ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރުކަމަށް އިންތިޚާބުވާ ޕާޓީ ބަދަލު ކުރުމުން، އިސްތިއުފާ ދޭން ޖެހޭ ގޮތަށް ހަދާފައިވާ އެންޓި-ޑިފެކްޝަން ގާނޫނުގެ މާއްދާތަކެއް ބާތިލުކުރަން ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ހައި ކޯޓުން ބުނި ގޮތުގައި އެ މައްސަލަ ހުށަހަޅާފައި ވަނީ މުހައްމަދު އަނީސް ނަމަކަށް ކިޔާ އަމިއްލަ ފަރާތަކުންނެވެ.
މިއަދު މެންދުރުގެ ވަގުތެއްގައި ހުށަހެޅި އެ މައްސަލާގައި ބާތިލުކުރަން އެދިފައިވަނީ އެ ގާނޫނުގެ ކޮން މާއްދާތަކެއްކަން އަދި ސާފުނުވާ ކަމަށް އެ ކޯޓުން ބުންޏެވެ. އަދި އެ މައްސަލަ ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ ވެސް އެ ކޯޓުން ކަނޑައަޅާފައި ނުވާ ކަމަށް ހައި ކޯޓުން މައުލޫމާތުދިނެވެ.
އެންޓި ޑިފެކްޝަން ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޭޕްރީލް މަހެވެ.
އެންޓި-ޑިފެކްޝަންގެ ގާނޫނުގައި މައިގަނޑު ތިން ހާލަތެއްގައި މަޖިލިސް މެންބަރުން މަގާމުން 'އިސްތިއުފާ ދޭންވާނެ' ކަމަށް ބަޔާންކޮށްފައި އެބައޮތެވެ. އެއީ:
- އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުން
- އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ދަފުތަރުގައި ޖެހުން [ޕާޓީ ބަދަލުކުރުން]
- އަމިއްލަގޮތުން އިންތިޚާބުވާ މެންބަރަކު ޕާޓީއަކަށް ސޮއިކުރުން
މަޖިލިސް މެންބަރު ނިސްބަތްވާ ދާއިރާއެއްގައި ރިކޯލް ވޯޓް ނެގުން ހިމަނައިފައިވާ އެ ގާނޫނުގައިވާ ގޮތުން، ރިކޯލް ވޯޓެއް ނަގައި ހާލަތެއްގައި ޕާޓީ ބަދަލުކުރި މެންބަރަކު އެ ވޯޓު ކާމިޔާބުކޮށްފިނަމަ ޕާޓީ ބަދަލުކުރުމުގެ ހައްގު ލިބޭނެއެވެ. އަދި، ރިކޯލް ވޯޓު ކާމިޔާބު ނުވެއްޖެ ނަމަ އެ މެންބަރެއްގެ މަގާމު ގެއްލޭނެއެވެ.
އެގޮތަށް ހުސްވާ ގޮނޑިތަކަށް އަލަށް މެންބަރުން އިންތިޚާބުކުރަން ބައި-އިލެކްޝަން ބާއްވަން ޖެހޭނެއެވެ. އެގޮތަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު ގޮނޑި ގެއްލޭ ބޭފުޅުންނަށް ވެސް ލިބިގެންވެއެވެ.
ކުރިން 18 ވަނަ މަޖިލީހުގައި ވެސް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކުރިއެވެ.
އެކަމަކު، އެމްޑީޕީ ސަރުކާރު ވެރިކަމަށް އައުމަށް ފަހުގައި ވަނީ އެ ގާނޫނު އުވާލައިފައެވެ. އޭރު ގާނޫނެއް ހަދާފައި އޮތީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށެވެ.
ފަހުން ނިމުނު ރިޔާސީ އިންތިޚާބަށް ފަހުގައި އެމްޑީޕީގެ 14 މެންބަރަކު އާ ސަރުކާރާ ގުޅުމުން އެމްޑީޕީން ވެސް އެންޓި ޑިފެކްޝަން ގާނޫނެއްގެ މުހިއްމުކަން ފާހަގަކުރިއެވެ.