ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީ ބަދަލުކޮށްފި ނަމަ، މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ސަރުކާރު ހިންގާ ޕީއެންސީން މިއަދު ނިންމައިފިއެވެ.
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް މިހާރު އޮންނަނީ އެންޓި ޑިފެކްޝަން ގާނޫނުގައެވެ.
އެކަމަކު، އެ ގާނޫނުގެ މާއްދާތަކެއް ގާނޫނުއަސާސީއާ ހިލާފުކަމަށް ކުރިން ވެސް ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވިއެވެ. އެ މައްސަލަ އަމިއްލަ ފަރާތަކުން އިއްޔެ ވަނީ ހައިކޯޓަށް ވެސް ހުށަހަޅާފައެވެ.
ޕީއެންސީގެ އިތުބާރުހުރި މަސްދަރަކުން 'ސަން'އަށް މައުލޫމާތު ދިން ގޮތުގައި މަޖިލީސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕީއެންސީން ވަނީ ނިންމައިފައެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުން ބޭނުންވަނީ މާދަމާ ހުށަހަޅައި، ގާނޫނުއަސާސީ އިސްލާހުކުރަން މާދަމާ ފާސްކުރާށެވެ.
މިދިޔަ 19 ވަނަ މަޖިލީހުގެ ފަހުކޮޅު ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު މިހާރު އޮންނަ ގޮތުން ތިން ހާލަތެއްގައި ގޮނޑި ގެއްލޭނެއެވެ. އެއީ؛
- އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން
- އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ދަފުތަރުގައި ޖެހުން [ޕާޓީ ބަދަލުކުރުން]
- އަމިއްލަގޮތުން އިންތިޚާބުވާ މެންބަރަކު ޕާޓީއަކަށް ސޮއިކުރުން
މަޖިލިސް މެންބަރު ނިސްބަތްވާ ދާއިރާއެއްގައި ރިކޯލް ވޯޓު ނެގުން ހިމަނާފައިވާ އެ ގާނޫނުގައިވާ ގޮތުން، ރިކޯލް ވޯޓެއް ނަގައި ހާލަތެއްގައި ޕާޓީ ބަދަލުކުރި މެންބަރަކު އެ ވޯޓު ކާމިޔާބުކޮށްފިނަމަ ޕާޓީ ބަދަލުކުރުމުގެ ހައްގު ލިބޭނެއެވެ. އަދި، ރިކޯލް ވޯޓު ކާމިޔާބު ނުވެއްޖެ ނަމަ އެ މެންބަރެއްގެ މަގާމު ގެއްލޭނެއެވެ.
އެގޮތަށް ހުސްވާ ގޮނޑިތަކަށް އަލަށް މެންބަރުން އިންތިޚާބުކުރަން ބައި-އިލެކްޝަން ބާއްވަން ޖެހޭނެއެވެ. އެގޮތަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ގޮނޑި ގެއްލޭ ބޭފުޅުންނަށް ވެސް ލިބިގެންވެއެވެ.
އެކަމަކު، އެ މެންބަރުން އިސްތިއުފާ ނުދީފި ނަމަ އަމަލުކުރާނެ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައެއް ނޯވެއެވެ.
މީގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި މެންބަރެއްގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތެއް ބަޔާންކޮށްފައި އެބައޮތެވެ. އެއީ:
- އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ބާރަ މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައިވުން.
- ފަނޑިޔާރަކު ކަމުގައިވުން.
އެހެންވެ، މިހާރު ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫނުއަސާސީއާ ފުށުއަރާ ގާނޫނެއް ކަމަށް ވެސް ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ގަބޫލުކުރައްވައެވެ. މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން ނިންމީ އެހެންވެ ކަމަށް ބެލެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަރުކަޒީ ބޭންކް، އެމްއެމްއޭއިން ރިސޯޓުތަކުން ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް އެކުލަވައިލި ގަވާއިދާ ގުޅިގެން ބައެއް ވިޔަފާރިވެރިން ވަނީ ސަރުކާރާ މެދު ނުރުހުން ފާޅުކޮށްފައެވެ.
ކުރިން 18 ވަނަ މަޖިލީހުގައި ވެސް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކުރިއެވެ.
އެކަމަކު، އެމްޑީޕީ ސަރުކާރު ވެރިކަމަށް އައުމަށް ފަހުގައި ވަނީ އެ ގާނޫނު އުވާލައިފައެވެ. އޭރު ގާނޫނެއް ހަދާފައި އޮތީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށެވެ. ފަހުން ނިމުނު ރިޔާސީ އިންތިޚާބަށް ފަހުގައި އެމްޑީޕީގެ 14 މެންބަރަކު އާ ސަރުކާރާ ގުޅުމުން އެމްޑީޕީން ވެސް އެންޓި ޑިފެކްޝަން ގާނޫނެއްގެ މުހިއްމުކަން ފާހަގަކުރިއެވެ.