްގައި ހުށަހެޅި މި އިސްލާހުތައް ބަލައިގަންނަން މަޖިލީހުގައި ނެގި ވޯޓުގައި 69 މެންބަރުން ވަނީ އެ ބިލު ބަލައިގަންނަން ވޯޓުދެއްވައިފައެވެ. ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓުދެއްވީ އެންމެ 12 މެންބަރުންނެވެ.
އެ ބިލުގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމަންޖެހޭ ކަމަށް ވިދާޅުވެ، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ އެ މަސައްކަތް މުޅި މަޖިލީހުގެ ކޮމިޓީން ކުރިއަށް ގެންދަން ހުށަހަޅުއްވައިފައެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވަނީ އެ ހުށަހެޅުއްވުމަށް ތާއީދުކުރައްވާފައެވެ.
އެ ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީގައި ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތްކުރަން 71 މެންބަރުން ވަނީ ތާއީދުކުރައްވާފައެވެ. އެ ކަމާ ދެކޮޅަށް ވެސް ވޯޓުދެއްވީ އެންމެ 12 މެންބަރުންނެވެ.
އެހެންވެ، މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، މިއަދުގެ 12:30 ގައި މުޅި މަޖިލީހުގެ ކޮމިޓީ ފައްޓަވާނެ ކަމަށެވެ. އެ މަސައްކަތް ނިންމާނެ ވަގުތެއް ވިދާޅެއް ނުވެއެވެ.
އެކަމަކު، މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން އަބްދުއްރަޙީމް ވިދާޅުވީ، ދެން ޖަލްސާއެއް އޮންނާނެ ވަގުތު މެންބަރުންނަށް އަންގަވާނެ ކަމަށެވެ.
އެހެންވެ، ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް ކޮމިޓީން ފާސްކޮށް، މިއަދު މަޖިލީހުގެ ތަޅުމުގައި ފާސްކުރާނެ ކަމަށް ބެލެވެއެވެ. އެއީ، ޕީއެންސީގެ ބައެއް މަޖިލީސް މެންބަރުން އިއްޔެ ވަނީ މި އިސްލާހުތައް ދުވަހުން ދުވަހަށް ފާސްކުރަން ސަރުކާރުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.