މާލޭގެ އައިޖީއެމްއެޗް ކައިރީގައި މިރޭ ހުރި މީހަކަށް، ސައިކަލެއްގައި ދިޔަ ދެ މީހަކު ވެގެން މަރުތޭލަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ މައްސަލައިގެ ރިޕޯޓް ލިބުނީ 08:41 ހާއިރުކަމަށެވެ.
އެ ހަމަލާގައި އަނިޔާވީ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރިކަން އެނގިފައިނުވާއިރު، ފުލުހުން ވަނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފައެވެ.
މިއަދު މެންދުރުފަހުގެ ވަގުތެއްގައި ވެސް މާލޭގައި މާރާމާރީއެއް ހިންގާފައިވެއެވެ. އެގޮތުން މާވެޔޮ މަގުގައި ހުރި ކެފޭއެއްގެ ބަދިގެ ތެރޭގައި ދެ ބިދޭސީއަކު ވަނީ މާރާމާރީ ހިންގައިފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނެފައިވަނީ، މާރާމާރީ ހިންގީ އެ ކެފޭގައި މަސައްކަތްކުރާ ނޭޕާލް ކައްކާއާއި، ބަންގްލަދޭޝަށް ނިސްބަތްވާ އެހީތެރިޔަކާ ދެމެދު ކަމަށެވެ.
އަނިޔާވި ދެ މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މާރާމާރީގެ 64 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.