"ވޭޕް އޮއިލް"ގެ ނަމުގައި ރާއްޖެ އެތެރެކުރި ޝިޕްމަންޓަކުން މަސްތުވާތަކެތި އަތުލައިގެންފި

މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް އަޅާފައިވާ ޝިޕްމަންޓެއް "ވޭޕް އޮއިލް"ގެ ނަމުގައި ރާއްޖެ އެތެރެ ކުރަނިކޮށް އަތުލައިގެންފިއެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ޝިޕްމަންޓު އަތުލައިގެންފައި ވަނީ ކަސްޓަމުން ކަމަށެވެ. އަދި މިއީ ވޭޕް މަނާކުރުމަށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމެވި އެންމެ ބޮޑު އެއް ސަބަބުކަމަށް މިނިސްޓަރު ލިޔުއްވާފައި ވެއެވެ.

މިނިސްޓަރު ވަނީ މި ޝިޕްމަންޓުގެ ފޮޓޯ އާންމުކޮށްފައެވެ. ބެލެވޭ ގޮތުގައި އެ ޝިޕްމަންޓުގައި ކެނަބިސް އަޅައިގެން ރާއްޖެ އެތެރެކުރަން މަސައްކަތް ކޮށްފައި ވަނީ، ވޭޕަށް އަޅާ ފްލޭވާއެވެ. ފޮޓޯއިން ފެންނަނީ ފޮށިގަނޑުތަކެއްގައި ހުރި ފެހި އަދި ފިޔާތޮށި ކުލައިގެ ފުޅިތަކެކެވެ.

ރާއްޖެއަށް ވޭޕް އެތެރެކޮށް ބޭނުން ކުރުން މަނާ ކުރަން ނިންމަވާފައިވާކަން ރައީސް މިއަދު ހާމަކުރެއްވީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވަނީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށް އަންގަވާފައި ވާކަމަށެވެ.

އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭބެހުން މިއަހަރުގެ ޑިސެމްބަރު 15ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ވަކަމަށް ރައީސްގެ ޕޯސްޓުގައި ވެއެވެ.

https://sun.mv/197899

ރައީސްގެ މި ނިންމެވުމާ ގުޅިގެން ގިނަ ބަޔަކުދަނީ އެކަމަށް ތާއީދުކޮށް ރައީސަށް ތައުރީފު ކުރަމުންނެވެ.

comment ކޮމެންޓް